މީހުންގެ މެދުގަ އާއި އެއްތަނުން އަނެއް ތަނަށް ބަލި ފެތުރުމަށް މަދިރި އެހީތެރިވެދޭ.

ޔޫރަޕް

ޔޫރަޕްގައި ޑެންގީ ހުން އިތުރުވުމުގެ ފަހަތުގައި 'ޓައިގާ' މަދިރި

އޭޝިއާ އަށް ނިސްބަތްވާ މަދިރީގެ މި ބާވަތް މިހާރު އަންނަނީ ޔޫރަޕުގެ ގިނަ ގައުމުތަކަކަށް ފެތުރެމުން

ޔޫރަޕުގައި ޑެންގީ ހުން ފެތުރުން އިތުރުވެފައި ވަނީ ހަލުވިކަމާ އެކު ފެތުރި އާލާވާ ޓައިގާ މަދިރިއާ ހެދި ކަމަށް މާހިރުން ވިދާޅުވެއްޖެ އެވެ.

ފްރާންސް، ސްޕެއިން އަދި ގްރީސް ހިމެނޭ ގޮތަށް މި ވައްތަރުގެ މަދިރި ވަނީ 13 ގައުމަކުން ފެނިފަ އެވެ.

ޔޫރަޕިއަން ސެންޓާ ފޮ ޑިސީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލް (އީސީޑީސީ) އިން ބުނިގޮތުގައި، މި ވައްތަރުގެ މަދިރި ފެތުރި އާލާވުމަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ފަހި ވެއްޓެއް އަންނަނީ މެދުވެރިވަމުން ނެވެ.

އަންނަ މަހުގެ ފަހުކޮޅު އޮލިމްޕިކް ގޭމްސް ފަށާ ފްރާންސްގެ ޕެރިސްގައި ސިއްހަތާ ބެހޭ ވުޒާރާތަކުން އަންނަނީ ޓައިގާ މަދިރި މޮނިޓާކޮށް މަދުކުރުމަށް މަސައްކަތް ކުރަމުން ނެވެ.

ބައިނަލްއަގްވާމީ ދަތުރުތައް އިތުރުވާ ވަރަކަށް ޔޫރަޕުގައި ޑެންގީ ހުން ފެތުރުން އިތުރުވާނެ ކަމަށް އީސީޑީސީ އިން ވަނީ އިންޒާރު ދީފަ އެވެ. އަދި މި ބަލި ފެތުރުން ހުއްޓުވުމަށް ފެން ހަރުލާ ތަންތަން ނައްތާލައި، މަދިރި ނުހަފާ ލޯޝަން އާއި ނެޓުތައް ބޭނުން ކުރުމަށް ވެސް އެ ވުޒާރާއިން ވަނީ އާންމުންނަށް އިލްތިމާސް ކޮށްފަ އެވެ. 

ފާއިތުވެ ދިޔަ 20 ވަރަކަށް އަހަރު ތެރޭ ޔޫރަޕުގައި މަދިރީގެ އުނދަގޫ އަންނަނީ އިތުރުވަމުންނެވެ.

ދުނިޔޭގައި އެންމެ ވަރުގަދައަށް ފެތުރޭ މަދިރީގެ ބާވަތް ކަަމުގައިވާ އޭޝިއަން ޓައިގާ މަދިރި ހަލުވިކަމާ އެކު މުޅި ޔޫރަޕަށް މިހާރު ފެތުރެމުން މިދަނީ ދެކުނު ޔޫރަޕަށް ފުރަތަމަ ފެތުރުމަށް ފަހު އެވެ.

އީސީޑީސީ އިން މަައުލޫމާތު ދޭ ގޮތުގައި މި ބާވަތުގެ މަދިރި މިހާރު ފެތުރިފައިވާ ގައުމުތަކުގެ ތެރޭގައި އޮސްޓްރިއާ، ބަލްގޭރިއާ، ކްރޮއޭޝިއާ، ފްރާންސް، ޖަރުމަނު، ގްރީސް، ހަންގޭރީ، އިޓަލީ، މަލްޓާ، ޕޯޗުގަލް، ރޫމޭނިއާ، ސްލޮވީނިއާ އަދި ސްޕެއިން ހިމެނެ އެވެ.

އަދި ބެލްޖިއަމް، ސައިޕްރަސް، ޗެކް ރިޕަބްލިކް، ނެދަލެންޑްސް އަދި ސްލޮވާކިއާ އިން ވެސް މި މަދިރި ފެނިފައި ވެއެވެ.

ޔޫރަޕުގައި ޓައިގާ މަދިރި ފެތުރިފައިވާ މިންވަރު.

ޓައިގާ މަދިރި ފަތުރާ ބަލިތަކުގެ ތެރޭގައި ޑެންގީގެ އިތުރުން ޗިކަންގުންޔާ އާއި ޒިކާ ވައިރަސް ވެސް ހިމެނެ އެވެ.

މީގެ އިތުރުން ވެސް ރީނދޫ ހުން ޖައްސާ 'އެއިޑީސް އެއީޖިޕްޓީ' ބާވަތުގެ މަދިރި މިހާރު ވަނީ ސައިޕްރަސް އަށް ފެތުރިފަ އެވެ. އަދި މި މަދިރި ޔޫރަޕުގެ އެހެން ހިސާބުތަކަށް ފެތުރުމުގެ ފުރުސަތު އޮތުމަކީ "ކަންބޮޑުވާ" ކަމެއް ކަމަށް މާހިރުން ވިދާޅުވެ އެވެ.

ރޯގާ ފަދަ އަލާމާތްތަކަކުން ފެށޭ ޑެންގީ ހުން ބައެއް މީހުންނަށް ސީރިއަސްވެ މަރާ ވެސް ކުރިމަތި ކުރުވަ އެވެ. ޔޫރަޕުގައި މި ބަލި ފެތުރިގަންނަ މިންވަރު ފާއިތުވެ ދިޔަ މަދު އަހަރުތަކެއްގައި އަންނަނީ އިތުރުވަމުން ނެވެ. އެގޮތުން މިދިޔަ އަށް އަހަރު ތެރޭ އިޓަލީގައި ހަތަރު ފަހަރަކު، ސްޕެއިންގައި ދެ ފަހަރު އަދި ފްރާންސްގައި އެއް ފަހަރު މި ބަލި ފެތުރިފައިވެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުތަކުގައި ޑެންގީ ބަލި ފެތުރެމުންދެ އެވެ. އަދި މިދިޔަ އަހަރު ހަ މިލިއަނަށް ވުރެ ގިނަ މީހުންނަށް މި ބަލިޖެހިފައިވާ އިރު، 7،000 މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ.

އެންމެ ގިނަ އަދަދަކށް ޑެންގޫ ހުން ފެތުރޭ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް، މެލޭޝިއާ، ތައިލެންޑް އަދި ވިއެޓްނާމް އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް