އިއްޔެ ގާޒާގެ މެދުތެރޭގެ އަލް ނުސީރަތު ކޭމްޕްގައި ހުންނަ ޔޫއެންއާރްޑަބްލިއުއޭގެ އަލް ޖައޫނީ ސްކޫލަށް އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން ވެއްޓިފައިވާ އިމާރާތެއްގެ ކުނިތައް މީހުން ބަލާ ފާސްކުރަނީ.---ފޮޓޯ:

ގާޒާ ހަނގުރާމަ

ގާޒާ ސްކޫލަކަށް އިޒުރޭލުން ބޮންއަޅައި 16 މީހަކު މަރާލައިފި

7 ޖުލައި 2024

ގާޒާގައި އދ. އިން ހިންގާ ސްކޫލަކަށް އިޒުރޭލުން މަތިން ބޮންއަޅައި 16 މީހަކު މަރާލައިފި އެވެ. އަދި އިތުރު އެތައް ބަޔަކު ވަނީ ޒަހަމުކޮށްލައިފަ އެވެ.

ހަމާސް ޖަމާއަތުން ހިންގާ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އެ އިމާރާތަކީ ގާޒާގެ މެދުތެރޭގައި ހުންނަ ނުސީރަތު ރެފިއުޖީ ކޭމްޕްގައި ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކަށް ހިޔާވަހިކަން ފޯރުކޮށްދެމުން އަންނަ އިމާރާތެއް ކަމަށެވެ.

އިޒްރޭލުން ބުނަނީ އެ މީހުން ހަމަލާދިނީ ހަމާސްގެ "އަލް ޖައޫނީ ސްކޫލްގެ ސަރަހައްދުގައި ހުރި އިމާރާތްތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓުންނަށް" ކަމަށެވެ.

އެ ގައުމުގެ މަސްދަރަކުން ބުނި ގޮތުގައި އެ ޓާގެޓަކީ ހަމާސް ފުލުހުން ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ ކޮޓަރިއަކަށް ދިން ހަމަލާއެކެވެ. އދ.ގެ ފަލަސްތީނު ރެފިއުޖީންނާ ބެހޭ އިދާރާ (އުންރްވާ)ގެ ތަރުޖަމާނަކު ވިދާޅުވީ އެ ވާހަކަތަކަކީ ވަރަށް ސީރިއަސް ވާހަކަތަކެއް ކަމަށާއި އެކަން ބަލަން ޖެހޭ ކަމަށެވެ.

މި ހަމަލާ ދީފައި މިވަނީ އިޒުރޭލާއި ހަމާސްއާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލުމުގެ އުއްމީދު ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އިޒްރޭލުން ބުނެފައިވަނީ ހަމާސް އިން ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމުގެ އެއްބަސްވުމާ ބެހޭ ގޮތުން މަޝްވަރާކުރާ ކުރުމަށް ޓީމެއް އަންނަ ހަފުތާގައި ފޮނުވާނެ ކަމަށެވެ.

އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވަނީ ހަމާސް އިން ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން ހަމާސްގެ ސްޓޭންޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެއްބަސްވެފައިވާ ކަމަށެވެ.

ހަމާސްގެ އިސް މަސްދަރަކުން ހޮނިހިރު ދުވަހު ރޮއިޓާސް ނިއުސް އެޖެންސީއަށް ބުނީ ގާޒާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ 16 ދުވަސް ފަހުން އިޒުރޭލުގެ ރަހީނުން ދޫކޮށްލުމާ ގުޅޭ މަޝްވަރާތައް ފެށުމަށް އެ ޖަމާއަތުން އެއްބަސްވެފައިވާ ކަމަށެވެ.

ނުސީރަތު ސްކޫލް ސަރަހައްދުގެ ވީޑިއޯއިން ފެންނަ ގޮތުގައި ޒަހަމްވި މީހުންނަށް އެހީވުމަށް ބޮޑެތި މީހުންނާއި ކުޑަކުދިން ދުމުން ފުރިފައިވާ މަގެއްގައި ކޮޅުކޮޅަށް ދުވާތަން ފެނެ އެވެ.

މަންޒަރު ދުށް މީހުން ބީބީސީއަށް ބުނި ގޮތުގައި ހަމަލާ އަމާޒުކޮށްފައި ވަނީ ހަލަބޮލި މާރުކޭޓެއް ކައިރީގައި ހުންނަ ސްކޫލުގެ މަތީ ފަންގިފިލާތަކަށެވެ.

ބީބީސީ އިން ބުނީ އެ އެޖެންސީއަށް އެނގިފައިވާ ގޮތުގައި އެ އިމާރާތުގައި 7،000 އަށް ވުރެ ގިނަ މީހުން ހިޔާވަހިކަން ބޭނުން ކުރެ އެވެ. އަންހެނަކު އޭއެފްޕީ ނިއުސް އެޖެންސީއަށް ކިޔައިދިން ގޮތުގައި އެ އިމާރާތަށް ހަމަލާދިން އިރު ދަރިވަރުން ތިބީ ގްރުއާން ކިޔަވާށެވެ.

"މިއީ އިންޒާރަކާ ނުލައި އެ މީހުން ސްކޫލަށް ޓާގެޓް ކުރި ހަތަރު ވަނަ ފަހަރު،" އޭނާ ވިދާޅުވި އެވެ.

ހަމާސް އިން ބުނީ ހޮނިހިރު ދުވަހު އިޒުރޭލުން ދިން ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ފަލަސްތީންގެ ނޫސްވެރިން ވެސް ހިމެނޭ ކަމަށެވެ. އަދި އެ މީހުންގެ އާއިލާގެ މެމްބަރުންނަށް ވެސް އަމާޒުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ބުނި ގޮތުގައި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ދިން ހަމަލާއަށް ފަހު ގާޒާގައި މިހާތަނަށް 100 އަށް ވުރެ ގިނަ ނޫސްވެރިން ވަނީ މަރާލައިފަ އެވެ. ހަމާސް އިން ބުނީ ރޭގެ ހަމަލާގައި މަރާލި ފަސް ނޫސްވެރިންނާ އެކު އެ އަދަދު  158 އަށް އަރާ ކަމަށެވެ.

ނުސީރަތުގައި އދ. އިން ހިންގާ އެހެން ސްކޫލަކަށް މީގެ ކުރިން ޖޫން މަހު ދިން ހަމަލާއެއްގައި 35 މީހުން ވަނީ މަރުވެފަ އެވެ.

އިޒުރޭލުން ދިން ހަމަލާތަކުގެ ސަބަބުން ގާޒާގައި ފަލަސްތީނުގެ 38،098 މީހުން މަރުވެފައިވާ ކަމަށް އެ ސަރަހައްދުގެ ހަމާސް ޖަމާއަތުން ހިންގާ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް