ޢިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ (ވ) އަދި އެމެރިކާގެ ރައީސް ޖޯ ބައިޑަން.

ގާޒާ ހަނގުރާމަ

ނަތަންޔާހޫ ސިޔާސީ ބޭނުމަށް ހަނގުރާމަ ދިގުދަންމާ ކަމަށް ބައިޑަން އިޝާރާތް ކުރައްވައިފި

ހަނގުރާމަ ދިގުލަމުންދާ ވަރަކަށް ބައިޑަން އާއި ނަތަންޔާހޫގެ ގުޅުން ދަނީ ހީނަރުވަމުން

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަމިއްލަ ބާރު ދެމެހެއްޓެވުމަށް ގާޒާ ހަނގުރާމަ ދިގުދަންމަން މަސައްކަތް ކުރައްވާކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެއްވައިފި އެވެ.

"މީހުންނަށް އެހެން ހީވާން ޖެހޭ އެތައް ސަބަބުތަކެއް އެބަހުރި،" ސިޔާސީ ބޭނުންތަކަށް ނަތަންޔާހޫ ހަނގުރާމަ ދިގުދަންމަން މަސައްކަތް ކުރައްވަމުން ގެންދަވާހެން ހީވޭތޯ ސުވާލުކުރުމުން ބައިޑަން ޖަވާބު ދެއްވިކަމަށް އިއްޔެ ޝާއިއު ކުރެވުނު އިންޓަވިއު އެއްގައިވެ އެވެ.

"ހަނގުރާމަ ފެށުމުގެ ކުރިން ގާނޫނު... ކޯޓުތަކަށް ގާނޫނީ ބަދަލު ގެނައުމަށް މަސައްކަތް ކުރުމާ ދެކޮޅަށް އިޒްރޭލުގެ އަސްކަރިއްޔާއިން ދިޔައީ އޭނާއަށް ފާޑުކިޔަމުން. އެހެންކަމުން މިއީ [އިޒްރޭލުގެ] އެތެރޭގައި ހިނގަމުން އަންނަ ބަހުސެއް އެއްވެސް ނަތީޖާއަކާ ހަމައަށް ވާސިލު ނުވާހެން ހީވާ،" އިޒްރޭލުގެ ޖޫޑިޝަރީއަށް ނަތަންޔާހޫ ގެންނަން އުޅުއްވި ބަދަލުތަކާ ގުޅިގެން އެގައުމުގައި ކުރިއަށް ދިޔަ ބޮޑެތި މުޒާހަރާތަކަށް ނިސްބަތްކޮށް ބައިޑަން ވިދާޅުވި އެވެ.

"އޭނާ އެ ވިސްނުން ބަދަލުކުރާނެ ކަމަށް ނުވަތަ ނޫން ކަމެއް އަދި އުނދަގޫ ބުނަން. އެކަމު އެކަމުން އޭނާއަށް ކަންކަން ފަސޭހައެއް ނުވޭ،" ބައިޑަން ވިދާޅުވި އެވެ.

ބައިޑަން މި ބަސްދީގަތުން ދެއްވާފައި ވަނީ މިދިޔަ ހަފްތާގައި ހަނގުރާމަ ހުއްޓާލުމަށް އިޒްރޭލުން ހުށައަޅާފައި އޮތް ޑީލު ހާމަކުރައްވާ އެކަމާ ބެހޭގޮތުން ވާހަކަ ދެއްކެވުމުގެ ކުރިން ނެވެ. އެ ތަގްރީރުގެ މަގްސަދަކަށް ވެފައި އޮތީ ހަނގުރާމަ ނިންމާލުމަށް ހަމާސް އާއި އިޒްރޭލަށް ޕްރެޝަރު ކުރުމެވެ. 

ނަމަވެސް ބައިޑަންގެ މި ވާހަކަތަކާ ގުޅިގެން ނަތަންޔާހޫގެ ހަގީގީ މަގްސަދުތަކަށް މިވަނީ ސަމާލުކަން ލިބިގެން ގޮސްފަ އެވެ.

ބައިޑަން މިދިޔަ ހަފްތާގައި ހާމަކުރެއްވި އިޒްރޭލުން ހުށައެޅި ކަމަށް ބުނާ ޑީލު ނަތަންޔާހޫ އަދި ފާޅުގައި އެންޑޯސްކޮށްފައެއް ނުވެ އެވެ. ހަމަ މިއާ އެކު އެ ޑީލަށް އެއްބަސްވެއްޖެ ނަމަ އިޒްރޭލުގެ ކެބިނެޓު ބައެއް ވަޒީރުން ވަނީ އިސްތިއުފާ ދެއްވާނެ ކަމަށް އިންޒާރު ދީފަ އެވެ.

އިޒްރޭލުން ހުށައެޅި ޑީލުގެ ތަފްސީލުތައް ބައިޑަން ހާމަ ކުރެއްވުމުން މަޝްވަރާތަކުގައި ކުރިއެރުމެއް ނުލިބި ދިގުލަމުންދާތީ ވޮޝިންޓަނުން ކެތްމަދުވަމުންދާކަން ކޮންމެ ވެސް ވަރަކަށް ފާހަގަވެގެންދެ އެވެ. 

"ބިބީ އަށް ވަރަށް ބޮޑު ޕްރެޝަރެއް އެބައޮތް ރަހީނުންނާ ބެހޭގޮތުން... އެހެންކަމުން ރަހީނުން އަނބުރާ ގެނައުމަށް އޭނާ ކޮންމެ ކަމެއް ވެސް ކުރުމަށް ހުރީ ތައްޔާރަށް،" ނަތަންޔާހޫއަށް ވަނަމުން ނިސްބަތްކޮށް ބައިޑަން ވިދާޅުވި އެވެ.

ބައިޑަންގެ ބަސްދީގަތުން އިއްޔެ ޝާއިއު ކުރި ފަހުން ގާޒާގައި ނަތަންޔާހޫ "ސިޔާސީ ކުޅިގަނޑެއް" ކުޅުއްވަމުން ގެންދަވާހެން ހީފުޅުވޭތޯ އިއްޔެ ރިޕޯޓަރުން ސުވާލުކުރުމުން ބައިޑަން ވިދާޅުވީ "އަހަންނަކަށް ހިއެއް ނުވާ" ކަމަށެވެ. އަދި "އޭނާއަށް ކުރިމަތިވެފައިވާ ސީރިއަސް މައްސަލައެއް އޭނާ ހައްލުކުރަން މަސައްކަތް ކުރަމުންދާ" ކަމަށް ބައިޑަން ވިދާޅުވި އެވެ.

ގާޒާ ހަނގުރާމަ ދިގުލަމުންދާ ވަރަކަށް ބައިޑަން އާއި ނަތަންޔާހޫގެ ގުޅުމަށް ގިނަ ގޮންޖެހުންތަކެއް އަންނަނީ ކުރިމަތިވަމުން ނެވެ. އިޒްރޭލުން ގެންގުޅެމުން އަންނަ ހަނގުރާމައިގެ އުކުޅުތަކުގެ ސަބަބުން ފަލަސްތީނުގެ އާންމުންނަށް ލިބެން ޖެހޭ ރައްކާތެރިކަން ނުލިބޭތީވެ އެމެރިކާއިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ނަތަންޔާހޫ ހަނގުރާމަ ދިގުދަންމާކަމަށް ބައިޑަންގެ އިޝާރާތެއް ކުރެއްވުމާ ގުޅޭ (ވީޑިއޯ/އެންބީސީ ނިއުސް)

އިއްޔެ ޝާއިއު ކުރި އިންޓަވިއުގައި އިޒްރޭލުން ހަނގުރާމައިގެ ކުށްތަކެއް ހިންގާފައިވާކަން ސާފު ނުވާކަމަށް ވެސް ބައިޑަން ވިދާޅުވެފައިވެ އެވެ. ނަމަވެސް އިޒްރޭލުން "އެކަށީގެން ނުވާ ހަރަކާތްތަކެއް" ހިންގާފައިވާ ކަމަށް ބައިޑަން ވިދާޅުވި އެވެ. 

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ މިފަދަ ތުހުމަތުތަކެއް ކޮށް އިޒްރޭލުގެ ބައެއް ލީޑަރުން ހައްޔަރު ކުރުމަށް އަމުރު ނެރެފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް