އުމް ހުދައިފާގެ ނަމުން މަޝްހޫރުވެފައިވާ އަސްމާ މުހައްމަދު ބީބީސީއަށް ބުނީ އައިއެސްގެ ޖަރީމާތަކުގައި އޭނާ ބައިވެރިނުވާނެ ކަމަށް

އިރާގު

ައަބޫކަރު އަލް ބަގުދާދީގެ ހުވަަފަތް އަދި ދޮށީ އަނބިމީހާ މަރަން ހުކުމްކޮށްފި

11 ޖުލައި 2024

ޖިހާދީ ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ލީޑަރު އަބޫބަކުރު އަލް ބަގުދާދީގެ ދޮށީ އަންހެނުންގެ މައްޗަށް އިރާގުގެ ކޯޓަކުން މަރުގެ ހުކުމް އިއްވާފައިވާ ކަމަށް އެ ގައުމުގެ ޝަރުއީ ދާއިރާ އިން ބުނެފި އެވެ.

ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވީ ހަރުކަށި ފިކުރުގެ ޖަމާއަތާ ގުޅިގެން މަސައްކަތްކޮށް ޔަޒީދީ އަންހެނުން ހިފެހެއްޓުމުގެ ކުށުގައި ކަމަށް ސުޕްރީމް ޖުޑީޝަލް ކައުންސިލުން ބުނެ އެވެ.

ދާހިލީ ވުޒާރާގެ އޮފިޝަލަކު އޭނާއަށް ނިސްބަތް ކުރަނީ އުމް ހުދައިފާގެ ނަމުންނެވެ. އޭނާގެ ނަމަކީ އަސްމާ މުހައްމަދެވެ.

އޭނާގެ ގާނޫނީ ވަކީލުގެ ބަހެއް ލިބިފައި ނުވި ނަމަވެސް ދާދި ފަހުން ބީބީސީއަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ އައިއެސްގެ ޖަރީމާތަކުގައި ނުވަތަ ޔަޒީދީ އަންހެނުން ވަގަށް ނަގައި އަޅުވެތިކުރުމުގައި އޭނާ ބައިވެރިވެފައި ނުވާނެ ކަމަށް ބުނެފަ އެވެ.

އޭނާ ބަގުދާދީއާ ކައިވެނި ކުރީ ގާތްގަނޑަކަށް އަށް މިލިއަން މީހުން ދިރިއުޅެމުން އަންނަ އިރާގާއި އަވަށްޓެރި ސޫރިޔާގެ ބޮޑު ބައެއްގައި އެ ޖަމާއަތުގެ އަނިޔާވެރި ބާރުވެރިކަން ދަމަހައްޓަމުން ދަނިކޮށެވެ.

އެ ޖަމާއަތުގެ އަސްކަރީ ނާކާމިޔާބީއަށް މަސްތަކެއް ފަހުން 2019 ވަނަ އަހަރު އެމެރިކާ ސިފައިން ވަނީ ބަގުދާދީ އާއި އޭނާގެ އާއިލާގެ ބައެއް މެމްބަރުން ފިލައިތިބި ސީރިއާގެ ހުޅަނގު އުތުރުގައި ހުރި ތަނަށް ވަދެ ބަލައި ފާސްކޮށްފަ އެވެ. ވަށައިގެން ބައްދާލުމުން ބަގުދާދީ އަމިއްލަ އަށް ގޮއްވާލައިގެން ދެ ދަރިންނާ އެކު މަރުވި އެވެ. އަދި ބަޑީގެ ހަމަލާތަކުގައި އޭނާގެ ހަތަރު އަނބިންގެ ތެރެއިން ދެ އަނބިން މަރުވި އެވެ.

އެ ތަނުގައި އުމް ހުދައިފާ އޭރު ނެތުނީ ވަގު ނަމެއްގައި ތުރުކީގެ ދެކުނުގައި އުޅެނިކޮށް 2018 ވަނަ އަހަރު ހައްޔަރު ކުރުމުންނެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އޭނާ އިރާގަށް ފޮނުވާލައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ އިރު، ޓެރަރިޒަމާ ގުޅުންހުރި ކުށްތަކުގެ ތުހުމަތުގައި ކަމާބެހޭ ފަރާތްތަކުން ވަނީ އޭނާގެ މައްސަލަ ތަހުގީގުކޮށްފަ އެވެ.

އދ.ގެ އިންވެސްޓިގޭޓަރުން ބުނަނީ އައިއެސްއިން ޔަޒީދީ ދީނީ މަދު އާބާދީއާ ދެކޮޅަށް ޖަރީމާ އާއި އެނޫން ވެސް އެތައް ލާއިންސާނީ އެތައް ކަމެއް ކޮށްފައިވާ ކަމުގެ ސާފު އަދި ޔަގީންކުރެވޭ ހެކި ލިބިފައިވާ ކަމަށެވެ. އަދި އެ މީހުންނަށް މަޖުބޫރު ކުރަމުން ދިޔައީ އިސްލާމްވުމަށް ނުވަތަ މަރުވުމަށް ކަމަށެވެ.

އެތައް ހާސް ޔަޒީދީން މަރާލާފައިވާ އިރު، އެތައް ހާސް ބަޔަކު އަޅުވެތި ކުރި އެވެ. އަދި އަންހެނުންނާއި ކުޑަކުދިން އެމީހުންގެ އާއިލާތަކުން ވަގަށް ނަގައި، ސިލްސިލާ ރޭޕާއި އެހެނިހެން ޖިންސީ އަނިޔާ ފަދަ އެތައް އަނިޔާތައް ވެސް ކޮށްފައިވާ ކަން ވެސް ވަނީ ޔަގީންވެފަ އެވެ.

 އުމް ހުދައިފާ ބީބީސީއަށް ބުނީ އޭނާގެ ފިރިމީހާ އަކީ ކުށެއް ނެތް އެތައް ބައެއްގެ ލޭ އަތުގައި ހޭކިފައިވާ މީހެއް ކަމަށް ޝަކުވާކޮށް ކުރިމަތިލާފައިވާނެ ކަމަށެވެ. އަދި ޔަޒީދީ އަންހެނުންނާއި ކުޑަކުދިންނަށް ދިމާވި ކަންތައްތަކާ މެދު ވަރަށް ދެރަވާ ކަމަށާއި އޭގެ ތެރެއިން މަދުވެގެން ނުވަ މީހަކު އަޅުންގެ ގޮތުގައި އޭނާގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް