ހުޅަނގުގެ ހަތިޔާރު ބޭނުންކޮށް ޔޫކްރެއިނުން ހަމަލާދިން ރަޝިޔާގެ މިސައިލް ނިޒާމް.

ރަޝިޔާގެ މިސައިލް ނިޒާމަކަށް ހަމަލާދީ ހަލާކުކޮށްލާފައިވާ ކަމަށް ޔޫކްރެއިނުން ބުނެފި

ރަޝިޔާގެ ސަރަހައްދުތަކަށް ހަމަލާ ދިނުމަށް ހުޅަނގުން ފޯރުކޮށްދިނުން ހަތިޔާރުތައް ބޭނުންކުރަން ޔޫކްރެއިނަށް ހުއްދަ ލިބުނީ ދާދި ފަހުން

ހުޅަނގުން ފޯރުކޮށްދީފައިވާ ހަތިޔާރު ބޭނުންކޮށް ރަޝިޔާ ސަރަހައްދުގައި ހުރި މިސައިލް ނިޒާމަކަށް ހަމަލާދީ ކާމިޔާބު ކަމާ އެކު ހަލާކުކޮށްލާފައިވާ ކަމަށް ޔޫކްރެއިނުން ބުނެފި އެވެ.

"އޭތި ރޯވެފައި ހުރީ ޗާލުކޮށް. އެއީ ރަޝިޔާގެ އެސް-300 [ނިޒާމެއް]. ރަޝިޔާ ސަރަހައްދުގައި ހުރި. ދުޝްމަނުންގެ ސަރަހައްދުގައި ހުޅަނގުގެ ހަތިޔާރު ބޭނުން ކުރެވިދާނެކަމަށް ހުއްދަ ދިން ފުރަތަމަ ދުވަސްކޮޅު ތެރޭ،" ޔޫކްރެއިން ސަރުކާރުގެ ވަޒީރު އިރީނާ ވެރެސްޗަކް ފޭސްބުކްގައި ފޮޓޯ އަކާ އެކު ޕޯސްޓު ކުރެއްވި އެވެ.

ޔޫކްރެއިނުން މި ހަމަލާ ދީފައި މިވަނީ، ހާކީވް ކައިރީގައިވާ ރަޝިޔާގެ ސަރަހައްދުތަކަށް ހަމަލާދިނުމަށް އެމެރިކާއިން ފޯރުކޮށްދޭ ހަތިޔާރުތައް ބޭނުން ކުރުމަށް އެމެެރިކާ ރައީސް ޖޯ ބައިޑަން ފެހި ސިގްނަލް ދެއްވިތާ މަދު ދުވަސްކޮޅެއް ތެރޭ އެވެ. ޔޫރަޕުގެ ގިނަ ގައުމުތަކަކުން ވެސް ޔޫކްރެއިނަށް މި ހުއްދަ ވަނީ ދީފަ އެވެ.

ނަމަވެސް ވެރެސްޗަކް ހާމަ ކުރެއްވި ހަމަލާގައި ބޭނުންކޮށްފައި ވަނީ އެމެރިކާއިން ފޯރުކޮށްދިން ހަތިޔާރުކަމެއް ސާފެއް ނުވެ އެވެ.

ރަޝިޔާ ސަރަހައްދުގައި ހުރި އަމާޒުތަކަށް އެމެރިކާއިން ފޯރުކޮށްދޭ ހަތިޔާރުތައް ބޭނުންކޮށް ހަމަލާ ދިނުމުގެ ހުއްދަ އެމެރިކާއިން ދީފައި މިވަނީ އެކަމަށް ޔޫކްރެއިނުން އެދެމުންދާތާ މަސްތަކެއް ވެފައި ވަނިކޮށެވެ.

ފާއިތުވެ ދިޔަ މަދު ހަފްތާތަކެއްގައި ރަޝިޔާއިން ވަނީ ހާކީވް އަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. އަދި ޔޫކްރެއިނުގެ ހަމަލާތަކުން ދިފާއުވެ ފުރިހަމަ ރައްކާތެރިކަން ހޯދުމަށް ރަޝިޔާ ސިފައިން ބޭނުން ކުރާ އުކުޅަކީ ރަޝިޔާގެ އަމިއްލަ ސަރަހައްދުތަކަށް އެނބުރި ދިޔުމެވެ.  

ރަޝިޔާގެ ސަރަހައްދުތަކަށް ހަމަލާ ދިނުމަށް ހުޅަނގުގެ ހަތިޔާރުތައް ބޭނުން ކުރުމަށް ހުއްދަ ލިބުމުން މި ހަނގުރާމައިގައި އާ މަރުހަލާއެއް ފެށިފައިވާ ހެން ހީވި ނަމަވެސް ޔޫކްރެއިނުގެ ފައުޖުތަކުން ވަނީ މީގެ ކުރިން ވެސް އިނގިރޭސިވިލާތުން ދީފައިވާ މިސައިލުތައް ބޭނުންކޮށް ކްރައިމިއާގައި ހުރި ބައެއް ތަންތަނަށް ހަމަލާދީފަ އެވެ.

އެމެރިކާއިން ފޯރުކޮށްދޭ ހަތިޔާރުތައް ރަޝިޔާގެ ސަރަހައްދަށް ހަމަލާދޭން ބޭނުންކުރަން ހުއްދަ ދިނުމާ ގުޅޭ (ވީޑިއޯ/ސީބީސީ ނިއުސް)

ރަޝިޔާއިން ހަމަލާތައް ވަރުގަދަކޮށްފައިވާ ހާކީވް ސަރަހައްދު ދިފާއުކުރުމަށް ހުޅަނގުގެ މި ނިންމުން އެހީވެދޭނެކަމަށް ޔޫކްރެއިނުގެ ރައީސް ވޮލޮޑްމިއާ ޒެލެންސްކީ ވަނީ ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް