މިދިޔަ މާޗު މާހު ނަގާފައިވާ އިޒްރޭލް ތަކުރާރުކޮށް ހަމަލާދެމުން އަންނަ ނުސެއިރަތު ރެފިއުޖީ ކޭމްޕުގެ ފޮޓޯއެއް.

ގާޒާ ހަނގުރާމަ

ގާޒާ ހަނގުރާމަ ހުއްޓާލާ ޕްލޭނަށް އދ.ގެ ސަލާމަތީ މަޖިލީހުން ތާއީދުކޮށްފި

ގާޒާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިންް ހުށައަޅާފައިވާ ޕްލޭނަށް ތާއީދުކުރަން އދ.ގެ ސަލާމަތީ މަޖިލީހުން ވޯޓު ދީފި އެވެ.

"ހަމަލާތައް ބަދަލުކުރުން އެކީ ހުއްޓާލާ" މި ޕްރޮޕޯސަލްގައި ހަމާސް އިން ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމަށާއި މަރުވެފައިވާ ރަހީނުންގެ ހަށިގަނޑުތައް އަނބުރާ ދިނުމަށާއި ފަލަސްތީނުގެ ގައިދީން މިނިވަން ކުރުމަށް ޝަރުތުކޮށްފައިވެ އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ 15 މެމްބަރު ގައުމުގެ ތެރެއިން 14 ގައުމަކުން ވަނީ މި ހުށައެޅުމަށް ތާއީދުކޮށް ވޯޓު ދީފަ އެވެ. ވަކި ކޮޅަކަށް ވޯޓު ދީފައި ނުވަނީ ހަމަ އެކަނި ރަޝިޔާއިން އެކަންޏެވެ.

އދ.ގެ ވޯޓާ އެކު މި ޕްރޮޕޯސަލް އިޒްރޭލުން ބަލައިގަތް ކަަމަށް މި ގަރާރުގައި ބުނެފައިވެ އެވެ. އަދި ހަމާސް އިން ވެސް މި ޕްރޮޕޯސަލް ބަލައިގަތުމަށް ބާރު އެޅުމަށް މި ގަރާރުގައި ގޮވާލާފައިވެ އެވެ.

އދ.ގެ މި ވޯޓާ އެކު ހަނގުރާމަ ހުއްޓާލުމަށް އިޒްރޭލާއި ހަމާސްގެ މައްޗަށް އޮތް ޕްރެޝަރު ބޮޑެވެގެންދާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އދ.ގެ ސަލާމަތީ މަޖިލީހުގައި މި ވޯޓު ނަގާފައި މިވަނީ އެމެރިކާގެ ހާރިޖީ ސެކްރެޓަރީ އެންޓޮނީ ބްލިންކެން މެދުއިރުމަތީގެ ބައެއް ލީޑަރުންނާ ބައްދަލުކުރައްވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. 

ގާޒާ ހަނގުރާމަ ހުއްޓާލާ ޕްލޭނަށް އދ.ގެ ސަލާމަތީ މަޖިލީހުން ތާއީދު ކުރުމާ ގުޅޭ (ވީޑިއޯ/ރޮއިޓާސް)

ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ހުށައަޅާފައިވާ ޕްރޮޕޯސަލްގެ ބައެއް ބައިތަކަށް ތާއީދު ކުރާކަމަށް ހަމާސް އިން ވަނީ ކުރިން ބުނެފަ އެވެ. އަދި އދ.ގެ ސަލާމަތީ މަޖިލީހުގެ ނިންމުމަށް ހަމާސް އިން ވަނީ މަރުހަބާ ކިޔާފަ އެވެ. 

މި ޕްރޮޕޯސަލްގެ ދަށުން ހަމާސް އިން ޑިމާންޑު ކުރާނީ، ދާއިމީ ގޮތުން ހަމަލާތައް ހުއްޓާލުމަށާއި ގާޒާއިން އިޒްރޭލު ސިފައިން އެކީ ފޭބުން ކަމަށް ވަނީ ބެލެވިފަ އެވެ. ނަމަވެސް ރަސްމީގޮތުން ވަކި އެއްޗެއް ހަމާސް އިން އަދި ހާމަކޮށްފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް