ތަމްރީނުތަކުގައި ބައިވެރިވަމުން އަންނަ ރަޝިޔާގެ މިގް-31 މަރުކާގެ ޖެޓުތަކެއް.

ރަޝިޔާ

ރަޝިޔާ އާއި ބެލަރޫސް އިން ނިއުކްލިއާ ތަމްރީނުތަކުގެ ދެވަނަ މަރުހަލާ ފަށައިފި

ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުން ރަޝިޔާއިން ދަނީ ދޭތެރެ ދޭތެރެއިން ނިއުކްލިއާ އިންޒާރުތައް ދެމުން

ހުޅަނގުން ޔޫކްރެއިނަށް ދެމުން އަންނަ ހިތްވަރު ކަނޑުވާލުމަށް މޮސްކޯއިން ގެންގުޅޭ އެޖެންޑާގެ ދަށުން ރަޝިޔާ އާއި ބެލަރޫސް އިން މިދިޔަ މަހު ފެށި ނިއުކްލިއާ ތަމްރީނުތަކުގެ ދެވަނަ މަރުހަލާ ފައްޓައިފި އެވެ.

ރަޝިޔާއިން މިދިޔަ މަހު މި ތަމްރީނުތައް އިއުލާނު ކުރީ، ފަރަންސޭސިވިލާތުގެ ރައީސް އެމެނުއެލް މެކޯން އެ ގައުމުގެ ސިފައިން ޔޫކްރެއިން ހަނގުރާމައިގައި ބައިވެރިވާން ނުފޮނުވާނެ ކަމަށް ވިދާޅުވާން ދެކޮޅު ހެއްދެވުމުންނާއި ހުޅަނގުން ފޯރުކޮށްދޭ ހަތިޔާރުތައް ރަޝިޔާގެ ސަރަހައްދުތަކަށް ހަމަލާދޭން ޔޫކްރެއިނަށް ބޭނުން ކުރެވިދާނެ ކަމަށް ނޭޓޯގެ ބައެއް މެމްބަރު ގައުމުތަކުން ހުއްދަ ދޭން ފެށުމާ ގުޅިގެން ނެވެ.

މިދިޔަ މަހު އޮތް މި ތަމްރީނުތަކުގެ ފުރަތަމަ މަރުހަލާގައި ރަޝިޔާ އާއި ބެލަރޫސް ސިފައިން ވަނީ ނިއުކްލިއާ މިޝަންތަކަށް ތައްޔާރު ވާނޭ ގޮތް މުރާޖައާ ކޮށްފަ އެވެ. މީގެ ތެރޭގައި ނިއުކްލިއާ ހަތިޔާރުތައް ތައްޔާރީ ހާލަތަކަށް ގެނައުމަށާއި މިފަދަ ހަތިޔާރުތައް ލޯންޗު ކުރުން ހިމެނެ އެވެ.

އަދި އިއްޔެ ފެށި ދެވަނަ މަރުހަލާގައި ތަމްރީނުތައް ހިންގަމުން އަންނަނީ ހަނގުރާމައިގެ މައިދާނުގައި ބޭނުން ކުރާ ސްޓްރެޓީޖިކް ނޫން ނިއުކްލިއާ ހަތިޔާރާ ގުޅޭ ގޮތުން ކަމަށް ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުނެ އެވެ. މި ތަމްރީނުތަކުގެ އަމާޒަކީ ރަޝިޔާ އާއި ބެލަރޫސް އާ ދެމެދު އޮތް ސަރަހައްދީ އިސްތިގްލާލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މީހުންނާއި ހަތިޔާރު ތައްޔާރީ ހާލަތެއްގައި ބެހެއްޓުން ކަމަށް އެ ވުޒާރާއިން ވަނީ ބުނެފަ އެވެ. 

މިދިޔަ އަހަރު ރަޝިޔާއިން ވަނީ ބެލަރޫސް އަށް ބައެއް ޓެކްޓިކަލް [ކުދި] ނިއުކްލިއާ ހަތިޔާރުތައް ބަދަލުކޮށްފަ އެވެ.

ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން ކްރެމްލިންގެ ތަރުޖަމާނު ޑިމީޓްރީ ޕެސްކޯވް ވިދާޅުވީ ޔޫރަޕުގައި އޮތް "ނުތަނަވަސް މާހައުލާއި" އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ކޮންމެ ދުވަހަކު ދެމުން އަންނަ އިންޒާރުތަކާ ގުޅިގެން މިފަދަ ތަމްރީނުތައް ހިންގުން މުހިންމު ކަމަށެވެ.

ހުޅަނގަށް ގޮންޖައްސަވަމުން މިދިޔަ ހަފްތާގައި ރަޝިޔާގެ ރައީސް ލަޑަމިއާ ޕޫޓިން ވިދާޅުވީ ރަޝިޔާއިން ނިއުކްލިއާ ހަތިޔާރު ބޭނުން ނުކުރާނެކަމަށް ހުޅަނގުން ދެކުމަކީ ކުށްހީ އެއް ކަމަށެވެ. މޮސްކޯއިން ގެންގުޅޭ ވިސްނުމުގައި ނިއުކްލިއާ ހަތިޔާރުތައް ހަމަ އެކަނި ބޭނުން ކުރުމަށް ކަނޑައަޅާފައި ވަނީ ގައުމު ދެމިއޮތުމަށް ނުރައްކާވާ ހާލަތުގައި އެކަންޏެވެ.

މޮސްކޯއިން ގެންގުޅޭ މި ވިސްނުމަށް ބަދަލައެއް އައިސްފާވާކަން އަދި ފާހަގަ ކުރެވިފައި ނުވި ނަމަވެސް ޕޫޓިންގެ އިންޒާރުތައް ސީރިއަސްކޮށް ނަގާކަމަށް ވޮޝިންޓަންގެ ޖާސޫސީ އިސް އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.

ރަޝިޔާ އާއި ބެލަރޫސް އިން ނިއުކްލިއާ ތަމްރީނުތަކުގެ ދެވަނަ މަރުހަލާ ފެށުމާ ގުޅޭ (ވީޑިއޯ/ޔޫރޯނިއުސް)

ފެޑަރޭޝަން އޮފް އެމެރިކަން ސައިންޓިސްޓްސް އިން އަންދާޒާ ކުރާގޮތުގައި، ދުނިޔޭގައިވާ ހުރި ނިއުކްލިއާ ހަތިޔާރުތަކުގެ %88 ހުރީ އެމެރިކާ އާއި ރަޝިޔާގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް