ގާޒާގައި ރެޑް ކްރޮސްގެ ވެހިކަލެއް ހަރަކާތްތެރި ވަނީ.

ގާޒާ ހަނގުރާމަ

ގާޒާގައި ހުންނަ އޮފީސް ކައިރީ 22 މީހަކު މަރާލައިފި: ރެޑް ކްރޮސް

ފާއިތުވެދިޔަ މަދު ދުވަސްކޮޅެއް ތެރޭ މިފަދަ ގިނަ ހާދިސާތަކެއް ހިނގާފައިވާ ކަމަށް ރެޑް ކްރޮސް އިން ބުނޭ

ގާޒާގައި ހުންނަ އޮފީސް އިމާރާތް ކައިރިން ހިމާޔަތް ހޯދަން މަސައްކަތް ކުރި 22 މީހަކު މަރުވި ހަމަލާއެއްގައި އޮފީސް އިމާރާތަށް ވެސް ގެއްލުން ލިބުނު ކަމަށް ދަ އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ) އިން ބުނެފި އެވެ.

"މިސައިލްގެ ބައިތަކެއް ކަމަށް ގަބޫލު ކުރެވޭ ބަރު އެއްޗެހިތަކެއް ވަނީ އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް އޮފީހާއި ރެސިޑެންސްތައް ކައިރިއަށް ހުކުރު ދުވަހު މެންދުރު ފަހު ވެއްޓިފައި،" އައިސީއާރްސީން ނެރުނު ބަޔާނެއްގައިވެ އެވެ.

އާންމުންނަށާއި އިންސާނީ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަށް ގެއްލުމެއް ނުދީ މަސައްކަތް ކުރުމުގެ ޒިންމާއެއް ހުރިހާ ޕާޓީތަކަކަށް ވެސް އޮތް ކަމަށް އެ ބަޔާނުގައިވެ އެވެ.

އިޒްރޭލު އަސްކަރިއްޔާ (އައިޑީއެފް)ގެ ތަަރުޖަމާނަކު ވިދާޅުވީ، މިހާތަނަށް ބެލި ބެލުންތަކުން އެ ސަރަހައްދަށް އައިޑީއެފް އިން ހަމަލާއެއް ދިން ކަން އަދި އެނގިފައި ނުވާ ކަމަށާއި މި ހާދިސާ ބަލަމުން އަންނަ ކަމަށެވެ.

"މި ހަމަލާގެ ސަބަބުން އައިސީއާރްސީ އޮފީހުގެ ސްޓަރަކްޗާއަށް ގެއްލުންވެފައި ވަނީ. ފަލަސްތީނަށް ނިސްބަތްވާ އަހަރެމެންގެ ބައިވަރު މުވައްޒަފުންނާއި އެތައް ސަތޭކަ އާންމުންނެއް ޓެންޓުތަކުގައި މި އޮފީސް ކައިރީ އަންނަނީ ދިރިއުޅެމުން،" އައިސީއާރްސީން ބުނެފައިވެ އެވެ.

"މި ހާދިސާއާ އެކު މިތާ ކައިރީގައި ހުންނަ ރެޑް ކްރޮސްގެ ފީލްޑް ހޮސްޕިޓަލްއަށް ގިނަ ބަޔަކު ވަނީ ތޮށްޖެހިފައި. އެ ހޮސްޕިޓަލަށް މަރުވެފައިވާ 22 މީހެއްގެ ހަށިގަނޑާއި އަނިޔާ ލިބިފައިވާ 45 މީހަކު ވަނީ ގެންދެވިފައި. އިތުރު ބަޔަކަށް އަނިޔާވެފައިވާ ކަމުގެ ރިޕޯޓުތައް ވެސް ވަނީ ލިބިފައި."

އައިސީއާރްސީން ބުނި ގޮތުގައި، މި ބިރުވެރި "ސަލާމަތީ ހާދިސާ" އަކީ ފާއިތުވެދިޔަ މަދު ދުވަސްތަކެއްގައި ހިނގި މިފަދަ ގިނަ ހާދިސާތަކުން އެއް ހާދިސާ އެވެ.

"އިންސާނީ މަސައްކަތްތެރިންނާއި އާންމުން ނުރައްކަލަށް ވައްޓާލާ މިފަދަ ހާދިސާތައް އަހަރެމެން ކުށްވެރި ކުރަން،" އައިސީއާރްސީގެ ބަޔާނުގައިވެ އެވެ.

ގާޒާގައި ހުންނަ ރެޑް ކްރޮސްގެ މަރުކަޒު ކައިރިއަށް ހަމަލާ ދިނުމާ ގުޅޭ (ވީޑިއޯ/13ޑަބްލިއުއެމްއޭޒީ)

ގާޒާގައި ހަމާސް އިން ހިންގަމުން އަންނަ ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި، އިޒްރޭލުން ދިން މި ހަމަލާގައި 25 މީހަކު މަރުވެ 50 މީހަކަށް ވަނީ އަނިޔާވެފަ އެވެ.

އެ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް މި ހަނގުރާމައިގައި ފަލަސްތީނުގެ 37،390 މީހުން ވަނީ މަރާލާފަ އެވެ. އަދި އޭޕްރިލް މަހުގެ ނިޔަލާ ހަމައަށް މަރުވި އަންހެނުންނާއި ކުޑަކުދިންގެ އަދަދު ހުރީ 14،680ގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް