ހަމާސްގެ ޖަވާބާ ގުޅޭގޮތުން ގަތަރުގެ ބޮޑުވަޒީރާ އެކު މަޝްވަރާ ކުރުމަށް ފަހު އެމެރިކާގެ ހާރިޖީ ސެކްރެޓަރީ އެންޓޮނީ ބްލިންކެން މައުލޫމާތު ދެއްވަނީ.

ގާޒާ ހަނގުރާމަ

ހަމާސް އިން ޑީލަށް ބަދަލުތަކެއް ހުށައަޅާފައިވާ ކަމަށް އެމެރިކާ އިން ބުނެފި

ހަމާސްގެ ބައެއް ބަދަލުތައް ބަލައި ނުގަނެވުނަސް އެއްބަސްވުމަކާ ހަމައަށް ދާން މަސައްކަތް ކުރާނެކަމަށް އެމެރިކާއިން ބުނޭ

ގާޒާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށައެޅި ޑީލަށް ހަމާސް އިން "ގިނަ ބަދަލުތަކެއް" ހުށައަޅާފައިވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.

ގަތަރުގެ ދޯހާގައި ހުންނަވާ ބްލިންކެން ވިދާޅުވީ ހަމާސް އިން ހުށައެޅި ބައެއް ބަދަލުތައް ބަލައިގަނެވިދާނެ ކަމަށާއި އަދި ދެން ހުރި ކަންކަން ބަލައި ނުގަނެވޭނެ ކަމަށެވެ. ނަމަވެސް މި ޑީލު ކޮޅެއްގައި ޖެއްސުމަށް އެމެރިކާ، ގަތަރު އަދި މިސްރުގެ މަޝްވަރާ ޓީމުން މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

މި ޑީލާ އެކު ކުރިއަށް ދިޔުމަށް ތައްޔާރަށް އޮތް ކަމަށާއި އިޒްރޭލުން ހަމަލާތައް ދާއިމީކޮށް ހުއްޓާލާނެކަމުގެ ޔަގީންކަން ބޭނުންވާ ކަމަށް ހަމާސް އިން ވަނީ އަންގާރަ ދުވަހު ބުނެފަ އެވެ. 

ހަމާސް އިން ދީފައިވާ ޖަވާބާ ބެހޭގޮތުން އިޒްރޭލުގެ ސަރުކާރުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކެވި އިޒްރޭލު އޮފިޝަލެއް ވިދާޅުވީ ހަމާސްގެ ޖަވާބުން ދޭހަވަނީ އެ ގްރޫޕުން މި ޑީލު ބޮލާލާ ޖެހިކަމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން މޭ މަހުގެ 31 ވަނަ ދުވަހު ހާމަކުރެއްވި މި ޑީލަށް ތާއީދު ކުރާކަމެއް އިޒްރޭލުގެ ބޮޑުވަޒީރު ފާޅުގައި ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް ޑީލެއް ގާއިމު ކުރެވިއްޖެ ނަމަ އިޒްރޭލުން އެގޮތަށް އަމަލު ކުރާނެ ކަމަށް ނަތަންޔާހޫ ވިދާޅުވި ކަމަށް އަންގާރަ ދުވަހު ބްލިންކެން ވަނީ ހާމަކުރައްވާފަ އެވެ.

ގަތަރުގެ ބޮޑުވަޒީރާއި ހާރިޖީ ވަޒީރާ އެކު ބޭއްވި ނޫސް ކޮންފަރެންސެއްގައި ބްލިންކެން ވިދާޅުވީ ހަމާސް އިން ހުށައެޅި ބަދަލުތަކާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"ހަމާސް އިން މޭ މަހުގެ 6 ވަނަ ދުވަހު ހުށައެޅި ޕްރޮޕޯސަލާ ގާތްގަނޑަކަށް ހެން އެއްް ޕްރޮޕޯސަލެއް މޭޒު މައްޗަށް މި ގެނެވުނީ. މުޅި ދުނިޔެއިން ބަލައިގަނެފައިވާ ޑީލެއް. އިޒްރޭލުން ބަލައިގަނެފައިވާ ޑީލެއް. އަދި ހަމާސް އިން ހަމަ އެކަނި އެންމެ ބަހަކުން ޖަވާބު ދެވިދާނެ ޑީލެއް - 'އާނ'،" ބްލިންކެން ވިދާޅުވި އެވެ.

"މީގެ ބަދަލުގައި ދެ ހަފްތާ ވަންދެން މަޑުކޮށްފައި ބަދަލުތަކެއް މި ހުށައަޅަނީ. ބައެއް ކަންކަން އެބަހުރި ކުރިން ހަމާސް އިން ބަލައިގަތް އެކަމު މިހާރު ބަލައިނުގަންނަ ކަންކަން،"

ނަމަވެސް އެމެރިކާ، ގަތަރު އަދި މިސްރުގެ އޮފިޝަލުން މި ޑީލު ނިންމަން މަސައްކަތް ކުރާނެކަމަށް ބްލިންކެން ވިދާޅުވި އެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި މިއީ ބެއްދިދާނެ ފަރަގުތަކެއް. އެކަމު އޭގެ މާނައަކީ ބެއްދޭނެއެކޭ ނޫން، ސަބަބަކީ ވަކި ގޮތެއް ނިންމާނީ ހަމާސް އިން،"

ހަމާސް އިން ޑީލަށް ބަދަލުތަކެއް ގެނައުމާ ގުޅޭ (ވީޑިއޯ/ކީވީޔޫއީ)

ގަތަރުގެ ހާރިޖީ ވަޒީރު ޝެއިހް މުހައްމަދު ވިދާޅުވީ ހަމާސް އާއި އިޒްރޭލުން ބައެއް ކަންކަމުގައި ދޫދޭން ޖެހޭ ކަމަށެވެ.

"ފާއިތުވެ ދިޔަ ދުވަސްތަކުގައި މި ހަނގުރާމައާ ގުޅޭ ވިސްނުމުގެ ބަދަލުތަކެއް އަހަރުމެންނަށް ވަނީ ފާހަގަ ކުރެވިފައި. އަދި ހަނގުރާމަ ހުއްޓާލަން ސާފު އަދި ވަރުގަދަ މެސެޖެއް މިހާރު އެބަ ލިބޭ." އޭނާ ވިދާޅުވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް