ފްލައިޓުގައި ތިބި ހުރިހާ ފަސިންޖަރުންނަށް ވައިގެ ދަތުރުފަތުރުގެ އަގުގެ ފުރިހަމަ ރިފަންޑް ވެސް ދޭނެ ކަމަށް ސިންގަޕޫރު އެއާލައިނުން ބުނި

ސިންގަޕޫރު

ޓާބިއުލަންސްގައި ޖެހުނު ސިންގަޕޫރު ފްލައިޓުގެ ފަސިންޖަރުންނަށް 25،000 ޑޮލަރާ ހަމައަށް ބަދަލު ދެނީ

އެ ފްލައިޓުން ދަތުރުކުރި ހުރިހާ ފަސިންޖަރުން ޓިކެޓަށް ކުރި ހަރަދު އަނބުރާ ދޭން ނިންމައި ކުދި އަނިޔާތައް ލިބުނު މީހުންނަށް 10،000 ޑޮލަރު ދޭން ވެސް ވަނީ ނިންމާފައި
11 ޖޫން 2024

ޓާބިއުލެންސެއްގައި ޖެހި އަނިޔާވި ސިންގަޕޫރު އެއާލައިންސްގެ ފްލައިޓުގެ ފަސިންޖަރުންނަށް ބަދަލުގެ ގޮތުގައި އެ ކުންފުނިން ފައިސާ ދޭން ނިންމައި ބަދަލަށް އެދެން ފަސިންޖަރުންނަށް ހުޅުވާލައިފި އެވެ.

ސިންގަޕޫރުގެ ގައުމީ އެއާލައިނުން މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މިދިޔަ މަހުގެ 20ގައި ލަންޑަނުން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރަނިކޮށް ޓާބިއުލަންސްގައި ޖެހުނު، އެސްކިއު-321ގައި ދަތުރުކުރި ހުރިހާ ފަސިންޖަރުންނަށް ބަދަލު ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ބަދަލުދޭން ނިންމާފައިވާ ގޮތަކީ: 

  • ދެކޮޅު ޓިކެޓަށްވާ ފައިސާ - ހުރިހާ ފަސިންޖަރުންނަށް 

  • 10،000 ޑޮލަރު - ކުދި އަނިޔާ ލިބުނު ފަސިންޖަރުންނަށް

  • 25،000 ޑޮލަރު - ބޮޑެތި އަނިޔާތައް ލިބުނު މީހުންނަށް އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ދޭ އަދަދު، އަދި އެ މީހުންގެ ފަރުވާ ދިގު ދެމޭ މުއްދަތަކަށް ބަލައި ދެ ފަރާތުން އެއްބަސްވާ ބަދަލެއް އެޑްވާންސަށް ދިން ފައިސާއިން ކެނޑުމަށް ފަހު ދިނުން

  • 1،000 ޑޮލަރު - އެމަޖެންސީ ލޭންޑިންއަށް ފަހު ބެންކޮކް ފުރިއިރު ހުރިހާ ފަސިންޖަރުންނަށް ދިން އަދަދެއް

މީގެ އިތުރަށް ސިންގަޕޫރު އެއާލައިނުން ބުނީ ޔޫރަޕިއަން ޔޫނިއަން ނުވަތަ އިނގިރޭސިވިލާތުގެ ކަމާ ގުޅޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފްލައިޓް "ލަސްވުމުގެ ބަދަލު" ވެސް ދޭނެ ކަމަށެވެ.

ސިންގަޕޯ އެއާާލައިންސުން ބުނި ގޮތުގައި އެ ފައިސާގެ ސަބަބުން އެ ފަރާތްތަކަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށާއި އެ ހާދިސާގެ ސަބަބުން ވަގުތުން ވަގުތަށް ބޭނުންވާ ކަންކަން ކުރުމަށް ކުރަން ޖެހޭ ހަރަދުތަކަށް އެހީތެރިވެދޭނެ އެވެ.

މި މަހުގެ 4 ވަނަ ދުވަހާ ހަމައަށް ބެންކޮކްގެ ހޮސްޕިޓަލްތަކުގައި 20 ފަސިންޖަރުން އަދި ވެސް އަންނަނީ ފަރުވާ ހޯދަމުން ކަމަށް އެ އެއާލައިނުން ބުންޏެވެ. 

މިދިޔަ މަހުގެ 21 ވަނަ ދުވަހު މިޔަންމާގެ އިރަވަޑީ ބޭސިންގެ މަތިން ދަތުރު ކުރަމުން ދަނިކޮށް ޓާބިއުލަންސެއްގައި ޖެހި އެ ބޯޓަށް ކުއްލިލޮޅުމެއް އައިސް ވަރަށް ބޮޑަށް މައްޗާއި ތިރިއަށް ވެއްޓިފަ އެވެ. އެ ހާދިސާގައި އިނގިރޭސި ވިލާތުގެ 73 އަހަރުގެ ޖެފްރީ ކިޗަން ހާޓް އެޓޭކެއް ޖެހިގެން މަރުވި އިރު، އެތައް ބަޔަކު ވަނީ ޒަހަމްވެފަ އެވެ.

ޕައިލެޓް ވަނީ މެޑިކަލް އެމަޖެންސީ އިއުލާނުކޮށް ބެންކޮކްގެ ސުވަރްނަބޫމީ އެއާޕޯޓަށް ބޯޓް ޖައްސައިފަ އެވެ.

އެ ހާދިސާ ހިނގި އިރު ބޯޓުގައި 211 ފަސިންޖަރުންނާއި 18 ފަޅުވެރިން ތިއްބެވެ. އަދި ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް ވަނީ ސަމިޓިވޭޖް ސްރީނާކަރިން ހޮސްޕިޓަލާއި ސަމިޓިވޭޖް ސުކުމްވިތު ހޮސްޕިޓަލާއި ބެންކޮކް ހޮސްޕިޓަލަށް ޒަހަމުވި މީހުން ގެންގޮސްފަ އެވެ.

ސިންގަޕޫރު އެއާލައިނުން ބުނީ ޒަހަމްވި މީހުންގެ ބޭސްފަރުވާގެ ހަރަދުތައް ކަވަރުކުރަމުން އަންނަ ކަމަށާއި އާއިލާގެ މެންބަރުންނާއި ގާތް ތިމާގެ މީހުންގެ އެދުމުން ބެންކޮކަށް ދިއުމުގެ އިންތިޒާމް ހަމަޖައްސައިދިން ކަމަށެވެ.

"ހާލުގައި ޖެހުނު ހުރިހާ ފަސިންޖަރުންނަށް ވެސް މިހާރު ވާނީ އީމެއިލް މެދުވެރިކޮށް ބަދަލުގެ ތަފުސީލުތައް ފޮނުވިފައި،" ސިންގަޕޫރު އެއާލައިނުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް