ރަޝިޔާގެ ރައީސް ލަޑީމިއާ ޕޫޓިން

ރަޝިޔާ

ރަޝިޔާއިން އުތުރު ކޮރެއާއަށް ހަތިޔާރު ފޮނުވަފާނެ ކަމަށް ޕޫޓިން ވިދާޅުވެއްޖެ

ރަޝިޔާގެ ސަރަހައްދުތަކަށް ހަމަލާ ދޭން ހުޅަނގުން ޔޫކްރެއިނަށް ހުއްދަ ދިނުމާ އެކު ޕޫޓިން ގެންދަވަނީ ގިނަ އިންޒާރުތަކެއް ދެއްވަމުން

ހުޅަނގުން ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދެމުން އަންނަ ގޮތަށް ރަޝިޔާއިން އުތުރު ކޮރެއާއަށް ވެސް ހަތިޔާރު ފޯރުކޮށްދީފާނެ ކަމަށް ވިދާޅުވެ ރައީސް ލަޑަމިއާ ޕޫޓިން އިންޒާރު ދެއްވައިފި އެވެ.

ޕޫޓިން މިގޮތަށް ވިދާޅުވެފައި ވަނީ އިއްޔެ ވިއެޓްނާމްގައި ހުންނަވާ ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުންނެވެ.

އދ.ގެ ގަރާރުތަކާ ހިލާފަށް ނިއުކްލިއާ އަދި ބެލިސްޓިކް މިސައިލުތައް އުފައްދަމުން ދިޔުމާ ގުޅިގެން ހުޅަނގުގެ ގައުމުތަކުން ވަނީ އުތުރު ކޮރެއާއަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފަ އެވެ.

ހުޅަނގާ ދެކޮޅު ގައުމުތަކަށް މޮސްކޯއިން ހަތިޔާރު ފޯރުކޮށްދީފާނެ ކަމަށް ޕޫޓިން ފުރަތަމަ އިންޒާރު ދެއްވާފައި ވަނީ މި މަހު ކުރީކޮޅު އެވެ. އެއީ ހުޅަނގުން ފޯރުކޮށްދޭ ހަތިޔާރުތައް ބޭނުންކޮށް ރަޝިޔާގެ ސަރަހައްދުތަކަށް ހަމަލާ ދިނުމުގެ ހުއްދަ ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިނަށް ދިނުމާ ވިދިގެންނެވެ.

ބުދަދުވަހު އުތުރު ކޮރެއާއަށް ކުރެއްވި ދަތުރުގައި ޕޫޓިން އާއި އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ އަސްކަރީ އެހީ ފޯރުކޮށްދޭ އަދި ދިފާއީ އެއްބަސްވުމެއްގައި ސޮއިކުރައްވާފަ އެވެ.

ޔޫކްރެއިނަށް ހަަމަލާ ދޭން އުތުރު ކޮރެއާއިން މިހާރު ވެސް ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދެމުންދާ ކަމުގެ ތުހުމަތުތަކާއި ހެކިތައް ހުޅަނގުން ވަނީ ދައްކައިފަ އެވެ. ޔޫކްރެއިން ހަނގުރާމަ ފެށުމުގެ ކުރިން ޔޫކްރެއިނަށް އަރައި ނުގަންނާނެ ކަމަށް ތަކުރާރުކޮށް ބުނަމުން ދިޔަ މޮސްކޯއިން ހުޅަނގުގެ މިފަހަރުގެ ތުހުމަތުތައް ވެސް ދޮގުކުރެ އެވެ.

ޕޫޓިން އުތުރު ކޮރެއާއާ އެކު ހެއްދެވި އެއްބަސްވުމާ އެކު ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުމާ މެދު ވިސްނާނެކަމަށް ދެކުނު ކޮރެއާއިން ވަނީ ބުނެފަ އެވެ. 

ނަމަވެސް މި ރިޕޯޓަށް ރައްދު ދެއްވާ ޕޫޓިން ވިދާޅުވީ މިފަދަ އަމަލެއް ވެގެން ދާނީ ދެކުނު ކޮރެއާއަށް ހެދޭ 'ބޮޑު ގޯހަކަށް' ކަމަށެވެ. މިފަދަ ހަރަކާތެއް ހިންގައިފި ނަމަ ދެކުނު ކޮރެޔާއަށް ތަދުވާ ވަރުގެ ފިޔަވަޅެއް ރަޝިޔާއިން އަޅާނެކަމަށް ވެސް ޕޫޓިން އިންޒާރު ދެއްވި އެވެ.

ދެކުނު ކޮރެއާއިން އެހެން ގައުމުތަކަށް ވިއްކާ ހަތިޔާރުގެ މިންވަރު އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް ހަނގުރާމައެއް ކުރަމުންދާ ގައުމަކަށް ހަތިޔާރު ނުވިއްކުމުގެ ސިޔާސަތެއް ދެކުނު ކޮރެއާއިން ގެންގުޅެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް