އިޒުރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ގިވަޓް ޒޭވްގެ އާބާދީގެ ތެރެއިން ބޯހިޔާވަހިކަމުގެ އާ މަޝްރޫއުތަކެއް [ފައިލް:އޮހަދު ޒަވިގަންބާގް، އޭޕީ

ފަލަސްތީން

ފަލަސްތީނުގެ ބިމުގައި އިޒުރޭލު ދެމި އޮތުމަކީ ގާނޫނާ ހިލާފު ކަމެެއް: ދުނިޔޭގެ ކޯޓް

އިޒުރާއީލުން ހުޅަނގު އައްސޭރި އާއި ގާޒާގެ އިތުރުން އިރުމަތީ ގުދުސް ހިފާފައި ވަނީ 1967 ވަނަ އަހަރު ކުރި ހަ ދުވަހުގެ ހަނގުރާމައި
20 ޖުލައި 2024

އިޒުރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒުރާއީލު ދެމިއޮތުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި ވީހާ ވެސް ހަލުވިކަމާ އެކު އަދި އަވަހަށް އެކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމައިފި އެވެ.

އިޒުރާއީލުން ފަލަސްތީނުގެ ބިންތައް ހިފުމާ ގުޅޭ ގޮތުން 15 ފަނޑިޔާރުންގެ ޕެނަލުން ނެރުނު އެޑްވައިޒަރީ ލަފާ މިދިޔަ ހުކުރު ދުވަހު އައިސީޖޭގެ ރައީސް ނަވާފް ސަލާމް ވަނީ  ވިދާޅުވެދެއްވައިފަ އެވެ.

އެ ލަފައާ އެއް ގޮތަށް އަމަލު ކުރުން މަޖުބޫރެއް ނޫނެވެ.

ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް އިޒުރާއީލުން އަމަލު ކުރާ އެތައް ކަމެއް ފަނޑިޔާރުން ވަނީ ފާހަގަ ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި އިޒުރާއީލުގެ އާބާދީތައް ވަޒަންވެރި ކުރުވައި، އެ ސަރަހައްދުގެ ގުދުރަތީ ވަސީލަތްތައް ބޭނުން ކުރުމާއި ބިންތައް ހިފުމާއި ބިންތަކުގެ މައްޗަށް ދާއިމީ ކޮންޓްރޯލް ހިންގުމާއި ފަލަސްތީން ރައްޔިތުންނާ ދޭތެރޭ ތަފާތުކުރުމުގެ ސިޔާސަތުތައް ހިންގުން ހިމެނެ އެވެ.

އެ ކޯޓުން ބުނީ އެ ސަރަހައްދުތަކުގެ ސިޔާދަތީ އެއްވެސް ހައްގެއް އިޒްރޭލަށް ނޯންނާނެ ކަމަށެވެ. އަދި ބާރުގެ ބޭނުންކޮށްގެން ބިންތައް ފޭރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވެ، ފަލަސްތީނުގެ އަމިއްލަ އިހްތިޔާރުގެ ހައްގަށް ހުރަސް އަޅަމުންދާ ކަމެއް ކަމަށެވެ.

22 އޮގަސްޓް 2023، ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގެ އާންމު މަންޒަރެއްފޮޓޯ:ރޮއިޓާސް

އެ ސަރަހައްދުގައި އިޒްރާއީލުގެ ބާރުވެރިކަން ދެމެހެއްޓުމަށް އެހީތެރިކަން ފޯރުކޮށްނުދިނުމަށް އެހެން ގައުމުތަކަށް ލާޒިމު ނުވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. 

 ސަލާމް އިއްވި ހުލާސާ ބަޔާނުގައިވާ ގޮތުން އިޒްރޭލުން މިހާރުން މިހާރަށް ސެޓްލްމަންޓް ހެދުމުގެ މަސައްކަތް ހުއްޓާލައި މިހާރު ގާއިމުވެ، ތިބި އާބާދީތައް ވެސް ވަގުތުން ފައިބާން ޖެހޭނެ އެވެ.

އިޒުރާއީލުން އިޒުރާއީލުގެ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ފަލަސްތީނުގެ ބިމުގައި ދެމި ތިބުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.

"ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި އިޒުރޭލުގެ އާބާދީތަކާއި އެމީހުންނާ ގުޅިފައިވާ ވެރިކަން ދަމަހައްޓަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް،" ކޯޓުގެ ނިންމުމުގައިވެ އެވެ.  

އެ ކޯޓުން އެފަދަ ލަފައެއް ނެރުނީ 2022 ވަނަ އަހަރު އދ.ގެ އާންމު މަޖިލީހުން އެދުމުގެ މަތީންނެވެ.

ދުނިޔޭގެ ކޯޓްގެ ނަމުން ވެސް މަޝްހޫރުވެފައިވާ އައިސީޖޭ އަކީ ގައުމުތަކުގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް އަޑުއެހުމަށް ކަނޑައަޅާފައިވާ އދ.ގެ އެންމެ މަތީ އިދާރާ އެވެ.

އިޒުރާއީލުން ހުޅަނގު އައްސޭރި އާއި ގާޒާގެ އިތުރުން އިރުމަތީ ގުދުސް ހިފާފައި ވަނީ 1967 ވަނަ އަހަރު ކުރި ހަ ދުވަހުގެ ހަނގުރާމައިގަ އެވެ. އަދި އޭގެ ފަހުން ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި އާބާދީތައް ހަދައި، އެ ތަންތަން މަޑުމަޑުން ފުޅާކުރަމުން ދިޔަ އެވެ. އަދި 2005 ވަނަ އަހަރު ފަލަސްތީނުން އިޒުރޭލު ފޭބުމުގެ ކުރިން ގާޒާގައި ވެސް އާބާދީތައް ހަދާފައިވެ އެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ރައީސް ފަނޑިޔާރު ނަވާފް ސަލާމް [ފައިލް: ޔެވްސް ހަރްމަން/ރޮއިޓާސް]

އދ. އާއި ބައިނަލްއަގްވާމީ މުޖުތަމައުގެ ބޮޑު ބައެއް ގަބޫލުކުރާ ގޮތުގައި ފަލަސްތީނުގެ ސަރަހައްދަކީ އިސްރާއީލުން ހިފާފައިވާ ސަރަހައްދެކެވެ.

'މިއީ މިކަން ނިންމަން ޖެހޭ ވަގުތު'

ފަލަސްތީނުގެ ހާރިޖީ ވަޒީރު ރިޔާދު މާލިކީ ނޫސްވެރިންނަށް ވިދާޅުވީ މި ހުކުމަކީ ފަލަސްތީނަށް، އިންސާފާއި ބައިނަލްއަގްވާމީ ގާނޫނުތަކުން ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމުގެ އިޝާރާތެއް ލިބިފައިވާ  ހުކުމެއް ކަމަށެވެ.

"އައިސީޖޭގެ ގާނޫނީ އަދި އަހުލާގީ މަސްއޫލިއްޔަތުތައް އަދާކުރި މިއީ ތާރީހީ ހުކުމެއް،" މާލިކީ ވިދާޅުވި އެވެ.

އަދި އޭނާ ވިދާޅުވީ ހުރިހާ ދައުލަތްތަކަކުން ވެސް މިހާރު އެ މީހުންގެ ވާޖިބުތައް ފުރިހަމައަށް ދަމަހައްޓަންވާނެ ކަމަށެވެ. އެ ގޮތުން ފަލަސްތީންގެ ބިންތަކުގައި އިޒުރާއީލުން ތިބުމަށް އެއްވެސް އެހީއެއް، ބައިވެރިވުމެއް، ފައިސާއެއް، ހަތިޔާރެއް، ވިޔަފާރިއެއް އެއްވެސް ގައުމަކަށް ކުރެވިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެފަދަ އެހީއެއް ވާނީ އިޒުރާއީލުން ގާނޫނާ ހިލާފަށް ފަލަސްތީންގެ ބިންތައް ހިފުމަށް ވެދެވޭ އެހީތެރި ކަމެއް ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ފަލަސްތީނުން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިޔާދު މަންސޫރު ވިދާޅުވީ  އެ ހުކުމަކީ އިޒުރާއީލުގެ އިސްތިއުމާރީ ބާރު ކަނޑުވާލުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ އަމިއްލަ އިހުތިޔާރުގެ ހައްގާއި ދައުލަތުގެ ހައްގާއި އެނބުރި ގައުމަށް އައުމުގެ ހައްގު ލިބޭ ނިންމުމެއް ކަމަށެވެ.

އެނބުރި ދިއުމުގެ ހައްގަކީ 1948 ވަނަ އަހަރުގެ ނަކްބާ އާއި 1967 ވަނަ އަހަރުގެ އަރަބި-އިޒުރާއީލު ހަނގުރާމައިގައި މަޖުބޫރުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވި ފަލަސްތީނު މީހުން އެމީހުންގެ ވަޒަނަށް އެނބުރި ދިއުމުގެ ހައްގެވެ.

އިޒްރޭލުގެ ހާރިޖީ ވުޒާރާއިން ވަނީ އެ ލަފަޔަކީ "އަސާސީ ގޮތުން ގޯސް" އަދި ވަކިފަރާތަކަށް ބުރަވެފައިވާ ލަފައެއް ކަމަށް ބުނެ އެކަމަަށް އިންކާރުކޮށްފަ އެވެ.

އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހުކުމަކީ ހަގީގަތް އޮޅުވާލައި، ދޮގުގެ ނިންމުމެއް ކަމަށާއި "ޔަހޫދީންނަކީ އެމީހުންގެ އަމިއްލަ ބިން އަމިއްލައަށް ހިސޯރު ކުރާ ބައެއް ނޫން" ކަމަށެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރައްވާ ޖެފްރީ ނީސް އަލްޖަޒީރާއަށް ވިދާޅުވީ އައިސީޖޭގެ ހުކުމަކީ އަމަލު ކުރުން މަޖުބޫރު ނިންމުމެއް ނޫން ނަމަވެސް އެއަށް މުޅިން "އިހުމާލު" ވުމަށް ދުނިޔޭގެ ލީޑަރުންނަށް އުނދަގޫވާނެ ކަމަށެވެ.

ގާޒާގެ ދެކުނުގެ ސިޓީ، ރަފާހުގައި ފަލަސްތީނުގެ އެތައް ހާސް ބަޔަކު ހިމާޔަތް ހޯދަމުންދާތީ އަދި އެތަނަށް ހަމަލާ ދިނުމަކީ އެތައް ހާސް ބަޔަކު މަރުވެދާނެ ކަމުގެ ނުރައްކާ ބޮޑުކަމެއް ކަމަށް ބުނެ އިޒްރޭލުންދޭ ހަމަލާތައް ހުއްޓާލުމަށް އައިސީޖޭއިން ވަނީ މިދިޔަ މެއި މަހު ވެސް އަމުރުކޮށްފަ އެވެ. ނަމަވެސް އިޒުރާއީލުން ދަނީ އދ.ގެ ކޯޓާ ހިލާފަށް ރަފާހް ހިމެނޭ ގޮތަށް ގާޒާއަށް ހަމަލާތައް ދެމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް