ރަޝިޔާގެ ރައީސް ލަޑަމިއާ ޕޫޓިން (ވ) އަށް އުތުރު ކޮރެއާގެ ލީޑަރު ކިމް (ކ) ރަތް ދޫލައިގެ މަރުހަބާއެއް އަރުވަނީ.

އުތުރު ކޮރެއާ

ހަނގުރާމައިގައި ރަޝިޔާއަށް ފުރިހަމައަށް ތާއީދު ކުރާނަން: އުތުރު ކޮރެއާ

ރަޝިޔާގެ ރައީސް ޕޫޓިން ވަނީ 24 އަހަރު ތެރޭ ފުރަތަމަ ފަހަރަށް މިއަދު އުތުރު ކޮރެއާއަށް ޒިޔާރަތް ކުރައްވާފައި

ޔޫކްރެއިނާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި ރަޝިޔާއަށް އުތުރު ކޮރެެއާގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ލިބޭނެ ކަމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން މިއަދު ވިދާޅުވެއްޖެ އެވެ. 

ކިމް މިގޮތަށް ވިދާޅުވީ، ރަޝިޔާގެ ރައީސް ލަޑަމިއާ ޕޫޓިން މިއަދު އުތުރު ކޮރެއާއަށް ވަޑައިގަތުމުން ބޭއްވެވި ބައްދަލުވުމެއްގަ އެވެ. 

މި ބައްދަލުވުމުގައި ޕޫޓިން ވިދާޅުވީ ރަޝިޔާއިން ހަނގުރާމަ ކުރަމުން ދަނީ ޒަމާނުއްސުރެ އެމެރިކާ އާއި އެ ގައުމާ އެކުވެރި އެހެން ގައުމުތަކުން ފަތުރަން މަސައްކަތް ކުރަމުން އަންނަ ނުފޫޒާ ދެކޮޅަށް ކަމަށެވެ. އަދި ޔޫކްރެއިން ހަނގުރާމައިގައި އުތުރު ކޮރެއާއިން ރަޝިޔާއަށް ދެމުން އަންނަ ތާއީދަށް ޕޫޓިން ޝުކުރު އަދާ ކުރެއްވި އެވެ.

ޕޫޓިން އުތުރު ކޮރެއާއަށް މި ވަޑައިގެންނެވީ 24 އަހަރަށް ފަހު އެވެ. ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުން ދެ ގައުމުގެ މެދުގައި އޮތް ގުޅުން ވަރަށް ބޮޑުތަން ބަދަހިވެފައި ވާއިރު، އުތުރު ކޮރެއާއިން ރަޝިޔާއަށް ހަތިޔާރު ފޮނުވާމުންދާ ކަމުގެ ތުހުމަތުތައް ވެސް ހުޅަނގުން ވަނީ ތިލަކޮށްފަ އެވެ. ނަމަވެސް، މި ތުހުމަތުތައް ދެ ގައުމުން ވެސް ދޮގު ކުރެ އެވެ.

ޕޫޓިން ޕްޔޯންގްޔޭންގްއަށް ކުރައްވާ މި ދަތުރުފުޅުގައި، ކުރިއަށް އޮތް ގިނަ އަހަރުތަކަކަށް ދެ ގައުމުގެ ގުޅުން ދެމިއޮންނާނެ ފަދަ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައިވާ ކަމަށް ކްރެމްލިން އިން ވަނީ ބުނެފަ އެވެ. ނަމަވެސް، މި އެއްބަސްވުންތަކުގެ ތަފްސީލެއް ކްރެމްލިން އިން ހާމަކޮށްފައެއް ނުވެ އެވެ.

ކިމްއާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު ޕޫޓިން ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އަލަށް ހެދުނީ ދިފާއީ އެއްބަސްވުމެއް ކަމަށެވެ. އެއީ ހަނގުރާމައިގެ ހާލަތެއްގައި ދެ ގައުމުން ވެސް އެއް ގައުމު އަނެއް ގައުމަށް އެހީތެރިވުމުގެ އެއްބަސްވުމެއް ކަމަށް ޕޫޓިން ވިދާޅުވި އެވެ.

ޕޫޓިން އުތުރު ކޮރެއާއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތާ ގުޅޭ (ވީޑިއޯ/ޓުޑޭ)

ޕޫޓިން އާއި ކިމް މިއަދު ބޭއްވެވީ ތާރީހީ ބައްދަލުވުމެއް ކަމަށާއި ދެ ގައުމުގެ މެދުގައިވާ އެކުވެރިކަން ޕޫޓިންގެ ދަތުރުފުޅުން ފެނިގެންދާ ކަމަށް އުތުރު ކޮރެއާ ސަރުކާރުގެ ކޭސީއެންއޭ އިން ވަނީ ރިޕޯޓުކޮށްފަ އެވެ. 

މި ދެ ބޭފުޅުން އެންމެ ފަހުން ބައްދަލުކުރައްވާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ކިމް ރަޝިޔާގެ އެންމެ އިރުމައްޗަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް