އިންޑިއަން ނޭޝަނަލް ކޮންގްރެސް (އައިއެންސީ) ޕާޓީގެ ސަޕޯޓަރުން އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުގެ ނަތީޖާ ފާހަގަކުރަނީ.-- ފޮޓޯ: [އަރޫން ޝަންކަރް/އޭއެފްޕީ]

ނަރެންދުރަ މޯދީ

އިންޑިއާގެ ރައްޔިތުން މޯދީއަށް އަދަބު ދީފި: ރާހުލް ގާންދީ

5 ޖޫން 2024

އިންޑިއާގެ ހިންދޫ ނޭޝަނަލިސްޓް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އޭނާގެ ޕާޓީއަށާއި ގުޅިފައިވާ ޕާޓީތަކަށް އިންތިހާބު ކާމިޔާބުވިކަން ރޭ ފާހަގަކުރައްވާފައި ވިޔަސް، ވެރިކަން ކުރާ ޕާޓީއަށް އިދިކޮޅުން "އަދަބު"ދީ، އެ މީހުންގެ އަންދާޒާތައް އެކޮޅުކޮޅުން ޖެހުމުގެ އިތުރަށް، މަޖިލީހުގައި ސަރުކާރުގެ ނަމްބަރުތައް ދަށްކޮށްފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.

ކޮމެންޓޭޓަރުންނާއި އެގްޒިޓް ޕޯލްތަކުން މޯދީއަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް އަންދާޒާކުރި އެވެ. އެއާ އެކު، އެ ގައުމުގެ 200 މިލިއަނަށް ވުރެ ގިނަ މުސްލިމުންގެ ކަންބޮޑުވުމަށް ހިންދޫންގެ އަގުލަބިއްޔަތު ގެނައުމުގެ ސަބަބުން މައިނޯރިޓީ ހައްގުތަކާ މެދު އޮތް ކަންބޮޑުވުންތައް އިތުރުވެގެން ދިޔަ އެވެ.

ނަމަވެސް، ފުރަތަމަ ފަހަރަށް 10 އަހަރުގެ ތެރޭގައި މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)އަށް އަމިއްލަ އަގުލަބިއްޔަތު ގެއްލުނެވެ. އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ބީޖޭޕީއަށް ސަރުކާރެއް ގާއިމު ކުރެވޭނީ، ގުޅިފައިވާ ޕާޓީތަކަށް ބަރޯސާވެގެންނެވެ.

އެންމެ ބޮޑު އިދިކޮޅު ކޮންގްރެސް ޕާޓީގެ މަޖިލިސް ގޮނޑިތައް ވަނީ ގާތްގަނޑަކަށް ދެ ގުނައަށް އިތުރުވެފަ އެވެ. އެ ނަތީޖާ ނެރެވުނީ ބީޖޭޕީގެ ކޯލިޝަނާ ދެކޮޅަށް އިދިކޮޅަށް އެއް ކެންޑިޑޭޓަކު ނެރުމުގެ އެއްބަސްވުންތަކުގެ ސަބަބުން ކަމަށް ފާހަގަކޮށްލެވެ އެވެ.

ފަހުގެ ނަތީޖާތަކުން އެނގޭ ގޮތުގައި، މޯދީގެ ކޯލިޝަނަށް 291 ގޮނޑި ލިބުނު އިރު، އިދިކޮޅު ކޮންގްރެސްގެ ކޯލިޝަނުން ވަނީ 234 ގޮނޑި ހޯދައިފަ އެވެ.

އިންޑިއާގެ ރައްޔިތުންގެ މަޖިލީހުގެ 543 ގޮނޑީގެ ތެރެއިން އަގުލަބިއްޔަތެއް ހޯދުމަށް މަދުވެގެން 272 ގޮނޑި ހޯދަން ޖެހެ އެވެ.

ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރޭ ވިދާޅުވީ ވޯޓުލާ މީހުން ވަނީ ބީޖޭޕީއަށް އަދަބު ދީފައި ކަމަށެވެ.

"އަޅުގަނޑަށް ޔަގީންވީ، މި ގައުމުގެ ރައްޔިތުން ރަނގަޅު ޖަވާބެއް ދެއްވާނެކަން،" ރާހުލް ވިދާޅުވި އެވެ.

އިންޑިއަން ނޭޝަނަލް ކޮންގްރެސް (އައިއެންސީ) ޕާޓީގެ ސަޕޯޓަރަކު އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓު ގުނަން ފެށުމުން އިންޑިއާގެ ގައުމީ ދިދަ އުފުލަނީ. (ފޮޓޯ/އޭޕީ)

ގާތްގަނޑަކަށް %99 ވޯޓު ގުނާފައި ވާއިރު، ބީޖޭޕީގެ ވޯޓުގެ ނިސްބަތަކީ %36.7 އެވެ. މިއީ 2019 ވަނަ އަހަރުގެ އިންތިހާބަށް ވުރެ ނިސްބަތުން ވަރަށްް މަދު އަދަދެކެވެ.

މުޅި ނަތީޖާ އިއުލާނު ކުރުމުގެ ކުރިން ބީޖޭޕީގެ މައި އޮފީހުގައި އުފާފާޅުކުރުމުގެ ހަރަކާތްތައް ވަނީ ފަށައިފަ އެވެ. ނަމަވެސް، ނިއު ދިއްލީގައި ހުންނަ ކޮންގްރެސް ޕާޓީގެ ހެޑްކުއާޓަރުގައި ވެސް އެ މީހުން ވަނީ އުފާފާޅުކުރުން ކުރިއަށް ގެންގޮސްފަ އެވެ.

"ބީޖޭޕީއަށް ވަކިން ބޮޑު އަގުލަބިއްޔަތެއް ނުލިބުނު،" ކޮންގްރެސް ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ރަޖީވް ޝުކްލާ ނޫސްވެރިންނަށް ވިދާޅުވި އެވެ.

 "އެއީ އެ މީހުންނަށް ލިބުނު އަހުލާގީ ނާކާމިޔާބީއެއް."

އިތުރު އާޓިކަލް

އިތުރު އާޓިކަލް