ބަންގްލަދޭޝްގައި ހިނގަމުންދާ މުޒާހަރާތަކުގެ ތެރެއިން. (ފޮޓޯ/ރޮއިޓާސް)

ބަންގްލަދޭޝް

ބަންގްލަދޭޝްގައި ކިޔަވާ ނޭޕާލުގެ 800 ދަރިވަރުން ގައުމަށް ގެންގޮސްފި

21 ޖުލައި 2024

ބަންގްލަދޭޝްގެ ކޯޓާ މުޒާހަރާތަކާ ގުޅިގެން އެ ގައުމުގައި ކިޔަވަމުން އަންނަ ނޭޕާލުގެ 800 ވަރަކަށް ދަރިވަރަކު އިއްޔެގެ ނިޔަލަށް ވައިގެ މަގުން ނުވަތަ އެއްގަމު މަގުން ބަންގްލަދޭޝް ދޫކޮށް ނޭޕާލަށް ގެންގޮސްފައިވާ ކަމަށް ނޭޕާލުގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

"ބަންގްލަދޭޝްގެ އެކި ހިސާބުތަކުން ޑާކާ އެއާޕޯޓަށް ނުވަތަ ގުޅުން ހުރި ބޯޑަރު ޕޮއިންޓްތަކަށް ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ޑާކާގައި ހުންނަ ނޭޕާލް އެމްބަސީން ވަނީ ގިނަ ދަރިވަރުންނާ ގުޅިގެން މަސައްކަތް ކޮށްފައި،" ނޭޕާލު ފޮރިން މިނިސްޓްރީން އެކްސްގައި އިއްޔެ ބުންޏެވެ.

ނޭޕާލުން ބުނީ ބަންގްލަދޭޝްގެ ޔުނިވާސިޓީތަކާއި ކަމާ ބެހޭ އިދާރާތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކާ ގުޅިގެން ވެސް ދަރިވަރުންގެ ރައްކާތެރިކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނޭޕާލުގެ ފޮރިން މިނިސްޓްރީން ބުނީ، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހިނގާ ހަމަނުޖެހުންތަކާ ގުޅިގެން ނޭޕާލްގެ ހުރިހާ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށްދޭ ކަމަށެވެެ. 

ސަރުކާރުގެ ވަޒީފާތަކުގެ ކޯޓާ ނިޒާމާ ދެކޮޅަށް ބަންގްލަދޭޝްގެ ދަރިވަރުން ކުރާ މުޒާހަރާތައް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. އެ ކޯޓާ ނިޒާމަކީ ޕާކިސްތާނުގެ ކިބައިން ބަންގްލަދޭޝް މިނިވަންކަން ހޯދުމަށް މަސައްކަތް ކުރި މީހުންގެ އާއިލާތަކަށް ހާއްސަ ކުރާ %30 ކޯޓާ ނިޒާމާ ދެކޮޅަށް ކުރާ މުޒާހަރާތަކެކެވެ.

މުޒާހަރާތައް އެންމެ ވަރުގަދަކޮށް ކުރަނީ ވެރިރަށް ޑާކާގަ އެވެ. އެހެންކަމުން، ސަލާމަތީ ބާރުތަކުން ވަނީ ކާފިއު ތަންފީޒު ކުރުމަށް މަގުތައް ބަންދުކޮށްފަ އެވެ.

ނޭޕާލުގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޯލީ ވިދާޅުވީ ބަންގްލަދޭޝްގައި ތިބި ނޭޕާލްގެ ދަރިވަރުން އެނބުރި ގައުމަށް ގެންދެވޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ. 

"ދަރިވަރުންގެ އާއިލާތަކުގެ ޑިމާންޑާ އެއްގޮތަށް ރޭ ފަތިހު 4ގައި ވަނީ، ސަވަރުގެ އީނަމް މެޑިކަލް ކޮލެޖުގައި ތައުލީމު ހާސިލް ކުރަމުން ދިޔަ 17 ދަރިވަރަކު ޑާކާ އެއާޕޯޓް މެދުވެރިކޮށް އަނބުރާ ގައުމަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސާފައި،" ބޮޑުވަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭނާ އެގޮތަށް ނިންމެވީ ބަންގްލަދޭޝްގައި ކިޔަވަން ތިބި ބައެއް ދަރިވަރުންގެ އާއިލާގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށް ފަހު ކަމަށެވެ.

ފޮރިން މިނިސްޓްރީން އިންތިޒާމްކޮށްފައިވާ އޮންލައިން ފޯމު ފުރުމަށް ވެސް އޭނާ ވަނީ ކަމާ ބެހޭ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ބަންގްލަދޭޝްގައި ޓެލެފޯން ހިދުމަތާއި އެހެނިހެން ނެޓްވޯކްތައް ކަނޑާލާފައިވާތީ ދަރިންނާ ނުވެސް ގުޅޭ ކަމަށް ބުނެ، އެ ކުދިން ސަލާމަތް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އާއިލާގެ މެމްބަރުން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

ފޮރިން މިނިސްޓަރު އަރްޒޫ ރާނާ ދޭއުބާ ވެސް ވަނީ ދަރިވަރުންނާއި އެ މީހުންގެ ބެލެނިވެރިންނާއި ގާތްތިމާގެ މީހުން އެ މިނިސްޓްރީން އިންތިޒާމްކޮށްފައިވާ އޮންލައިން ލިންކް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެދިވަޑައިގެންފަ އެވެ.

ނޭޕާލްގެ 3،500އަށް ވުރެ ގިނަ ދަރިވަރުން ބަންގްލަދޭޝްގައި އެކި ކޯސްތައް ހަދަމުން އަންނައިރު، އޭގެ ތެރެއިން ގިނަ ދަރިވަރުންނަކީ މެޑިސިން ހަދާ ކުދިންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް