އިޒްރޭލް-ލުބުނާން ބޯޑަރުގައި ބަދަލު ކުރަމުންދާ ހަމަލާތަކުގެ ތެރެއިން.

އީރާން

އިޒްރޭލުން ލުބުނާން އަށް ހަމަލާދީފި ނަމަ ފަނާކުރަނިވި ހަނގުރާމައެއްގެ އިންޒާރު އީރާނުން ދީފި

އިޒްރޭލުން ހަނގުރާމަ ފައްޓައިފި ނަމަ އެއްވެސް ޖެހިލުމެއް ނެތް، އެއްވެސް ގަވާއިދެއް ނެތް އަދި ހައްދެއް ނެތް ހަނގުރާމައެއް ކުރާނެ ކަމުގެ އިންޒާރު ހިޒްބުﷲއިން ވަނީ ދީފައި

އިޒްރޭލުން ލުބުނާންއާ ދެކޮޅަށް ފުރިހަމަ އަސްކަރީ ހަނގުރާމައެއް ނުފެއްޓުމަށާއި އެފަދަ ހަނގުރާމައެއް ފައްޓައިފި ނަމަ "ފަނާކުރަނިވި ހަނގުރާމައަކަށް" ވެދާނެ ކަމަށް އީރާނުން އދ. އަށް ކަނޑައަޅާފައި ހުންނަ އޮފީހުން ބުނެފި އެވެ.

އެ އޮފީހުން އެކްސްގައި ހުކުރު ދުވަހު ޕޯސްޓުކޮށްފައިވާ މެސެޖުގައި އިންޒާރު ދީފައި ވަނީ މެދު އިރުމަތީގައި ހަތިޔާރު އެޅި ހުރިހާ ގްރޫޕުތަކުން މިފަދަ ހަނގުރާމައެއްގައި އިޒްރޭލާ ދެކޮޅަށް ބައިވެރިވުމުގެ ފުރުސަތު އޮތް ކަމަށެވެ.

އަދި ލުބުނާންގައިވާ ހިޒްބުﷲއަށް ހަމަލާ ދޭނެކަމަށް ބުނެ އިޒްރޭލުން ދެމުންދާ އިންޒާރުތަކަކީ ނަފްސާނީ ހަނގުރާމައެއް ކަމަށާއި ޕްރޮޕެގެންޑާއެއް ކަމަށް ވެސް އެ މެސެޖުގައި ވެއެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހު ގާޒާ ހަނގުރާމަ ފެށި ފަހުން، އިޒްރޭލާއި ލުބުނާނުން ހިއްސާ ކުރާ ބޯޑަރުގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދަނީ ހަމަލާތައް ބަދަލު ކުރަމުންނެވެ. އަދި ވަރުގަދަ އޮޕަރޭޝަނެއް ލުބުނާން ބޯޑަރުގައި ކުރިއަށް ގެންދަން އިޒްރޭލު ސިފައިން ތައްޔާރުވަމުންދާ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި މަހު ވިދާޅުވުމުން މި ހަމަލާތަކުގެ ހުޅުގަނޑު ފަޅައިގެން ހިނގައިދާނެކަމުގެ ވަނީ ބިރު ބޮޑުވެފަ އެވެ. 

ދެކުނު ލުބުނާނުގައިވާ ހިޒްބުﷲގެ އަމާޒުތަކަށް އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ އިއްޔެ ހެނދުނު ވެސް ހަމަލާތަކެއް ދީފަ އެވެ. ހިޒްބުﷲއާ ދެކޮޅަށް ހަނގުރާމައެއް ކުރަން އިޒްރޭލުން ބޭނުންނުވާ ކަމަށާއި ނަމަވެސް މިފަދަ ހަނގުރާމައަކަށް ތައްޔާރުކަމަށް އިޒްރޭލުގެ ދިފާއީ ވަޒީރު ޔޮއޭވް ގަލަންތު ވަނީ ވިދާޅުވެފަ އެވެ.

"ސިޔާސީ ހައްލެއް ހޯދުމަށް އަހަރެމެން މި މަސައްކަތް ކުރަނީ. އަބަދުވެސް ރަނގަޅު ގޮތަކީ އެއީ،" ބޯޑަރު ކައިރީގައި ތިބި ސިފައިންނާ ބައްދަލު ކުރައްވައި ގަލަންތު ވިދާޅުވި އެވެ.

އެމެރިކާ އާއި އިޒްރޭލުން "ކޮންމެ ފަދަ ހާލަތަކަށް ވެސް ތައްޔާރުވަމުންދާ" ކަމަށް މި ހަފްތާގައި ގަލަންތު ވަނީ ވިދާޅުވެފަ އެވެ.

"ހަނގުރާމައެއް ފައްޓައިފި ނަމަ ލުބުނާނަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ގާބިލުކަން އަހަރެމެންގެ ހުރިކަން ހިޒްބުﷲއަށް ވަރަށް ރަނގަޅަށް އެނގޭނެ،" ވޮޝިންޓަން އަށް ކުރެއްވި ދަތުރުފުޅުގައި ގަލަންތު މި ހަފްތާގައި ވިދާޅުވެފައިވެ އެވެ.

ލުބުނާންއާ ދެކޮޅަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް އިޒްރޭލުން ފައްޓައިފި ނަމަ "އެއްވެސް ޖެހިލުމެއް ނެތް، އެއްވެސް ގަވާއިދެއް ނެތް އަދި ހައްދެއް ނެތް" ހަނގުރާމައެއް ކުރާނެ ކަމުގެ އިންޒާރު ހިޒްބުﷲގެ ވެރިޔާ ހަސަން ނަސްރުﷲ ވަނީ ދީފަ އެވެ.

އިޒްރޭލާއި ހިޒްބުﷲއާ ދެމެދު ހޫނުވަމުންދާ މައްސަލާ ގުޅިގެން ޖަރުމަނު، ކެނެޑާ، ނެދަލޭންޑްސް އަދި އެމެރިކާ ފަދަ ގައުމުތަކުން ވަނީ ލުބުނާންގައި ތިބި އެ ގައުމުތަކުގެ ރައްޔިތުން ނުކުތުމަށް އަދި އެ ގައުމަށް ދަތުރު ނުކުރުމަށް އިލްތިމާސް ކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް