މެރިން ލެ ޕެންގެ ނެޝަނަލް ރެލީ ފުރަތަމަ ފަހަރަށް ވެރިކަމަށް އައުން ހުއްޓުވަން ސެންޓްރިސްޓް އާއި ވާތު ފިޔައިގެ ކެންޑިޑޭޓުން އެއްގަލަކަށް އެރި

ފްރާންސް

ކަނާތު ފިޔައިގެ ހަރުކަށި ހައްދު ފަހަނައަޅާފައިވާ މީހުންނަށް ފްރާންސް ރައްޔިތުން ނޫނެކޭ ބުނެފި

އެއްވެސް ޕާޓީއަކަށް އަގުލަބިއްޔަތު މަޖިލީހުގައި ނުލިބުމުން ފްރާންސް ކުރިއަށް އޮތް ދެ އަހަރު ކަނޑައްތު ކުރާނީ ދަތި އުނދަގޫ ދުވަސްތަކެއްގެ ގޮތުގައި
8 ޖުލައި 2024

ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރުގެ މީހުންނަށް ފަރަންސޭސި ވިލާތުގައި އަދި ވެސް ޖާގައެއް ނެތް ކަމަށް ބުނެ މެރިން ލެ ޕެންގެ ހައްދުފަހަނަ އަޅާފައިވާ ނޭޝަނަލް ރެލީ ބޭރުކޮށްލައިފި އެވެ.

އެ ރެލީން ޔޫރަޕުގެ އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯދި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ބޮޑު ކާމިޔާބީއެއް ހޯދި އެވެ.

ނަމަވެސް ހަގީގީ ނަތީޖާއެއް ނެރެން ބޭނުންވާ ވޯޓެއްގައި، ރިޔާސީ އިންތިހާބުތަކެކޭ އެއްފަދައިން، ރައްޔިތުން ނުކުމެ އެ މީހުންނަށް ވަނީ ނޫނެކޭ ބުނެފަ އެވެ. 

އިއްޔެ ބޭއްވި އިންތިހާބުގައި، ކަނާތު ފިޔައިގެ ހަރުކަށި ޕާޓީ އެއްފަރާތް ކުރުމަށް ފަހު، ވާތުފިޔައިގެ އިއްތިހާދުން ވަނީ ގާނޫނު ހަދާ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެ ނަތީޖާއާ އެކު ޔޫރަޕިއަން ޔޫނިއަންގެ އެއް ތަނބު އަދި އޮލިމްޕިކް މުބާރާތް ބާއްވާ ގައުމު ވަނީ އެއްވެސް ޕާޓީއަކަށް އަގުލަބިއްޔަތު ނުލިބުމުގެ އިތުރަށް ސިޔާސީ ގޮތުން ވާވެފަ އެވެ.

ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން މާކެޓްތަކާއި އީޔޫގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު އިތުރު ހަލަބޮލިކަމަށްދާނެ އެވެ. އަދި ޔޫކްރެއިންގެ ހަނގުރާމަ އާއި ދުނިޔޭގެ ޑިޕްލޮމަސީ އާއި ޔޫރަޕްގެ އިގްތިސާދީ ހަމަޖެހުމަށް ވަރަށް ދުރު ރާސްތާއަކަށް އަސަރުކުރާނެ އެވެ.

ޔޫރަޕިއަން ޕާލަމެންޓަށް ފަރަންސޭސި ވިލާތުގެ ހައްދުފަހަނައަޅާފައިވާ މީހުންގެ ތާއީދު އިތުރުވުމާ ގުޅިގެން ޖޫން މަހު 9 ވަނަ ދުވަހު އަވަސް އިންތިހާބެއް ބޭއްވުމަށް ރައީސް އިމަނުއެލް މެކްރޮން ނިންމެވި އެވެ. އަދި ވިދާޅުވީ ކުރިމަގު ސާފު ކުރުމަށް ވޯޓަކާ ހަމައަށް ދާން ޖެހޭ ކަމަށެވެ.

ނަމަވެސް ހުރިހާ މަރުހަލާއެއްގައި ވެސް އެ ކުޅިގަނޑު ވަނީ ފޭލިވެފަ އެވެ. ފްރާންސްގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ޗެމްބަރުގެ ތެރެއިން އެންމެ ބާރުގަދަ، 577 ގޮނޑި ހިމެނޭ ނޭޝަނަލް އެސެމްބްލީ ކޮންޓްރޯލް ކުރުމަށް ބޭނުންވާ 289 ގޮނޑީގެ އަގުލަބިއްޔަތު،  މައިގަނޑު ތިން ބްލޮކުން ކުރެ އެއްވެސް ބްލޮކަކަށް ކާމިޔާބު ނުވެ، އެކަނި ސަރުކާރެއް އެކުލަވާލުމުގެ ހަކަތަ އެއްވެސް ޕާޓީއަކަށް ވަނީ ނުލިބިފަ އެވެ.

ވޯޓުގެ ނަތީޖާ ދައްކާ ގޮތުން އެންމެ ގިނަ ގޮނޑި ހޯދީ ވާތުފިޔައިގެ 'ނިއު ޕޮޕިއުލާ ފްރަންޓް' ކޯލިޝަނުންނެވެ. އެ ކޯލިޝަނުން 180 ގޮނޑި ވަނީ ހޯދައިފަ އެވެ. އެއީ މެކްރޮންގެ ސެންޓްރިސްޓް ކޯލިޝަނަށް ވުރެ 20 ގޮނޑި ގިނަ އަދަދެކެވެ. މެކްރޮންގެ ކޯލިޝަނަށް ލިބުނީ 160 ގޮނޑި އެވެ. ތިން ވަނަ އަށް އެންމެ ގިނަ ގޮނޑި ހޯދީ މެރިން ލެ ޕެންގެ ހައްދުފަހަނަ އަޅާފައިވާ ނޭޝަނަލް ރެލީ އާއި އެ ޕާޓީގެ ބައިވެރިންނެވެ. އެ ކޯލިޝަނުން ވަނީ 140 ގޮނޑި ހޯދައިފަ އެވެ. އެއީ 2022ގެ އިންތިހާބުގައި އެ ކޯލިޝަނުން ހޯދި 89 ގޮނޑިއަށް ވުރެ 51 ގޮނޑި އިތުރު އަދަދެކެވެ.

ފްރާންސްގެ ވާތުފިޔައިގެ މީހުން އުފާ ފާޅުކުރަނީ: ވެރިކަން ނުލިބުނަސް ހަރުކަށި ލެ ޕެން ބޭރުކޮށްލެވުމުން އުފާ ކުރި

"އަޅުގަނޑުމެންގެ ގައުމަށް ކުރިމަތިވެފައި މިވަނީ ހީވެސް ނުކުރާ ފަދަ ސިޔާސީ ހާލަތެއް، ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދުނިޔެއަށް މަރުހަބާ ކިޔަން ތައްޔާރުވަމުން މިދަނީ،" ބޮޑުވަޒީރު ގެބްރިއަލް އަޓަލް ވިދާޅުވީ އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށެވެ.

ޕެރިސް އޮލިމްޕިކްސް ކައިރިވަމުން އަންނަ އިރު، އަޓާލް ވިދާޅުވީ ޒިންމާއެއް އޮތްކަމަށް ވާނަމަ، މަގާމުގައި ދެމި ހުންނަވަން ތައްޔާރު ކަމަށެވެ. މެކްރޮންގެ ރިޔާސީ ދައުރުން އަދި ބާކީ ތިން އަހަރު އެބައޮތެވެ.

އަވަސް އިންތިހާބެއް ބޭއްވުމަށް މެކްރޮން ނިންމެވި ހައިރާން ކުރުވަނިވި ނިންމުމާ މެދު އަޓާލް ވަނީ ފާޅުގައި ނުރުހުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ރައީސްގެ ސެންޓްރިސްޓް ކޯލިޝަނަށް މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތު ނެތް ނަމަވެސް އެންމެ ގޮނޑި ގިނަ ޕާޓީގެ ގޮތުގައި އޮތް މަޖިލީސް އުވާލުމަކީ އޭނާ ގަބޫލު ކުރި ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. އެހެންނަމަވެސް ހަލަބޮލި ކަމުގެ ތެރޭގައި ނަމަވެސް ދެ އަހަރު ވެރިކަން ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ. 

އާ ގާނޫނު ހަދާ މަޖިލީސް ފެންނަނީ އެފަދަ ހަމަޖެހުމެއް ނެތް ތަނެއްގެ ގޮތުގަ އެވެ. ނޭޓޯ ކޯލިޝަންގެ މި ހަފުތާގެ ސަމިޓަކަށް މެކްރޮން ވޮޝިންޓަނަށް ފުރާވަޑައިގަންނަވާ އިރު، އެ ގައުމުގެ ބޮޑުވަޒީރަކަށް ވާނީ ކޮން ބޭފުޅެއްކަން އޮންނާނީ ނޭނގުމެއްގެ ތެރޭގަ އެވެ. އަދި އޭނާގެ ސިޔާސަތުތަކާ ވަރަށް ބޮޑަށް ދެކޮޅު ސިޔާސީ ބޭފުޅަކާ އެކު ވެރިކަން ހިއްސާކުރަން ރައީސަށް މަޖުބޫރުވެދާނެ ކަމުގެ ބިރު ވެސް އޮންނާނެ އެވެ.

ނަމަވެސް ގިނަ ބަޔަކު އުފާކުރި އެވެ. ޕެރިސްގެ ސްޓާލިންގްރާޑް ސްކޮއާގައި ވާތުފިޔައި ސަޕޯޓަރުން އުފާފާޅުކޮށް ތައުރީފު ކުރަމުން ދިޔައީ އެ ކޯލިޝަން ކުރިއަރަމުން ދިޔަތަން ދައްކުވައިދޭ ޕްރޮޖެކްޝަންތައް ބޮޑު ސްކްރީނަކުން ފެންނަން ފެށުމުންނެވެ.

މިދިޔަ ހަފުތާ ބަންދުގައި ބޭއްވި ފުރަތަމަ ބުރުގެ ވޯޓުގެ އެއް ވަނަ މެރިން ލެ ޕެންގެ ހައްދުފަހަނަ އަޅާފައިވާ ނޭޝަނަލް ރެލީ އިން ކުރި ހޯދުމާ އެކު، އެ ޕާޓީގެ ވާދަވެރިން މަސައްކަތް ކުރީ އިއްޔެގެ އިންތިހާބުގައި އެ ޕާޓީ ކުރިއެރިޔަ ނުދިނުމަށެވެ. އެކަމުގެ ސަބަބުން ކަނާތު ފިޔައިގެ ގިނަ ކެންޑިޑޭޓުންނާ ވާދަ ކުރުމަށް ދާއިރާއަކުން އެއްް ކެންޑިޑޭޓް ނެރުނެވެ.

ސިޔާސީ ގޮތުން އެއް ވިސްނުމެއް ނެތް ނަމަވެސް ލެ ޕެންގެ ހައްދުފަހަނަ އަޅާފައިވާ ނޭޝަނަލް ރެލީ ހުއްޓުވުން އެ ޕާޓީތަކަށް މުހިންމުވި އެވެ. އަދި އެ ނަތީޖާ ވެސް ނެރުނެވެ.

ދެން އެންމެ އަވަހަށް އޮންނަ ރިޔާސީ އިންތިހާބު، 2027 ވަނަ އަހަރުގެ އިންތިހާބުގައި ހަތަރު ވަނަ ފަހަރަށް ވާދަކުރައްވާނެ ކަމަށް ބެލެވޭ ނޭޝަނަލް ރެލީގެ ލީޑަރު ލެ ޕެން ވިދާޅުވީ މި އިންތިހާބަކީ "މާދަމާގެ ކާމިޔާބީ"ގެ ބިންގާ އެޅި އިންތިހާބެއް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް