ރަޝިޔާގެ ޑްރޯން މަރުކަޒު ނައްތާލާފައި.

ރަޝިޔާގެ ޑްރޯން މަރުކަޒު ނައްތާލާފައިވާ ކަމަށް ޔޫކްރެއިނުން ބުނެފި

ރަޝިޔާއިން ގެންދަނީ ޔޫކްރެއިނަށް މި ހަފްތާގައި ވަރުގަދަ ހަމަލާތަކެއް ދެމުން

އިރާނުން އުފައްދާފައިވާ ޑްރޯން ލޯންޗު ކުރުމަށާއި ސިފައިން ތަމްރީނު ކުރުމަށް ބޭނުން ކުރަމުން ދިޔަ ރަޝިޔާގެ ގުދަނެއް ނައްތާލާފައިވާކަން ސެޓެލައިޓު ފޮޓޯތަކުން ފެންނަކަމަށް ޔޫކްރެއިނުން ބުނެފި އެވެ.

ޔޫކްރެއިންގެ ކަނޑުގެ ސިފައިންގެ ލަޝްކަރުން އިއްޔެ މި ސެޓެލައިޓު ފޮޓޯތައް އާއްމު ވަނީ ރަޝިޔާގެ ދެކުނުގެ ކްރަސްނޮޑާ ސަރަހައްދުގައި ހުންނަ ވައިގެ ބަނދަރެއްގައި ބޮޑު ގޮވުމެއް ގޮވާފައިވާ ކަމުގެ ރިޕޯޓެއް ތިލަވި ފަހުންނެވެ.

ރަޝިޔާއިން މި ރިޕޯޓުތަކާ ބެހޭގޮތުން އަދި ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް ހުކުރު ދުވަހުގެ ރޭ ކްރަސްނޮޑާ ސަރަހައްދުން ޑްރޯންތަކެއް ވައްޓާލާފައިވާ ކަމަށް ރަޝިޔާއިން ބުނެފައި ވެ އެވެ.

ރަޝިޔާގެ ޑްރޯން މަރުކަޒަށް ދިން ހަމަލާގައި ގިނަ އިންސްޓްރަކްޓަރުންތަކަކާއި ސިފައިންތަކެއް މަރުވެފައިވާ ކަމަށާއި މި ހަމަލާ ދީފައި ވަނީ ޔޫކްރެއިންގެ އަސްކަރީ އެޖެންސީތަކާ ގުޅިގެން ކަމަށް ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުންޏެވެ. 

އެމެރިކާގެ ޕްލެނެޓް ލެބްސް އިން ފޯރުކޮށްދީފައިވާ މި ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި މި މަރުކަޒު އޮންނަނީ ރަޝިޔާއިން ހިފާފައި އޮތް ޔޫކްރެއިންގެ މަރިއުޕޮލް އިން ސީ އޮފް އަޒޮވް ކަނޑު ހުރަސްކޮށް އަނެއް ފަރާތުގަ އެވެ.

ރަޝިޔާއިން ހުކުރު ދުވަހު ބުނިގޮތުގައި ދެކުނުގެ ސަރަހައްދުތަކަށް ހަމަލާ ދޭން މަސައްކަތް ކުރި ޔޫކްރެއިންގެ 114 ޑްރޯންއެއް ވަނީ ވައްޓާލައިފަ އެވެ. މީގެ އިތުރުން ފަސް މިސައިލެއް ވެސް ވައްޓާލާފައިވާ ކަމަށާއި މި މިސައިލުތަކަކީ އެމެރިކާއިން އުފައްދާ އޭޓީއޭސީއެމްއެސް މަރުކާގެ މިސައިލުތަކެއް ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅޭ (ވީޑިއޯ/ޔޫރޯނިއުސް)

ޔޫކްރެއިނުން ރަޝިޔާގެ ޑްރޯން މަރުކަޒެއް ނައްތާލާފައި މިވަނީ ރަޝިޔާއިން ޔޫކްރެއިނުގެ ހަކަތައާ ބެހޭ ގިނަ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގަ އެވެ. 

އަދި  ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިއާ ޒެލެންސްކީ ކޮންމެ ރެއަކު ގައުމާ މުހާތަބު ކުރައްވާ ދެއްވަމުން އަންނަ ތަގްރީރުގައި ވަނީ ވައިގެ ދިފާއީ ނިޒާމުތައް، ވަކިން ހާއްސަކޮށް އެެމެރިކާއިން އުފައްދާ ޕެޓްރިއޮޓް ދިފާއީ ނިޒާމުތައް ފޯރުކޮށްދިނުމަށް ހުޅަނގުގެ އެކުވެރިންނަށް ގޮވާލައްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް