ޖޯ ލޯ.

މެލޭޝިއާ

1އެމްޑީބީއާ ގުޅުންހުރި 100 މިލިއަން ޑޮލަރުގެ މުދާ މެލޭޝިއާއަށް އަނބުރާ ދެނީ

27 ޖޫން 2024

މެލޭޝިއާގެ ސަރުކާރު ހިއްސާވާ ވެލްތު ފަންޑް، 1އެމްޑީބީގެ ހިޔާނާތުގެ ތެރެއިން 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު އަނބުރާ ދިނުމަށް، ފިލައިގެން އުޅޭ ފައިނޭންސަރު ޖޯ ލޯއާ އެކު އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

އެމެރިކާއިން ބުނީ، އާޓިސްޓް އެންޑީ ވޯހޯލް އާއި ކްލައުޑް މޮނެޓްގެ އާޓްވޯކްތަކާއި ޕެރިހުގެ ލަގްޒަރީ ފްލެޓެއް ނަގުދުކޮށް 67 މިލިއަން ޑޮލަރުގެ އެސެޓްތައް މެލޭޝިއާއަށް ދޫކުރާނެ ކަމަށެވެ.

ވަކީލުން ތުހުމަތު ކުރާ ގޮތުގައި، އެ މުދަލަކީ 2012 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ 1މެލޭޝިއާ ޑިވެލޮޕްމަންޓް ބަރްހާދު (1އެމްޑީބީ) ފަންޑްގެ ފައިސާއާ ގުޅިފައިވާ މުދަލެކެވެ.

ލޯ އަދިވެސް އުޅެނީ ފިލައިގެންނެވެ. އަދި އޭނާ ފިލައިގެން އުޅެނީ ކޮންތާކު ކަމެއް ވެސް ނޭނގެ އެވެ. 

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ އެ އެސެޓްތަކުގެ ސަބަބުން އެމެރިކާގެ އެހީގައި މިހާރު ވެސް އަނބުރާ ހޯދައިދިން ފައިސާ 1.4 ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ. 1އެމްޑީބީ ފަންޑުން ޖުމުލަ 4.5 ބިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރު ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެ އެވެ.

އެމެރިކާއިން ބުނީ ލޯ އާއި އޭނާގެ އާއިލާ އާއި އޭނާ އުފައްދަވާފައިވާ މުއައްސަސާތަކާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މެލޭޝިޔާއިން ބޭރުގައި ހުރި އެސެޓްތައް މެލޭޝިއާއަށް ބަދަލުކުރުމަށް ބޭރުގެ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

އެ އެއްބަސްވުމުގެ ސަބަބުން ޕެރިހުގައި ހުންނަ އެޕާޓްމަންޓަކާއި ސްވިޒަލޭންޑްގައި ހުރި އާޓް ހިމެނޭ ގޮތަށް މަދަނީ ގޮތުން އެޅި ފިޔަވަޅަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. ލޯ އެ ތަކެތި ގަނެފައިވަނީ ޖުމްލަ 35 މިލިއަން ޑޮލަރަށެވެ.

"މީގެ އިތުރުން ހޮންގްކޮންގް، ސްވިޒަލޭންޑް އަދި ސިންގަޕޫރުގެ ބޭންކް އެކައުންޓްތަކުގައި ހުރި ގާތްގަނޑަކަށް 67 މިލިއަން ޑޮލަރާއި އަތްލެވޭ ޕްރޮޕަޓީ އާއި ނަގުދު ފައިސާ މެލޭޝިއާއަށް އަނބުރާ ދިނުމަށް ޕާޓީތަކުން ވަނީ އެއްބަސްވެފައި،" ޖަސްޓިސް ޑިޕާޓްމަންޓުން ބުންޏެވެ.

މެލޭޝިއާގެ ރައްޔިތުންނަށް އެހީވުމަށް ދައުލަތުގެ ފަންޑުން އެތައް ބިލިއަން ޑޮލަރެއް ގެއްލުނު 1އެމްޑީބީގެ ހިޔާނާތުގެ މައިގަނޑު ސަބަބަކީ ލޯ ކަމަށް ތުހުމަތު ކުރެ އެވެ.

އެމެރިކާ އާއި މެލޭޝިއާގެ ޕްރޮސެކިއުޓަރުން ތުހުމަތު ކުރާ ގޮތުގައި، އެ ފައިސާ އަކީ ބާރުގަދަ ބައެއް މީހުންގެ ޖީބަށް ލައިފައި ހުރި ފައިސާ އެވެ. އެ ފައިސާ ބޭނުންކުރީ ލަގްޒަރީ ރިއަލް އެސްޓޭޓާއި ޕްރައިވެޓް ޖެޓަކާއި އަގުބޮޑު އާޓްވޯކް ފަދަ އެސެޓްތައް ގަތުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް