އިންޑިއާގެ އޮފިޝަލުން ބުނަނީ ހަނގުރާމަވެރިން ކަމަށް ޝައްކުކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް

އިންޑިއާ

ހަނގުރާމަވެރި ޖަމާއަތަކުން ހަމަލާދީ ކަޝްމީރުގައި އިންޑިއާ ސިފައިންގެ 5 މީހަކު މަރާލައިފި

މިދިޔަ ޖޫން މަހުން ފެށިގެން ޖައްމޫ ސަރަހައްދުގައި މިހާތަނަށް ހަތް ހަމަލާއެއް ދީފައިވޭ
9 ޖުލައި 2024

އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ކަތުއާ ޑިސްޓްރިކްޓްގައި ހަނގުރާމަވެރިން ދިން ހަމަލާއެއްގައި އިންޑިއާ ސިފައިންގެ ފަސް މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

އިންޑިއާގެ އަސްކަރީ ވެހިކަލްތަކުގައި ތިބި ސިފައިންގެ ގަޔަށް ބަޑިޖެހީ ކައިރީގައި އޮންނަ ފަރުބަދައެއްގެ ނިވަލުގައި ފޮރުވިގެން ތިބި ހަނގުރާމަވެރި ޖަމާއަތަކުން ކަމަށް އިބުތިދާއީ ރިޕޯޓްތައް ބުނެ އެވެ.

އަދި ސަޕޯޓް ޓީމުތަކުން ވަރަށް އަވަހަށް އައިސް ހަމަލާދިން މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

ކަޝްމީރުގައި 1989 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ވެރިކަމާ ދެކޮޅަށް ހަތިޔާރު އެޅި ހަރުކަށި ފިކުރުގެ މީހުންގެ ހަމަލާތައް ބަދަލުކުރަމުން ދިޔަ ނަމަވެސް، ފަހަކަށް އައިސް އެ ހަމަލާތައް ވަނީ މަދުވެފަ އެވެ.

އެ ސަރަހައްދުގައި ހަމަނުޖެހުންތައް އިތުރުވަމުން އަންނަތާ މަހެއްހާ ދުވަސް ވަނީވެފަ އެވެ. އަދި ޖައްމޫގައި ހޯމަ ދުވަހުގެ މެންދުރު ދިން ހަމަލާއަކީ އެ ހަމަލާތަކަށް އިތުރުވި ބޮޅެކެވެ.

މިދިޔަ މަހު އެ ސަރަހައްދުގައި ހިންދޫ ހައްޖުވެރިން ގޮވައިގެން ދަތުރުކުރި ބަހަކަށް ހަނގުރާމަވެރިން ދިން ބަޑީގެ ހަމަލާތަކުގައި ނުވަ މީހަކު މަރުވެ، 33 މީހަކު ޒަހަމްވި އެވެ.

ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް ވިދާޅުވީ އެންމެ ފަހުން ދިން ހަމަލާގައި ގެއްލުނު ފުރާނައާ މެދު ހިތާމަ ކުރައްވާ ކަމަށެވެ.

"މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށް، މި ދަތި ދަނޑިވަޅުގައި ވެސް ގައުމު އޮތީ އެފަރާތްތަކާ އެކު ސާބިތުކަމާ އެކު،" އޭނާ ވިދާޅުވި އެވެ.

"ޓެރަރިޒަމާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް ކުރިއަށްދާ އިރު، މި ސަރަހައްދުގައި ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް ސިފައިން ތިބީ އަޒުމް ކަނޑައަޅައިގެން،" އޭނާ ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހަނގުރާމަވެރިން ހަމަލާދޭން ފެށީ ފަރުބަދައެއް މަތީގައި ތިބެގެން ތިރީގައި ތިބި މީހުންނާ ދިމާއަށެވެ. އެ މީހުން ފައިބައިގެން ދިޔައީ މައިގަނޑު ގޮތެއްގައި އެއް ޓްރަކަކަށް އަމާޒުކޮށްގެންނެވެ.

އިންޑިއާ ސިފައިންގެ ފަސް މީހަކަށް އަނިޔާވެފައިވާ ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ.

މިދިޔަ ޖޫން މަހުން ފެށިގެން ޖައްމޫ ސަރަހައްދުގައި މިހާތަނަށް ހަތް ހަމަލާއެއް ދީފައިވެ އެވެ.

އެންމެ ފަހުން ދިން ހަމަލާއަކީ މަހެއްހާ ދުވަހުގެ ތެރޭގައި ކަތުއާ ޑިސްޓްރިކްޓްގައި ހިނގި ދެވަނަ ބޮޑު ހާދިސާ އާއި ދެ ދުވަސް ތެރޭ ޖައްމޫގައި އަސްކަރިއްޔާއަށް ދިން ދެވަނަ ހަމަލާ އެވެ.

ޖޫން މަހުގެ 11 ވަނަ ދުވަހު ކަތޫއާގައި ހިނގި މާރާމާރީއެއްގައި ސިފައިންގެ މީހަކާއި ހަނގުރާމަވެރިންކަމަށް ޝައްކުކުރެވޭ ދެ މީހަކު ވަނީ މަރުވެފަ އެވެ. މިދިޔަ އާދީއްތަ ދުވަހު ޖައްމޫގެ ރާޖްއުރީ ޑިސްޓްރިކްޓްގެ އަސްކަރިއްޔާގެ ކޭމްޕަކަށް ދިން ހަމަލާއެއްގައި އިތުރު ސިފައިންގެ މީހަކު ވަނީ ޒަހަމްވެފަ އެވެ.

ކަޝްމީރުގެ ހިމަލަޔަން ސަރަހައްދަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ފްލޭޝް ޕޮއިންޓެކެވެ.

ނިއުކްލިއާ ހަތިޔާރު ލިބިފައިވާ އަވަށްޓެރި ދެ ގައުމުން ވަނީ މުސްލިމުންގެ އަގުލަބިއްޔަތު އޮންނަ އެ ސަރަހައްދުގެ މައްޗަށް، 1947 ވަނަ އަހަރުން ފެށިގެން ދެ ހަނގުރާމައެއް ކޮށްފަ އެވެ.

އަދި 1989 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގައި ދިއްލީގެ ވެރިކަމާ ދެކޮޅަށް ތެދުވި ހަތިޔާރު އެޅި ހަނގުރާމަވެރިންގެ އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ.

 ހަނގުރާމަވެރިންނަށް ހިމާޔަތްދީ، ޕާކިސްތާނުން ސަރަހައްދުގެ ސުލްހަ މަސަލަސްކަން ނަގާލާ ކަމަށް އިންޑިއާއިން ތުހުމަތުކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް