ބަޑީގެ ހަމަލާގައި ޓްރަމްޕް ޒަހަމްވެވަޑައިގެންނެވި ވަގުތު ސީކްރެޓް ސާވިސް އޭޖެންޓުން އޭނާއަށް ރައްކާތެރިކަން ދެނީ. (ފޮޓޯ/ރޮއިޓާސް)
އެމެރިކާގެ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްވުމެއްގައި ވާހަކަދައްކަވަމުން ގެންދަވަނިކޮށް މީހަކު ދިން ބަޑީގެ ހަމާލެއްގައި ޒަހަމްވެވަޑައިގެންފި އެވެ.
ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޓްރަމްޕް އަވަހާރަކޮށްލުމަށް ދިން ކަމަށް ބެލެވޭ މި ހަމަލާގައި ވަޒަން އެރީ އޭނާގެ ކަންފަތަށެވެ. އެ ޒަހަމުން އައި ލޭ ޓްރަމްޕްގެ މޫނުމަތިން އޮހޮރެމުންދިޔަ މަންޒަރު ފެނުނެވެ.
ޕެންސިލްވޭނިއާގައި ދިން މި ހަމަލާގައި ބަޑިޖެހުމާ އެކު ޓްރަމްޕް ވަނީ ރައްކާތެރިކަން ހޯއްދެވުމަށް ޕޯޑިއަމްގެ ފަހަތަށް ތިރިވެވަޑައިގެންފަ އެވެ. އަދި ސެކިއުރިޓީ އޭޖެންޓުން ވަގުތުން އޭނާ ވަށާލައި އެތަނުން ގެންދިޔުމުގެ ކުރިން، އަތް މައްޗަށް ނަންގަވައި ސަޕޯޓަރުންނަށް ހިތްވަރުދެއްވި އެވެ.
ބަޑިޖެހި މީހާ އާއި އެއްވުމުގެ ބައިވެރިއަކު ވަނީ މަރުވެފަ އެވެ. އަދި އެއްވުމުގައި ތިބި އިތުރު ދެ މީހަކު ޒަހަމްވި އެވެ.
ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މައްސަލަ ތަހުގީގުކުރަމުން ގެންދަނީ ޓްރަމްޕް އަވަހާރަކޮށްލުމަށް ދިން ހަމަލާއެއްގެ ގޮތުގަ އެވެ.
ހަމަލާދިން މީހާ ބަޑިޖެހުމުގެ ކުރިން ރައިފަލެއް ހިފައިގެން ފުރާޅެއް މަތީ އޮއްވާ ފެނިގެން ފުލުހުންނަށް އެކަން އަންގާފައިވާނެ ކަމަށް، މަންޒަރު ދުށް މީހަކު ވަނީ ބީބީސީއަށް ކިޔައިދީފަ އެވެ.
ޓްރަމްޕްގެ ވާދަވެރިޔާ، ޑިމޮކްރެޓިކް ކެންޑިޑޭޓް އަދި ރައީސް ޖޯ ބައިޑެން އާއި ނާއިބު ރައީސް ކަމަލާ ހެރިސް ވަނީ މި ހަމަލާ ކުށްވެރިކުރައްވައި ބަޔާން ނެރުއްވައިފަ އެވެ.
ކޮމެންޓް (1)
ނަފްސާ