އިޒްރޭލުން ހިފާފައި އޮންނަ ގޯލާން ހެއިޓްސްގައި އިޒްރޭލުގެ ބަޔަކު ލުބުނާނުން ދިން ހަމަލާތަކެއް ބަލާލަނީ.
އިޒްރޭލާއި ހިޒްބުއްލާ އިން ހަނގުރާމައަކަށް ނުދާން ވާހަކަ ދައްކަން ޕެންޓަގަންގެ ވެރިޔާ ގޮވާލައްވައިފި
ލުބުނާންގެ ހަތިޔާރު އެޅި ހިޒްބުއްލާ ހަމާއަތާއި އިޒްރޭލާ ދެމެދު ބޮޑެތި ގެއްލުންތަކެއް ކުރިމަތި ކުރުވާނެ ހަނގުރާމައެއްގެ ހުޅު ފަޅައިގެން ދިޔުމުގެ ކުރިން ދެ ފަރާތުގެ މެދުގައި ވާހަކަ ދެއްކުމަށް އެމެރިކާގެ ދިފާއި ސެކްރެޓަރީ ލޮއިޑް އޮސްޓިން ގޮވާލައްވައިފި އެވެ.
އިޒްރޭލުގެ ދިފާއީ ވަޒީރު ޔޮއޭވް ގަލަންތުއާ އެކު އިއްޔެ ބޭއްވެވި ބައްދަލުވުމުގައި ކަންކަން މިހާ މައްޗަށް ގޮސްފައި ވަނީ ހިޒްބުއްލާގެ ސަބަބުން ކަމަށް އޮސްޓިން ވިދާޅުވި އެވެ. އަދި ހަނގުރާމައެއް ފެށިއްޖެ ނަމަ ބައިވެރިވާ ހުރިހާ ފަރާތްތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ސަރަހައްދީ ބޮޑު ހަމަނުޖެހުމަކަށް ހިނގައިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަސްރަހް އިތުރަށް ގޯސްވިޔަ ނުދިނުމަށް އޮތް އެންމެ ރަނގަޅު މަގަކީ ވާހަކަ ދެއްކުން. އެހެންކަމުން އިޒްރޭލާއި ލުބުނާނު ބޯޑަރުގެ ދެފަޅީގައިވާ އާންމުންނަށް އެނބުރި އެމީހުންގެ ގެެދޮރަށް އާދެވޭނެ މަގު ފަހި ކުރުވުމަށް ޑިޕްލޮމެޓިކް އެއްބަސްވުމަކަށް އާދެވޭތޯ އަހަރުމެން މިދަނީ އަވަހަށް މަސައްކަތް ކުރަމުން،" ރިޕޯޓަރުންނަށް އޮސްޓިން ވިދާޅުވި އެވެ.
ގާޒާ ހަނގުރާމަ ފެށުނު ފަހުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހިޒްބުއްލާ އާއި އިޒްރޭލުން އަންނަނީ އިޒްރޭލުގެ އުތުރު ބޯޑަރު ސަރަހައްދުގައި ހަމަލާތައް ބަދަލުކުރަމުން ނެވެ. ނަމަވެސް ފާއިތުވެދިޔަ މަދު ހަފްތާތަކެއްގައި މި ހަމަލާތައް ވަނީ ވަރަށް ވަރުގަދަވެގެން ގޮސްފަ އެވެ.
ދެކުނު ލުބުނާނުގައިވާ ހިޒްބުއްލާއާ ދެކޮޅަށް ފުރިހަމަ ހަނގުރާމައެއް ފައްޓަފާނެކަމުގެ އިޝާރާތް ގަލަންތު ވަނީ މީގެ ކުރިން ވެސް ތަކުރާރު ކުރައްވާފަ އެވެ. އަދި އިއްޔެ އޭނާ ވިދާޅުވީ ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް އޮސްޓިންއާ އެކު ގާތްކޮށް މަޝްވަރާ ކުރެވިފައިވާ ކަމަށާއި އަސްކަރިއްޔާ ވެސް ތައްޔާރީ ހާލަތުގައި ބޭއްވުމަށް އޮސްޓިންއާ އެކު މަޝްވަރާ ކުރެވުނު ކަމަށެވެ.
ގާޒާ ހަނގުރާމަ ފެށުނު ފަހުން ހިޒްބުއްލާއިން އިޒްރޭލަށް ހަމަލާތައް އަމާޒު ކުރަމުން ދިޔަ ނަމަވެސް ހަނގުރާމައަކަށް ދިޔުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އެ ގްރޫޕުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ. އިޒްރޭލާއި ހިޒްބުއްލާއިން ބަދަލުކުރާ ހަމަލާތަކުގައި މިހާތަނަށް ލުބުނާނުން 80 އަށް ވުރެ ގިނަ މީހުން އަދި އިޒްރޭލުން 11 މީހަކު ވަނީ މަރުވެފަ އެވެ.
ހިޒްބުއްލާ ގިންތި ކުރެވިފައި ވަނީ ދުނިޔޭގައި އޮތް ސަރުކާރަކަށް ނިސްބަތް ނުވާ އެންމެ ބާރުގަދަ އަދި ހަތިޔާރު ގިނަ އަސްކަރީ އެއް ގްރޫޕުގެ ގޮތުގަ އެވެ. މިއާ އެކު އިޒްރޭލުން މި ގްރޫޕާ ދެކޮލަށް ހަނގުރާމައެއް ފައްޓައިފި ނަމަ ދެ ފަރާތަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެކަމަށް އޮތީ ބެލެވިފަ އެވެ.
ހިޒްބުއްލާއާ އެކު ހަނގުރާމައަކަށް ނުދާން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް އެމެރިކާ ސަރުކާރުން އިޒްރޭލަށް ތަކުރާރުކޮށް ގޮވާލާފައިވީ ނަމަވެސް މިފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އިޒްރޭލަށް ފުރިހަމަ އެހީތެރިކަން ދޭނޭކަމަށް ވެސް އެމެރިކާ ސަރުކާރުން ކަށަވަރު ކޮށްދީފައިވެ އެވެ.