އަންދްރެޒާ ޑި ލީމާ ޖޮއެލް އޭނާގެ ފިރިމީހާ ރޮނާލްޑް ރޮލޭންޑާ އެކު ޗުއްޓީ ހޭދަކުރާ ދުވަސްތައް އިންސްޓަގްރާމްގައި ވަރަށް ގިނައިން ދައްކާލަނީ (ފޮޓޯ/ ޓީވީ ގްލޯބޯ)

ބްރެޒިލް

އަނބިމީހާގެ އިންސްޓަގްރާމް ޕޯސްޓުން ހުރި ތަން ބުނުމުން ބްރެޒިލްގެ ޑްރަގް މީހަކު ހައްޔަރުކޮށްފި

އަނބިމީހާގެ ސޯޝަލް މީޑިއާ ޕޯސްޓްތަކުން، ޕެރިހާއި ދުބާއީ އާއި ރާއްޖެ އަދި ކޮލަމްބިއާއަށް ފިރިމީހާ ކުރި އަގު ބޮޑު ދަތުރުތައް ދައްކަމުން ދިޔަ އިރު، އޭނާ އުޅޭ ތަން ދެނެގަތުމަށް ފުލުހުންނަށް އެހީތެރިވެ ދިން
14 ޖުލައި 2024

ދެ އަހަރު ވަންދެން ކާމިޔާބުކަމާ އެކު ފިލައިގެން އުޅެނިކޮށް ބްރެޒިލްގެ މަސްތުވާތަކެތީގެ ވިޔަފާރީގެ 'ބޮޑު' ރޮނާލްޑް ރޮލޭންޑް ފުލުހުން އަންގާރަ ދުވަހު ހައްޔަރުކޮށްފި އެވެ.

ބްރެޒިލްގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރޮލޭންޑް، 50، ފުލުހުން ހައްޔަރުކުރީ އޭނާގެ އަންހެނުން އަންދްރޭޒާ ޑި ލީމާގެ ސޯޝަލް މީޑިއާގައި ތިބި ތަން އެނގޭ ގޮތަށް ކުރި ޕޯސްޓަކާ ގުޅިގެންނެވެ.

އޭނާ އަކީ މެކްސިކޯގައި ފުޅާ ދާއިރާއެއްގައި މަނީ ލޯންޑަރިން ސްކީމެއް ހިންގުމާއި މަސްތުވާތަކެތީގެ ބާވަތްތައް ސަޕްލައި ކުރި ކަމުގެ ތުހުމަތު ކުރެވޭ މީހެކެވެ.

ބްރެޒިލްގެ އޮފިޝަލުން ބުނާ ގޮތުގައި، ރޮލާން އަކީ މެކްސިކޯގެ ކާޓެލްތަކާ އެކު މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެކެވެ.

އޭނާ ހައްޔަރު ކުރީ އޭނާގެ ދެވަނަ އަނބިމީހާ އަންދްރޭޒާ ޑި ލީމާ ޖޮއެލް އާއި އެ މީހުންގެ އަންހެން ދަރިފުޅު ނިދާފައި ތިއްބައި ފުލުހުން ދޮރު ފަޅާލައިގެން ވަދެ އެވެ.

ބްރެޒިލްގެ ސްޓޭޝަން ޓީވީ ގްލޯބޯގެ ކަރަންޓް އެފެއާޒް ޝޯ ފެންޓަސްޓިކޯ އިން ބުނި ގޮތުގައި ޑި ލީމާ އިންސްޓަގްރާމްގައި އެ ދެމަފިރިންގެ ފޮޓޯތައް ޕޯސްޓް ކުރަމުން ދިއުމުން ރޮނާލްޑް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިގަތެވެ.

ޕެރިހާއި ދުބާއީ އާއި ރާއްޖެ އަދި ކޮލަމްބިއާއަށް ފިރިމީހާ ކުރި އަގު ބޮޑު ދަތުރުތައް ދައްކަމުން ދިޔަ އިރު، އޭނާ އުޅޭ ތަން ދެނެގަތުމަށް ފުލުހުންނަށް އެހީތެރިވެދިނެވެ.

މިއީ އޭނާގެ އަނބިމީހާގެ ސޯޝަލް މީޑިއާ ހަރަކާތުގެ ސަބަބުން ރޯލަންޑް ހައްޔަރުކުރި ފުރަތަމަ ފަހަރެއް ނޫނެވެ.

ރޮލޭންޑް 2019 ވަނަ އަހަރުގެ ޖުލައި މަހު ހައްޔަރު ކުރީ އިންޓަޕޯލްގެ ލިސްޓުގައި ހިމެނިފައި ވަނިކޮށެވެ. އެ ފަހަރު އޭނާ ހައްޔަރުކުރީ އޭނާގެ ކުރީގެ އަނބިމީހާ ސައޯ ޕައުލޯގެ އިރުމަތީ ޒޯންގައި އުޅެނިކޮށް އެ ދެމަފިރިން ސޯޝަލް މީޑިއާގައި އުޅޭ ތަނެއް ޓެގްކޮށް ޕޯސްޓެއް ކުރުމުންނެވެ.

ޖެހިގެން އައި އަހަރު އޭނާ ދޫކޮށްލި އެވެ.

ފެޑެރަލް ފުލުހުން މިދިޔަ އަންގާރަ ދުވަހު ބުނެފައި ވަނީ ހަތް ސްޓޭޓެއްގައި ފުލުހުންގެ 280 އޮފިސަރަކު ހިންގި އޮޕަރޭޝަނެއްގައި އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ރޮލޭންޑް ހިމެނޭ ކަމަށެވެ.

އެ ހާދިސާއަށް ފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ތެރޭގައި 34 ލަގްޒަރީ ކާރާއި ދެ ޕްރައިވެޓް ޖެޓާއި އަގު ބޮޑު ގަޑިތަކާއި ހަތިޔާރާއި ފައިސާގެ ބާވަތްތައް ހިމެނެ އެވެ.

އެ އޮޕަރޭޝަންގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ "ކޮމްޕްލެކްސް" އަދި "ހަރުކަށި" ރިންގެއް ވަނީ ފޫއަޅުވާލައިފަ އެވެ. އެ ރިންގަކީ "އެތައް ކުށްތަކަކުން ހޯދާފައިވާ މުދާތައް ކެމަފޮލާޖުކޮށްގެން" އެތައް އަހަރެއް ވަންދެން ހޭދަކޮށްފައިވާ ރިންގެކެވެ.

ރޮލޭންޑްގެ މުއްސަނދިކަން ފަސް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 860 މިލިއަން ޕައުންޑަށް އިތުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ ވަގު ވިޔަފާރި އެނބުރުމަށް 100އަށް ވުރެ ގިނަ ކަރުދާސް ކުންފުނިތައް ހިމެނޭ އިރު، އޭގެ ތެރޭގައި ރޮނާލްޑްގެ އަންހެނުން ގުއާރުޖާގައި ހުންނަ ބިކިނީ ފިހާރަ ވެސް ހިމެނެ އެވެ.

އަދި އެ ފައިސާ ބޭނުންކޮށްގެން 430،000 ޕައުންޑުގެ މަތިންދާބޯޓެއް ގަނެފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

ފެޑެރަލް ފުލުހުން އަތުލައިގަތް މުދާ ތަކުގެ ތެރޭ ހިމެނޭ ޖެޓެއް (ފޮޓޯ/ޕޮލިސިއާ ފެޑެރަލް)

އެ ކުންފުނިތަކުގެ ތެރޭގައި ސިވިލް ކޮންސްޓްރަކްޝަން އަދި އޭވިއޭޝަނުން ފެށިގެން ކްރިޕްޓޯކަރަންސީ އަދި ކޮމާސް ފަދަ ކުންފުނިތައް ހިމެނޭ އިރު، 200 މީހުން ވަނީ މި ސްކީމް ދަމަހައްޓައިފަ އެވެ.

އިންޓެލިޖެންސް އޮފިޝަލުން ބުނާ ގޮތުގައި، އެ ސްކީމްގައި ބައިވެރިވި މީހުން އޭޓީއެމްތަކަށް ފައިސާ ޖަމާކުރުމުގެ ކުރިން ކުނި ކޮތަޅުތަކުގައި ފައިސާ ރައްކާކޮށްފައި ހުއްޓެވެ.

ރޮލޭންޑް އަކީ ވީހާ ވެސް ގިނަ ދުވަސްތަކެއް ވަންދެން އެކަހެރިކޮށް އުޅުނު މީހެކެވެ. ނަމަވެސް، 2019 ވަނަ އަހަރު އުބާލަންޑިއާގެ މަތީ ފަންތީގެ އެޕާޓްމަންޓަކަށް އޭނާ ބަދަލުވުމުން ގިނަ ބައެއްގެ ސަމާލުކަން ނުލިބުނެވެ.

މަތީ ފަންތީގެ 34 ކާރެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ (ފޮޓޯ: ޕޮލިސިއާ ފެޑެރަލް)

"އެއް ދުވަހު މި އަންނަނީ 500،000 ޑޮލަރުގެ ވެހިކަލެއް ހިފައިގެން ގެއަށް. އޭގެ ވިދިގެން އަންނަ ހަފުތާގައި މިއަންނަނީ 1،000،000 މިލިއަން ޑޮލަރުގެ ވެހިކަލަކާ އެކު. އަނެއް ހަފުތާގައި މިއަންނަނީ 800،000 ޑޮލަރުގެ ވެހިކަލެއް ހިފައިގެން،" ފުލުހުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް