ޗައިނާގެ އޮޓޮނޮމަސް ސަރަހައްދެއް ކަމުގައިވާ ގުއަންގްޝީ ޖުއަންގްގެ ގުއިލިންގެ ސަރަހައްދުތަކުގައި ޖޫން މަހުގެ 20 ވަނަ ދުވަހު ފެންބޮޑުވެފައި.
ޗައިނާގެ ދެކުނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ގިނަ ބަޔަކު މަރުވެއްޖެ
ޗައިނާގެ ދެކުނުގެ އެކި ހިސާބުތަކަށް ކުރަމުންދާ ގަދަ ވިއްސާރައިގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި އެވެ.
މި ވިއްސާރައިގެ ސަބަބުން މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 55 މީހަކު މަރުވެފައިވާ ކަމަށް ޗައިނާ ސަރުކާރުގެ މީޑިއާއިން އިއްޔެ ވަނީ ރިޕޯޓުކޮށްފަ އެވެ.
ސަރުކާރުން މީޑިއާއަށް ދޫކޮށްލި ފޮޓޯ އާއި ވީޑިއޯތަކުގައި ތަރައްގީވެފައިވާ ސަރަހައްދުތައް ފެނު އަޑީގައިވާ މަންޒަރާއި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް އިމަޖެންސީ މަސައްކަތްތެރިން ލޯންޗުތަކުގައި ހަރަކާތްތެރިވާ މަންޒަރު ވަނީ ފެނިގެން ގޮސްފަ އެވެ.
ޗައިނާ ސަރުކާރުގެ ހަބަރުފަތުރާ ސީސީޓީވީން އިއްޔެ ބުނި ގޮތުގައި، އެންމެ ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާ އެއް ސަރަހައްދު ކަމުގައިވާ ގުވަންޑޮންގް ޕްރޮވިންސުގެ މެއިޗޫ ސިޓީއިން މަދުވެގެން 47 މީހަކު ވަނީ މަރުވެފަ އެވެ.
ޗައިނާގެ ދެކުނުގައި އޮންނަ އިގްތިސާދީ ވަރުގަދަ ޕްރޮވިންސެއް ކަމުގައިވާ ގުވަންޑޮންގްގައި 127 މިލިއަން މީހުން ދިރިއުޅެމުން އަންނަ އިރު، ކޮންމެ އަހަރެއްގެ އޭޕްރިލް މަހުން ސެޕްޓެމްބަރު މަހާ ހަމައަށް މި ޕްރޮވިންސުގައި ފެންބޮޑުވެ އެވެ. ނަމަވެސް، ފާއިތުވެދިޔަ އަހަރުތަކުގައި ވާރޭވެހޭ މިންވަރާއި ފެންބޮޑުވާ މިންވަރު ވަނީ މަތިވެފަ އެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މި ހަފްތާގެ ކުރީކޮޅު މެއިޗޫއިން 10،000އެއްހާ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ. އަދި އެ ސިޓީގެ 130،000 މީހުންނަށް ކަރަންޓު ކެނޑިފައިވާ ކަމަށް ވެސް އިދާރާތަކުން ވަނީ ބުނެފަ އެވެ.
ސީސީޓީވީއިން ބުނި ގޮތުގައި، ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މިހާތަނަށް 40 ކައުންޓީއަކުން 586،500އަށް ވުރެ ގިނަ މީހުންނަށް ވަނީ އަސަރުކޮށްފަ އެވެ. އަދި މި ކާރިސާތަކުގެ ސީދާ އިގްތިސާދީ ގެއްލުން 799 މިލިއަން ޑޮލަރަށް އަރަ އެވެ.
ދެކުނު ޗައިނާގެ ސަރަހައްދުތަކަށް ކުރަމުން އަންނަ މި ވިއްސާރައާ ގުޅިގެން ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ މީހުންނާއި މުދަލާއި ތަންތަން ރައްކާތެރި ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އިމަޖެންސީ ހިދުމަތްތެރިންނަށް އަންގަވާފަ އެވެ.
ޗައިނާގެ ދެކުނަށް މިހާ މޫސުން ގޯސްވެފައި ވާއިރު، އެ ގައުމުގެ އުތުރުގެ ބައެއް ސަރަހައްދުތަކުގައި ހޫނުމިން މައްޗަށް ގޮސް ހަނަފަސްކަމާ ވަނީ ކުރިމަތިވެފަ އެވެ. އަދި ބައެއް ސަރަހައްދުތަކުގައި ރެކޯޑު މިންވަރަކަށް ހޫނުމިން ވަނީ މައްޗަށް އަރާފަ އެވެ.