ޔޫރަޕިއަން ޔޫނިއަން، މޮލްޑޯވާ އަދި ޔޫކްރެއިންގެ ދިދަ.

އީޔޫ

ޔޫކްރެއިން އާއި މޮލްޑޯވާއަށް އީޔޫ މެމްބަރުކަން ދިނުމަށް މަޝްވަރާތައް ފަށައިފި

މަޝްވަރާތައް ފެށި ނަމަވެސް އީޔޫއާ ގުޅުމަށް ގިނަ އަހަރުތަކެއް ނަގާނެ

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މެމްބަރު ގައުމުތަކުން މިދިޔަ ހަފްތާގައި ރުހުން ދިނުމާ އެކު އެ އިއްތިހާދަށް ޔޫކްރެއިން އާއި މޮލްޑޯވާ ވެއްދުމުގެ ރަސްމީ މަޝްވަރާތައް ފައްޓައިފި އެވެ.

އީޔޫއާ ގުޅުމުގެ މަރުހަލާތަކަކީ އަހަރުތަކެއް ނަގާ ކަމެއް ކަމުގައިވީ ނަމަވެސް، ރަޝިޔާއާ ހަނގުރާމަ ކުރަން ޖެހިފައިވާ ޔޫކްރެއިނަށް މި މަޝްވަރާތަކާ އެކު ހިތްވަރު ލިބިގެންދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ރަޝިޔާއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ހަންގޭރީގެ ހުރަސްއެޅުންތަކާ އެކު ވެސް އީޔޫގެ މެމްބަރު 27 ގައުމުން ވަނީ ޔޫކްރެއިން އާއި މޮލްޑޯވާއާ އެކު މަޝްވަރާތައް ފެށުމަށް މިދިޔަ ހަފްތާގައި ފާސްކޮށްފަ އެވެ.

ނަމަވެސް މި މަޝްވަރާތަކުން ވެސް އީޔޫއާ ގުޅެވޭނެ ކަމުގެ ޔަގީންކަމެއް ނުލިބެ އެވެ. ތުރުކީ އާއި ބޯލްކަންގެ ގިނަ ގައުމުތަކުން ވެސް އީޔޫއާ ގުޅުމަށް މަސައްކަތް ކުރަމުން އަންނަތާ ގިނަ އަހަރުތަކެއް ވަނީ ވެފަ އެވެ.

ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިޔާއަށް ގޮންޖެހުމަށް އީޔޫއިން ވަނީ އިތުރު ގައުމުތަކަކަށް މެމްބަރުކަން ދިނުމުގެ މަސައްކަތްތައް ހަލުވިކޮށްފަ އެވެ. އެގޮތުން ކުރީގެ ރޫސީވިލާތަށް ނިސްބަތްވި ޖޯޖިޔާއަށް އީޔޫއިން ވަނީ މިދިޔަ ޑިސެމްބަރު މަހު 'ކެންޑިޑޭޓް' ހައިސިއްޔަތު ދީފަ އެވެ. ނަމަވެސް އެ ފަހުން ޖޯޖިޔާގައި ސިޔާސީ ހަލަބޮލިކަން ވަނީ އިތުރުވެފަ އެވެ.

ޔޫކްރެއިން އާއި މޮލްޑޯވާއިން އީޔޫއާ ގުޅުމަށް ހުށައެޅީ ރަޝިޔާއިން ހަނގުރާމަ ފެއްޓިތާ މާ ގިނަ ހަފްތާތަކެއް ނުވަނީހެވެ. 

ހުޅަނގަށް ތާއީދު ކުރާ މޮލްޑޯވާގެ ސަރުކާރު ވައްޓާލުމަށް ރަޝިޔާއިން ރާވަމުން ދިޔަ ރޭވުންތަކެއް ވެސް ވަނީ މިފަހުން ފެންމަތިވެފަ އެވެ.

ޔޫކްރެއިނުން އީޔޫއާ ގުޅުމުގެ މަޝްވަރާތައް ފެށުމާ ގުޅޭ (ވީޑިއޯ/ފްރާންސް 24 އިންގްލިޝް)

އީޔޫއިން މިއަދު ޔޫކްރެއިން އާއި މޮލްޑޯވާއާ އެކު ބާއްވާ ބައްދަލުވުންތަކުގައި މި ދެ ގައުމުގައި ހުރި ގާނޫނުތައް އީޔޫގެ ގާނޫނީ އިމުގެ ތެރެއަށް ފެތޭތޯ ވަޒަން ކުރާނެ އެވެ. އަދި އެއަށް ފަހު ޓެކްސް އިން ފެށިގެން ތިމާވެށީގެ ސިޔާސަތުތައް ފަދަ ތަފާތު 35 ދާއިރާއަކުން އަމަލުކުރަން މަޖުބޫރުވާ ގިނަ ޝަރުތުތަކެއް އީޔޫއިން ހުށައަޅާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް