މަޖިލީހުގައި އިދިކޮޅު ތަމްޝީލް ކުރައްވާ ލީޑަރުގެ މަގާމަށް ގާންދީ ހޮވަން ނިންމިކަން އިއުލާންކުރީ އިންޑިއާ ބްލޮކްގެ ބައްދަލުވުމަކަށް ފަހު

އިންޑިއާ

އިންޑިއާ މަޖިލީހުގެ އިދިކޮޅު ލީޑަރަކަށް ރާހުލް ގާންދީ ކަނޑައަޅައިފި

މިއީ 10 އަހަރަށް ފަހު ލޯކް ސަބާގައި އިދިކޮޅު ލީޑަރަކަށް ޖާގަ ލިބޭ ފުރަތަމަ ފަހަރު
26 ޖޫން 2024

އިންޑިއާގައި ވެރިކަން ކުރާ މައި ޕާޓީ، ބީޖޭޕީގެ އެންޑީއޭއާ ދެކޮޅަށް ލޯކް ސަބާގައި މަސައްކަތް ކުރާނެ އިދިކޮޅު ލީޑަރަކަށް، ކޮންގްރެސް ވޯކިން ކޮމިޓީން ނިންމި ނިންމުމެއް ގަބޫލު ކުރައްވައި، ރާހުލް ގާންދީ ލޯކް ސަބާގެ އިދިކޮޅު ލީޑަރުގެ މަގާމާ ހަވާލުވެވަޑައިގެންފަ އެވެ. 

ތިން ފަހަރެއްގެ މަތިން މެމްބަރުކަން ކުރައްވާފައިވާ ބިރްލާ މިއަދު ލޯކް ސަބާގެ ސުޕީކަރުގެ މަގާމަށް އިތުރު ދައުރަކަށް އިންތިހާބުވެވަޑައިގަތުމާ އެކު އިދިކޮޅު ލީޑަރު ރާހުލް ގާންދީ ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ގާންދީ ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ވެސް ސަލާމް ކުރައްވައިފަ އެވެ. އެއަށް ފަހު ޕާލަމެންޓްރީ އެފެއާޒް މިނިސްޓަރު ކިރަން ރިޖިޖޫއާ އެކު އެ ދެ ލީޑަރުން ވަނީ ބިރްލާ ގޮވައިގެން މަޖިލީހުގެ ރައީސްގެ ގޮނޑިއާ ހަމައަށް ގެންދަވައިފަ އެވެ.

މިއަދު އޮތް އިންތިހާބަށް އިދިކޮޅުގެ މެޖޯރިޓީއެއް ނެތް ނަމަވެސް، ކެންޑިޑޭޓަކު ނެރުމަކީ 2014 ވަނަ އަހަރާއި 2019 ވަނަ އަހަރު އޮތް ގޮތަށް ޕާލަމެންޓުގެ ކަންކަން ދެމި ނޯންނާނެ ކަމުގެ އިޝާރާތެކެވެ.

އިންޑިއާގެ 443 މެންބަރުންގެ މަޖިލީހުގައި އެންޑީއޭގެ 293 މެމްބަރުން ތިބެ އެވެ. އޭގެ އިތުރަށް ކުޑަ ޕާޓީއެއްގެ ހަތަރު ގޮނޑި ވެސް އެ ކޯލިޝަނުން ކޮންޓްރޯލް ކުރެ އެވެ. އިންޑިއާގެ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްްޔަތަކީ 272 އެވެ. ކޮންގްރެސްގެ އިންޑިއާ ކޯލިޝަންގެ އަދަދަކީ 240 ގޮނޑި އެވެ.

މިއީ 10 އަހަރަށް ފަހު ލޯކް ސަބާގައި އިދިކޮޅު ލީޑަރަކަށް ޖާގަ ލިބޭ ފުރަތަމަ ފަހަރެވެ. ކުރީގެ ދެ އިންތިހާބު، 2014 އާއި 2019ގެ އިންތިހާބުގައި އިދިކޮޅަށް، މަޖިލީހުގައި އިދިކޮޅު ލީޑަރެއް ތަމްޝީލު ކުރުމަށް ބޭނުންވާ، %10 ނޫނީ 54 ގޮނޑިއެއް ނުލިބުނެވެ.

އިދިކޮޅު ލީޑަރުގެ ހައިސިއްޔަތުން ބޮޑުވަޒީރާ އެކު، އިލެކްޝަންސް ކޮމިޝަނަށް މެންބަރުން ކަނޑައެޅުމާއި ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންއަށް ޑިރެކްޓަރުން ހޮވުން ފަދަ މުހިންމު ޕެނަލްތަކުގައި ގާންދީ ހިމެނިވަޑައިގަންނަވާނެ އެވެ. އަދި ދުސްތޫރީ މަގާމުގެ ސަބަބުން ގައުމީ ކަންކަމުގައި އެމަނިކުފާނުގެ ވިސްނުންފުޅު ހާމަ ކުރެއްވުމަށް، ޒިޔާރަތްކުރައްވާ ގައުމުތަކުގެ ވެރިންނާ ބައްދަލު ކުރައްވައި، ގައުމީ ކަންކަމުގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.

ގާންދީ އެ މަގާމާ ހަވާލުވެވަޑައިގަތުމަށް ދެކޮޅު ހެއްދެވި ނަމަވެސް، އެ ޕާޓީގެ ޑިމާންޑްތަކަށް އޭނާ ބޯލަނބާފައިވާ ކަމަށާއި އެކަމަށް އޭނާގެ މަންމަ ސޯނިއާ ގާންދީ އާއި ކޮއްކޮ ޕްރިޔަންކާ ގާންދީ ވެސް ވަކާލާތު ކުރެއްވި ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

މިއީ 2004 ވަނަ އަހަރުން ފެށިގެން ޕާލަމެންޓުގައި އިންނެވި ނަމަވެސް ރާހުލް ގާންދީ ދުސްތޫރީ މަގާމަކާ ހަވާލުވި ފުރަތަމަ ފަހަރެފެވެ.

ގާންދީ 2017 ވަނަ އަހަރު ކޮންގްރެސްގެ ރައީސް ކަމަށް ވަޑައިގަތުމަށް ފަހު 2019 ވަނަ އަހަރުގެ ލޯކް ސަބާ އިންތިހާބުން ބޮޑު  ނާކާމިޔާބީއެއް ވުމުން އިސްތިއުފާ ދެއްވި އެވެ. އެ ފަހަރު އެ ޕާޓީއަށް ލިބުނީ 52 ގޮނޑި، އޭގެ ކުރިން 2014 ވަނަ އަހަރު 44 ގޮނޑި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް