ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިސް މެމްބަރު އެޑަމް ޝިފް ވަނީ ރައީސް ޖޯ ބައިޑަން ރޭސް ދޫކޮށްލެއްވުމަށް ގޮވާލައްވާފައި [ފައިލް: ޖޮނަތަން އާންސްޓް/ރޮއިޓާސް]

ބައިޑަން ރިޔާސީ ރޭސް ދޫކޮށްލުމަށް ޑިމޮކްރެޓިކް ޕާޓީގެ ނުފޫޒު ގަދަ އެޑަމް ޝިފް ގޮވާލައްވައިފި

18 ޖުލައި 2024

ޑިމޮކްރެޓިކް ޕާޓީގެ ނުފޫޒުގަދަ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އެޑަމް ޝިފް، ވެސް ރައީސް ޖޯބައިޑަން މި އަހަރުގެ ރިޔާސީ އިންތިހާބުގެ ރޭހުން ވަކިވުމަށް ގޮވާލާ ގޮވާލުންތަކުގައި ބައިވެރިވެވަޑައިގެންފި އެވެ.

ބުދަ ދުވަހު އެމެރިކާގެ މީޑިއާތަކަށް ފޮނުއްވި ބަޔާނެއްގައި ޝިފް ވިދާޅުވީ އަންނަ ނޮވެމްބަރު މަހު ވޯޓު ފޮށިން ކުރީގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ބަލިކުރެއްވުމުގެ ގާބިލުކަން ރައީސް ޖޯބައިޑެންގެ ހުރި ކަމާ ދޭތެރޭ  ވަރަށް ބޮޑު ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ.

"ކެމްޕޭނުން ވަކިވެވަޑައިގަތުމުގެ އިހުތިޔާރަކީ ހަމައެކަނި ރައީސް ބައިޑަންއަށް އޮތް އިހުތިޔާރަކަށްވާ އިރު، އަޅުގަނޑަށް ގަބޫލުކުރެވެނީ މިއީ އެމަނިކުފާނު ދަންމަރު ބަދަލުކުރަންވީ ވަގުތު ކަމަށް،" ކުރިއަށް އޮތް އިންތިހާބުގައި ކެލިފޯނިއާގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވޭ ޝިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުގައި ޓްރަމްޕް ބަލިކުރުމުގެ ފުރުސަތު އެ ބޭފުޅުންނަށްދީ، އަދި ބައިޑެންގެ ލީޑާޝިޕްގެ ލެގަސީ ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.

ޝިފް އަކީ ބައިޑެންގެ ލީޑަޝިޕް ނިންމަވާލެއްވުމަށް ގޮވާލެއްވި ކޮންގްރެސްގެ އެންމެ ފަހުގެ ޑިމޮކްރެޓިކް މެމްބަރެވެ. މިދިޔަ މަހުގެ ފަހުކޮޅު ބައިޑަން އާއި ޓްރަމްޕްގެ ޑިބޭޓަށް ފަހު، ބައިޑެންގެ އުމުރާއި ވައިޓް ހައުސްގައި އިތުރު ދައުރެއް އަދާކުރެއްވުމުގެ ގާބިލުކަމާ މެދު ކަންބޮޑުވުން ފާޅުކުރާ މީހުންގެ އަދަދު ގިނަވަމުންނެވެ.

ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓް ނައިބު ރައީސް ކަމަލާ ހެރިސް ނުވަތަ ގާބިލު އެހެން ބޭފުޅަކު ބަދަލުކުރުމަށް ގޮވާ ގޮވާލުންތަކާ ރައީސް ބައިޑެން،81، ގެންދަވީ ދެކޮޅު ހައްދަވަމުންނެވެ. އަދި އޭނާ ވިދާޅުވީ ކުރައްވަން ޖެހޭ އިތުރު މަސައްކަތްތަކެއް އެބަހުރި ކަމަށެވެ.

ކަޅު ނަސްލުގެ އެންމެ ބޮޑު މަދަނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ، އެންއޭއޭސީޕީގެ ގައުމީ ކޮންވެންޝަންގައި އަންގާރަ ދުވަހު ދެއްވި ތަގުރީރުގައި ބައިޑަން ވަނީ ރިޕަބްލިކަން ޕާޓީގެ ވާދަވެރިޔާގެ ސިޔާސަތުތަކަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

 އެސޯސިއޭޓެޑް ޕްރެސް ނިއުސް އެޖެންސީ އާއި އެމެރިކާގެ އެހެން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޮގަސްޓް މަހުގެ ފުރަތަމަ ހަފުތާގައި ބައިޑަން ރަސްމީކޮށް ނޮމިނޭޓް ކުރުމަށް ވާޗުއަލް ވޯޓެއް ނެގުމަށް ޑިމޮކްރެޓުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެއީ ޑިމޮކްރެޓިކް ނޭޝަނަލް ކޮންވެންޝަންގެ ކުރި އެވެ. އެ ޕާޓީގެ ޑިމޮކްރެޓިކް ނޭޝަނަލް ކޮންވެންޝަން އޮންނާނީ އޮގަސްޓް މަހުގެ 19 އިން 22 އަށް ޗިކާގޯގަ އެވެ. އާންމުގޮތެއްގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަށަވަރުވާނީ އެ ކޮންވެންޝަންގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް