ލަންޑަން: ޖުލައި 5، 2024- އިންތިހާބަށް ފަހު ލަންޑަންގެ ޓޭޓް މޮޑާންގައި ބޭއްވި އެއްވުމެއްގައި ލޭބާ ޕާޓީގެ ލީޑަރު ކެއިރު ސްޓާމަރު އޭނާގެ ސަޕޯޓަރުންގެ އަގު ވަޒަންކުރައްވަނީ/ ފޮޓޯ އޭޕީ

އިނިގރޭސިވިލާތް

14 އަހަރަށް ފަހު އިނގިރޭސި ވިލާތުގެ އިންތިހާބު ލޭބާ ޕާޓީން ކާމިޔާބުކޮށްފި

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކް ވިދާޅުވީ އިނގިރޭސި ރައްޔިތުން "ހިތާމަވެރި ހުކުމެއް އިއްވާފައިވާ" ކަމަށާއި ލޭބާ ޕާޓީން އިންތިހާބު ކާމިޔާބުކޮށްފައިވާ ކަމަށް
5 ޖުލައި 2024

އިނގިރޭސިވިލާތުގައި އިއްޔެ ބޭއްވި އާންމު އިންތިހާބުގައި ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށްދާ އިރު، ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ލިބޭ ވަރަށް ލޭބާ ޕާޓީން ވަނީ ރަސްމީކޮށް ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަދި އެއާ އެކު ލޭބާ ޕާޓީގެ ލީޑަރު ކެއިރު ސްޓާމަރު ބޮޑުވަޒީރަކަށް ވެވަޑައިގެން މެޖޯރިޓީ ސަރުކާރެއް އެކުލަވައިލައްވާނެ އެވެ.

ފާއިތުވި 14 އަހަރުގެ ތެރޭގައި ލޭބާ ޕާޓީގެ ފުރަތަމަ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ހަމަޖެހިފައިވާ ލޭބާ ޕާޓީގެ ލީޑަރު ވިދާޅުވީ އޭނާގެ ސަރުކާރުން އަބަދު ވެސް އިސްކަންދޭނީ "ގައުމު ފުރަތަމަ، ޕާޓީ ދެވަނަ"އަަށް ކަމަށެވެ.

ކެއިރު ވިދާޅުވީ "މިފަދަ މެންޑޭޓަކީ ވަރަށް ބޮޑު ޒިންމާ އަކާ އެކު އަންނަ މެންޑޭޓެއް" ކަމަށާއި އޭނާގެ ސަރުކާރުން ފޯކަސް ކުރާނީ "ގައުމީ އާކުރުމަށް" ކަމަށެވެ.

ސިޔާސީ ކަންކަން އަނބުރާ ރައްޔިތުންގެ ހިދުމަތަށް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ގޮނޑި ގުނާފައިވާ އިރު، 650 ގޮނޑީގެ މަޖިލީހުން ލޭބާ ޕާޓީއަށް ހައުސް އޮފް ކޮމަންސްގެ އެންމެ ބޮޑު އަގުލަބިއްޔަތު ލިބި، ފަށޭހަކަމާ އެކު ސަރުކާރެއް އެކުލަވާލެވޭނެ ކަމަށް ބެލެވެ އެވެ.

އާ ސަރުކާރެއް އެކުލަވާލުމުގެ ހުއްދަ ހޯއްދެވުމަށް ސްޓާމަރު މިއަދުގެ ހަވީރުގެ ވަގުތެއްގައި ރަސްގެފާނު ޗާލްސް ތިން ވަނަައިގެ އަރިއަހަށް ޒިޔާރަތް ކުރައްވާނެ ކަމަށް ބެލެވެ އެވެ.

ވޯޓް ގުނުމުގެ މަސައްކަތް ކުރިއަށްދާ އިރު، އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު ލިބޭ ވަރަށް ލޭބާ ޕާޓީއަށް ރަސްމީކޮށް ގޮނޑި މިހާރު ވެސް ވަނީ ލިބިފަ އެވެ.

ފަތިހު 5 ޖެހުމާ ހަމައަށް ގުނި ވޯޓުން އެ ޕާޓީއަށް ވަނީ 650 ގޮނޑީގެ ތެރެއިން 326 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަދި މިއަދު ލީޑަރު ކެއިރު ސްޓާމަރު ބޮޑުވަޒީރަކަށްވެ، އަގުލަބިއްޔަތު އޮންނަ ސަރުކާރެއް އެކުލަވައިލައްވާނެ އެވެ.

"އިންތިހާބު ކާމިޔާބުކޮށްފިން،" ލަންޑަނުގެ ޓޭޓް މޮޑާން މިއުޒިއަމްގައި ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ސްޓާމަރު ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކް ވިދާޅުވީ އިނގިރޭސި ރައްޔިތުން "ހިތާމަވެރި ހުކުމެއް އިއްވާފައިވާ" ކަމަށާއި ލޭބާ ޕާޓީން އިންތިހާބު ކާމިޔާބުކޮށްފައިވާ ކަމަށެވެ.

ސުނަކް ވަނީ އޭނާގެ ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ. ނަމަވެސް ވިދާޅުވީ ލޭބާ ޕާޓީން މި އާންމު އިންތިހާބު ކާމިޔާބުކޮށްފައިވާ ކަމަށެވެ.

"އިންތިހާބުން ބަލިވުމުގެ ޒިންމާ އަޅުގަނޑު އުފުލަން،" އޭނާ ވިދާޅުވި އެވެ.

"ބުރަކޮށް މަސައްކަތް ކުރެއްވި ކޮންޒަވޭޓިވް ކެންޑިޑޭޓުން، އެބޭފުޅުންގެ ލޯކަލް ރެކޯޑާއި ޑެލިވަރީ އާއި އަދި އެބޭފުޅުން އެ ބޭފުޅުންގެ މުޖުތަމައުތަކަށް ޓަކައި އެބޭފުޅުން ކުރެއްވި މަސައްކަތްޕުޅުތަކާ އެކު ވެސް، މިރޭ ބަލިވީ. އަޅުގަނޑު މައާފަށް އެދެން،" ސުނަކް ވިދާޅުވި އެވެ.

ޖުލައި 5، 2024: އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކް ބަލި ގަބޫލު ކުރެއްވި

އޭނާ ވިދާޅުވީ ލޭބާ ޕާޓީގެ ލީޑަރު ކެއިރު ސްޓާމަރު އަށް ގުޅުއްވައި ކާމިޔާބީއަށް މަރުހަބާ ވިދާޅުވި ކަމަށެވެ. 

"މިއަދު ވެރިކަން ބަދަލުވާނީ ހުރިހާ ދިމާލަކުން ވެސް ހެޔޮއެދުމާ އެކު ސުލްހަވެރިކަމާއި ތަރުތީބުން. އެއީ އަޅުގަނޑުމެންގެ ގައުމުގެ ހަމަޖެހުމާއި މުސްތަގުބަލަށް އަޅުގަނޑުމެން އެންމެންނަށް އިތުބާރު ލިބެންޖެހޭ ކަމެއް،" ސުނަކް ވިދާޅުވި އެވެ.

މިހާތަނަށް އިއުލާނުކޮށްފައިވާ ގޮނޑިތަކުގެ ތެރެއިން އެހެން ޕާޓީތަކަށް ވުރެ ލޭބާ ޕާޓީ އުޅެނީ މަދުވެގެން 250 ގޮނޑި ކުރީގަ އެވެ. 

ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީއަށް 44 ގޮނޑި ލިބިފައިވާ އިރު، ވާތު ފިޔައިގެ ސެންޓާ ލިބަރަލް ޑިމޮކްރަޓުން ވަނީ 32 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

ހަރުކަށި ކަނާތު، އިމިގްރޭޝަނާ ދެކޮޅު ރިފޯމް ޔޫކޭއަށް މިހާތަނަށް ލިބިފައިވަނީ ހަތަރު ގޮނޑި އެވެ. ސްކޮޓިޝް ނޭޝަނަލް ޕާޓީއަށް ހަތަރު ގޮނޑި ލިބިފައިވާ އިރު ގްރީން ޕާޓީއަށް ލިބިފައިވަނީ އެއް ގޮނޑި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް