ބެނީ ގަންޓްޒް.

އިޒްރޭލް

އިޒްރޭލުގެ އިމަޖެންސީ ކެބިނެޓުން ބެނީ ގަންޓްޒް އިސްތިއުފާ ދެއްވައިފި

ހަނގުރާމައަށް ފަހު ގާޒާއާ މެދު އަމަލު ކުރާނެ ގޮތަކާ މެދު އިޒްރޭލުގެ ސަރުކާރު އެތެރޭގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފައި

ހަނގުރާމައަށް ފަހު ގާޒާއާ މެދު ކަންތައް ކުރާނެ ގޮތަކާ މެދު އިޒްރޭލް ސަރުކާރުގެ އެތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ނިޝާނެއްގެ ގޮތުން އިޒްރޭލުގެ އިމަޖެންސީ ކެބިނެޓުން ބެނީ ގަންޓްޒް އިސްތިއުފާ ދެއްވައިފި އެވެ. 

ތެލް އަވީވްގައި އިއްޔެ އޮތް ނޫސް ކޮންފަރެންސެއްގައި ގަންޓްޒް ވިދާޅުވީ އޭނާ މި ފިޔަވަޅު އަޅަން ނިންމީ "ބަރު ހިތަކާ" އެކު ކަމަށެވެ.

"ހިތާމަ އަކީ އަހަރުމެންނަށް ހަގީގީ ކާމިޔާބީ އަކާ ހަމައަށް ވާސިލްވުމަށް ނަތަންޔާހޫ ގެންދަވަނީ ހުރަސް އަޅުއްވަމުން. މިހާރު ހިނގަމުން މިދާ ހިތްދަތި ކާރިސާގެ ހަގީގަތަކީ މިއީ،" އޭނާ ވިދާޅުވި އެވެ.

ބައެއް ފަރާތްތަކުން އިޒްރޭލުގެ ބޮޑުވަޒީރު ކަމަށް އަންނާނެ ކަމަށް ލަފާކޮށްފައިވާ ގަންޓްޒް ވަނީ އާ އިންތިހާބެއް ބޭއްވުމަށް ތާރީހެއް ކަނޑައެޅުމަށް ނަތަންޔާހޫ އަށް ގޮވާލައްވާފަ އެވެ.

ގަންޓްޒްގެ އިސްތިއުފާއާ ގުޅޭ ގޮތުން ނަތަންޔާހޫ އެކްސްގައި ލިޔުއްވީ "ބެނީ، މިއީ މި ކެމްޕެއިންގައި އިސްތިއުފާ ދޭންވި ވަގުތެއް ނޫން، މިއީ އެކުގައި މަސައްކަތް ކުރަންވި ވަގުތު" ކަމަށެވެ.

އަދި އިދިކޮޅު ލީޑަރު ޔައާ ލާފިދު ވިދާޅުވީ ގަންޓްޒްގެ ނިންމެވުން "މުހިންމު އަދި ރަނގަޅު" ކަމަށެވެ.

ގަންޓްޒްގެ އިސްތިއުފާއާ ގުޅިގެން އިޒްރޭލުގެ ކަނާތު ފިޔައިގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާ ބެން-ގްވީރް ވަނީ އިޒްރޭލުގެ ހަނގުރާމައިގެ ކެބިނެޓުގައި ބައިވެރިވުމުގެ ފުރުސަތަށް އެދިވަޑައިގެންފަ އެވެ.

ބެން-ގްވީރް ނިސްބަތްވެ ވަޑައިގަންނަވަނީ، ހަނގުރާމަ ހުއްޓާލަން އެމެރިކާގެ ރައީސް ޖޯ ބައިޑަން އިއުލާނު ކުރެއްވި ޑީލު އިޒްރޭލުން ބަލައިގެންފި ނަމަ ސަރުކާރުން އިސްތިއުފާ ދޭނެކަމަށް އިންޒާރު ދެއްވި ކޯލިޝަންގެ ތެރޭގަ އެވެ.

ގާޒާގައި އޮތް ހަމާސްގެ ވެރިކަން ނިމުމަކަށް ގެނެސް އެއް ގައުމަށް ވުރެ ގިނަ ގައުމުން ހިންގާ އާންމުންގެ ވެރިކަމެއް ގާޒާގައި ގާއިމު ކުރާނެ ގޮތަކާ މެދު ޕްލޭނެއް ރޭވުމަށް މިދިޔަ މަހު ގަންޓްޒް ވަނީ ނަތަންޔާހޫ އަށް ގޮވާލައްވާފަ އެވެ. އަދި މި ހަފުތާގައި މި ޕްލޭން އިއުލާނު ނުކޮށްފި ނަމަ އިސްތިއުފާދޭނެ ކަމަށް ގަންޓްޒް ވަނީ އޭރު އިންޒާރު ދެއްވާފަ އެވެ.

އިއްޔެ އޮތް ނޫސް ކޮންފަރެންސުގައި ގަަންޓްޒް ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވަނީ ހަމަ އެކަނި ސަރުކާރަކުން ނޫން ކަމަށާއި އޭނާ ނިސްބަތްވެވަޑައިގަންނަވާ ނެޝަނަލް ޔުނިޓީ ޕާޓީއިން ވެސް ވަކިވެވަޑައިގަންނަވާ ކަމަށެވެ.

ގަންޓްޒްގެ އިސްތިއުފާއާ ގުޅިގެން އިޒްރޭލުގެ ސަރުކާރަށް އަދި އެއްވެސް ބަދަލެއް ނާންނާނެ އެވެ. އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ތިއްބަވާ ޖުމްލަ 120 މެމްބަރުންގެ ތެރެއިން 64 މެމްބަރުން ނިސްބަތްވަނީ ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް