އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން.

ގާޒާ ހަނގުރާމަ

ގާޒާ ހަނގުރާމަ ހުއްޓާލާ ޑީލަށް ތާއީދު ހޯދަން ބްލިންކެން މެދުއިރުމައްޗަށް

މިއީ ގާޒާ ހަނގުރާމަ ފެށުނު ފަހުން ބްލިންކެން މެދުއިރުމައްޗަށް ކުރައްވާ 8 ވަނަ ދަތުރުފުޅު

ގާޒާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އިއުލާނު ކުރެއްވި ޑީލަށް ތާއީދު ހޯއްދެވުމަށް އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މެދުއިރުމައްޗަށް ދަތުރުފުޅެއް ފައްޓަވައިފި އެވެ.

މި ދަތުރުފުޅުގައި ބްލިންކެން މިއަދު މިސްރަށާއި އިޒްރޭލަށް ވަަޑަައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެއަށް ފަހު އުރުދުން އާއި ގަތަރަށް ވެސް އޭނާ ވަޑައިގަންނަވާނެ އެވެ. މިއީ ގާޒާ ހަނގުރާމަ ފެށުނު ފަހުން ބްލިންކެން މެދުއިރުމައްޗަށް ކުރައްވާ އަށް ވަނަ ދަތުރުފުޅެވެ.

މީގެ 10 ދުވަސް ކުރިން ބައިޑަން އިއުލާނު ކުރެއްވި ޑީލަށް ތާއީދު ހޯދުމަށް އދ.ގެ ސަލާމަތީ މަޖިލީހުގެ ވޯޓަކަށް އަހަން ވެސް އެެމެރިކާއިން އަންނަނީ ވިސްނަމުން ނެވެ.

ބައިޑަންގެ މި ޑީލަށް ހަމާސް އިން ވެސް އަދި އިޒްރޭލުން ވެސް މިހާތަނަށް ފުރިހަމަ އެއްބާރުލުމެއް ދީފައެއް ނުވެ އެވެ.

ބްލިންކެންގެ މި ދަތުރުފުޅުގައި މިސްރުގެ ރައީސް އަބްދުލް ފައްތާހް އެލް-ސީސީ އާ ގާހިރާގައި ބައްދަލުކުރައްވާނެ އެވެ. އަދި އެއަށް ފަހު އިޒްރޭލަށް ވަޑައިގެން އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ދިފާއީ ވަޒީރު ޔޮއޭވް ގަލަންތުއާ ބައްދަލު ކުރައްވާނެ އެވެ.

ހަނގުރާމަ ހުއްޓާލާ ޑީލުގެ އިތުރުން މިސްރުން ރަފަހްއަށް އެހީ ވައްދަން އޮތް ބޯޑަރު ހުޅުވުމާ ބެހޭގޮތުން ބްލިންކެން އިޒްރޭލާ އެކު މަޝްވަރާ ކުރައްވާނެ އެވެ.

ތިން މަރުހަލާއަކަށް ބަހާލާފައި އޮތް އިޒްރޭލުން ހުށައަޅާފައިވާ ޑީލު އެމެރިކާގެ ރައީސް ޖޯ ބައިޑަން އިއުލާނު ކުރެއްވީ މޭ 31ގަ އެވެ. ނަމަވެސް މި ޑީލުގެ މަޝްވަރާތައް އަދިވެސް ދަނީ ކުރިއަށެވެ.

މި ޑީލުގައި ފަލަސްތީނުގެ އަސީރުންނާއި އިޒްރޭލުގެ ރަހީނުން މިނިވަންކޮށް، އިޒްރޭލު ސިފައިން ގާޒާއިން ފައިބާ، ގާޒާގެ ރައްޔިތުންނަށް އެނބުރި ގެޔަށް ދިޔުމުގެ ފުރުސަތު ދީ، ގާޒާ އަލުން އާރާސްތު ކުރުމަށް ފުރުސަތު ދިނުމަށް ހުށައަޅާފައިވެ އެވެ.

ގާޒާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 37،000 ފަލަސްތީނު ރައްޔިތުން މަރުވެ، 84،000 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ހަމާސް އިން ގާޒާގައި ހިންގާ ހެލްތު މިނިސްޓްރީ އިން މައުލޫމާތުދެ އެވެ.

ބްލިންކެން މެދުއިރުމައްޗަށް ދަތުރުފުޅު ފައްޓަވާފައި މިވަނީ ހަތަރު ރަހީނަކު މިނިވަން ކުރުމަށް ގާޒާގެ މެދުތެރޭ ނުސެއިރަތުން އިޒްރޭލުން މަދުވެގެން ފަލަސްތީނުގެ 274 މީހަކު މަރާލާ 698 އަށް ވުރެ ގިނަ މީހުން އަނިޔާކޮށްލާފައި ވަނިކޮށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް