ބައިޑެން އަދި ކަމަލާ ހެރިސް

އެމެރިކާގެ ރައީސް ޖޯ ބައިޑެން ރިޔާސީ ރޭސް ދޫކޮށްލައްވައިފި

ބައިޑެން ރޭސް ދޫކޮށްލެއްވި ކަން މިރޭ އިއުލާނު ކުރެއްވުމަށް ފަހު ވިދާޅުވީ ދެން އޭނާ ތާއީދު ކުރައްވާނީ އިންޑިއާ ދަރިކޮޅުގެ އަދި އޭނާގެ ނާއިބު ރައީސް ކަމަލާ ހެރިސް އަށް ކަމަށް
22 ޖުލައި 2024

ގައުމަށާއި ޕާޓީއަށް އެންމެ ރަނގަޅު ގޮތަކީ އިތުރު ދައުރަކަށް އެމެރިކާގެ ރައީސްގެ މަގާމާ ވާދަ ނުކުރެއްވުން ކަމަށް ވިދާޅުވެ، ރައީސް ޖޯ ބައިޑަން ރިޔާސީ ރޭސް ދޫކޮށްލައްވައިފި އެވެ. 

ރައީސް ޖޯ ބައިޑެން މިރޭ އެކްސްގައި އެކަން އިއުލާން ކުރެއްވީ ވައިޓް ހައުސްގެ ރޭހުގައި އެމެރިކާގެ ރައްޔިތުން ވޯޓު ލުމަށް ހަތަރު މަސް ދުވަހަށް އިންތިހާބު ކުޑަތަންވެފައި ވަނިކޮށެވެ.

ބައިޑެން އެ ފިޔަވަޅު އެޅުއްވީ މިދިޔަ ޖޫން މަހުގެ ފަހުކޮޅު ރިޕަބްލިކަން ޕާޓީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ބޭއްވި ބަހުސުގައި ބައިޑެންގެ ވަނދު ޑިބޭޓަށް ފަހު، ޑިމޮކްރެޓުންގެ ވަރުގަދަ ޕްރެޝަރުތަކާ ގުޅިގެންނެވެ.

ބައިޑެން ރޭސް ދޫކޮށްލެއްވި ކަން މިރޭ އިއުލާނު ކުރެއްވުމަށް ފަހު ވިދާޅުވީ ދެން އޭނާ ތާއީދު ކުރައްވާނީ އިންޑިއާ ދަރިކޮޅުގެ އަދި އޭނާގެ ނާއިބު ރައީސް ކަމަލާ ހެރިސް އަށެވެ.

އޭނާގެ ސޯޝަލް މީޑިއާ އެކައުންޓަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ރައީސްކަން ކުރެއްވުމަށް ފުރުސަތު ލިބިވަޑައިގަތުމަކީ ހަޔާތުގައި ލިބިވަޑައިގަތް އެންމެ ބޮޑު ޝަރަފު ކަމަށެވެ.

"ދެވަނަ ދައުރަކަށް އިންތިހާބަށް ކުރިމަތި ލެއްވުމަކީ 'އަޅުގަނޑުގެ ވިސްނުމެއް ކަމުގައި ވިޔަސް' އަޅުގަނޑު ދެކޭ ގޮތުގައި، އަޅުގަނޑު ފަހަތަށް ޖެހުމަކީ އަޅުގަނޑުގެ ޕާޓީއަށާއި ގައުމަށް އެންމެ ފައިދާހުރި ގޮތް،" ބައިޑެންގެ ބަޔާނުގައި ވިދާޅުވި އެވެ.

ބައިޑަން ރޭހުން ވަކިވާން ގޮވާލާ އަޑުތައް ގަދަވާން ފެށީ، މިދިޔަ ޖޫން މަހުގެ ފަހުކޮޅު ޑޮނަލްޑް ޓްރަމްޕާ ދެބޭފުޅުން ބޭއްވި ބަހުސުގައި ބައިޑެންނަށް ރަނގަޅަށް ބަހުސު ނުކުރެއްވުމުންނެވެ.

އެ ބަހުސްގައި ބައިޑެން އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވީ ގިނަ ފަހަރަށް ނުތަނަވަސްވެ، ބަލިކަށި އަޑަކުން ވާހަކަ ދެއްކެވުމުންނެވެ.

އެކަމާ ގުޅިގެން އޭނާގެ އަމިއްލަ ޕާޓީގެ ތެރެއިން އޭނާ އެއްފަރާތްވުމަށް ގޮވާލަމުން ދިޔައިރު، ކޮންގްރެސްގެ ގިނަ އަދަދެއްގެ ޑިމޮކްރެޓުން ބުނެފައިވަނީ، ބައިޑެންގެ ސަބަބުން ނޮވެމްބަރު މަހު އޮންނަ އިންތިހާބުގައި ހުދު އެ ބޭފުޅުންގެ ފުރުސަތު ގެއްލުމުގެ ކަންބޮޑުވުން ވެސް އޮތް ކަމަށެވެ.

އަދި ސެނެޓްގައި ތިއްބާވާ ބައެއް ސެނެޓަރުން ވެސް ވަނީ އޭނާ ރޭހުން ވަކިވުމަށް  ގޮވާލައިފަ އެވެ.

ބައިޑަން ނެރުއްވި ބަޔާނެއްގައި ވަނީ އެމަނިކުފާނުގެ ނައިބު ރައީސް ކަމަލާ ހެރިސްއަކީ އާދަޔާ ހިލާފު ބައިވެރިއެއް ކަމަށް ވިދާޅުވެ އެކަމަނާއަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އަންނަ ހަފުތާގައި އެކަމާ ގުޅިގެން ގައުމާ މުހާތަބު ކުރައްވާނެ ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.

ޓަރަމްޕްގެ ޓުރޫތު ސޯޝަލް ޕްލެޓްފޯމްގައި ބައިޑެން އަށް ރައްދު ދެއްވަމުން ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ޖޯ ބައިޑަން އަކީ "ރައީސް ކަމަށް ކުފޫ ހަމަވާ އެކަމަށް އެކަށީގެންވާ ބޭފުޅެއް ނޫން" ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް