ކްރައިމިއާގައި މަރުވި މީހުންގެ ހަނދާނުގައި މޮސްކޯގައި އާންމުން މާބޮނޑިތަކެއް ބަހައްޓަނީ.

ކްރައިމިއާ މަރުތަކުގެ ޒިންމާ އެމެރިކާއިން އުފުލަން ޖެހޭނެ، ރައްދު ދޭނަން: ރަޝިޔާ

ރަޝިޔާ ސަރަހައްދުތަކަށް ހަމަލާދޭން ހުޅަނގުގެ ހަތިޔާރުތައް ބޭނުން ކުރުމުގެ ހުއްދަ ޔޫކްރެއިނަށް ދިނުމާ އެކު ހަނގުރާމައިގެ މަޝްރަހް ވަނީ ވަރަށް ހޫނުވެފައި

ރަޝިޔާއިން ހިފާފައި އޮތް ކްރައިމިއާގެ ސެވަސްތޮޕޮލްއަށް އާދިއްތަ ދުވަހު ޔޫކްރެއިން ސިފައިން ދިން ހަމަލާގެ ޒިންމާ އުފުލަން ޖެހޭނީ އެމެރިކާއިން ކަމަށާއި މި ހަމަލާއަށް ރައްދު ދޭނެ ކަމަށް ރަޝިޔާއިން އިންޒާރު ދީފި އެވެ.

ދެ ކުޑަކުދިން ހިމެނޭ ގޮތަށް ހަތަރު މީހަކު މަރުވެ، އިތުރު 150 ވަރަކަށް މީހުންނަށް މި ހަމަލާގައި ވަނީ އަނިޔާވެފަ އެވެ. އަދި ހަމަލާ ދިން މިސައިލުގެ ބައެއް ބައިތަށް ވަނީ ގޮނޑުދޮށެއްގައި ތިބި އާންމުންގެ ތެރެއަށް ވެރިފަ އެވެ.

ޔޫކްރެއިނުން މި ހަމަލާ ދިނީ އެމެރިކާއިން ތައްޔާރު ކުރާ އޭޓީއޭސީއެމްއެސް މިސައިލެއް ބޭނުންކޮށް ކަމަށާއި މި މިސައިލު ޕްރޮގްރާމް ކުރީ އެމެރިކާގެ މާހިރުން ކަމަށް ރަޝިޔާގެ ދިފާއީ ވުޒާރާއިން ވަނީ ތުހުމަތުކޮށްފަ އެވެ.

ކްރެމްލިންގެ ތަރުޖަމާނު މި ހަމަލާ ސިފަކުރެއްވީ "އަނިޔާވެރި" ކަމަށެވެ. އަދި އެމެރިކާއިން "ރަޝިޔާގެ ކުޑަކުދިން މަރާކަމަށް" ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

ގާތްގަނޑަކަށް 186 މޭލުގެ ރާސްތާއެއް ހުންނަ އޭޓީއޭސީއެމްއެސް މަރުކާގެ މިސައިލް އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދޭތާ އަހަރެއް ވަރު ވެއްޖެ އެވެ. ނަމަވެސް އެމެރިކާއިން ފޯރުކޮށްދޭ ހަތިޔާރުތައް ރަޝިޔާގެ ސަރަހައްދުތަކަށް ހަމަލާ ދިނުމަށް ޔޫކްރެއިނުން ބޭނުން ކުރުމުގެ ހުއްދަ އެމެރިކާ ސަރުކާރުން ދީފައި ވަނީ މިފަހުން ނެވެ. ޔޫރަޕުގެ ގައުމުތަކުން ވެސް ވަނީ މި ހުއްދަ ޔޫކްރެއިނަށް މިހާރު ދީފަ އެވެ.

އުތުރު ކޮރެއާ އާއި އީރާނުން ފޯރުކޮށްދޭ ހަތިޔާރުތައް ބޭނުންކޮށް ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާތައް ދެމުން އަންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވީ ނަމަވެސް ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިނަށް މި ހުއްދަތައް ދިނުމުން ރަޝިޔާ ސަރުކާރުން ވަނީ މިކަމަށް ވަރަށް ބޮޑަށް ފާޑު ކިޔާ އިންޒާރު ވެސް ދީފަ އެވެ.

ހޯމަ ދުވަހު މޮސްކޯގައި ހުންނަވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކްރެމްލިންގެ ތަރުޖަމާނު ޕެސްކޯވް ވިދާޅުވީ ރަޝިޔާގެ އާންމުން މަރުވާ ކަމެއްގައި އެމެރިކާއިން ސީދާ ބައިވެރިވުމަކީ އޭގެން ނަތީޖާތަކެއް ނުނިކުންނާނެ ކަމެއް ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ.

"ވަގުތު އައިސް ޖެހުމުން އެނގޭނެ އެއީ ކޮން ކަންތައްތަކެއް ކަން."

މި މަހު ކުރީ ކޮޅު ބައިނަލްއަގްވާމީ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕޫޓިން ވިދާޅުވީ "އަހަރުމެންގެ ސަރަހައްދުތަކަށް ހަމަލާތައް ދީ އަހަރުމެންނަށް މައްސަލަތަކެއް ކުރިމަތި ކުރުވުމަށް ހަނގުރާމަ ކުރަމުންދާ މައިދާނަކަށް ހަތިޔާރު ފޮނުވިދާނެ ކަމަށް ބަޔަކަށް ހީކުރެވެނީ ނަމަ، އެ [ހުޅަނގުގެ] ގައުމުތަކުގެ ނާޒުކު މަރުކަޒުތަކަށް ހަމަލާތައް އަމާޒު ކުރެވޭ ސަރަހައްދުތަކަކަށް އަހަރުމެން ވެސް އެ ފެންވަރުގެ ހަތިޔާރުތައް ފޯރުކޮށް ނުދޭންވީ ކީއްތޯ" ސުވާލު އުފައްދައިފަ އެވެ.

ޔޫކްރެއިނުގެ އޮފިޝަލުން ވަނީ ކްރައިމިއާ އަށް ދިން ހަމަލާ ދިފާއު ކުރައްވާފަ އެވެ. ކްރައިމިއާ އަކީ 2014 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިން އަތުން ދަމައިގަތް ސަރަހައްދެކެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް