އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ހެޑްކުއާޓަރަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިރޭ ވަދައިގެން ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ. އާބިދީ/ރޮއިޓާސް

ނަރެންދުރަ މޯދީ

ލަފާ ކުރި ވަރަށް ވުރެ ހަނި އަގުލަބިއްޔަތަކާއެކު މޯދީގެ ކޯލިޝަނުން ކާމިޔާބީ އިއުލާން ކުރައްވައިފި

ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ސީދާ ސާފު އަގުލަބިއްޔަތު ނުލިބޭނެ ކަމަށް މިހާތަނަށް ގުނި ވޯޓުން ޔަގީންވޭ
4 ޖޫން 2024

އިންޑިއާގެ ލޯކް ސަބާގެ އިންތިހާބު ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)ގެ ކޯލިޝަނުން ކާމިޔާބުކޮށްފައިވާ ކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެ، ކާމިޔާބީ ފާހަގަ ކުރައްވައިފި އެވެ. އެހެން ނަމަވެސް އޭނާގެ އަމިއްލަ ޕާޓީ، ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ސީދާ ސާފު އަގުލަބިއްޔަތު ނުލިބޭނެ ކަމަށް މިހާތަނަށް ގުނި ވޯޓުން ޔަގީންވެ އެވެ.

ކުރީ ފަހަރުތަކާ ހިލާފަށް ޖެހިޖެހިގެން ތިން ވަނަ ސަރުކާރެއް މޯދީއަށް މި ފަހަރު އުފެއްދޭނީ ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓާ އެކު އެވެ. ވެރި ރަށް ނިއު ދިއްލީގައި ބީޖޭޕީގެ ކެމްޕޭން ހެޑްކުއާޓަރުގައި މިރޭ ސަޕޯޓަރުންނާ މުހާތަބު ކުރައްވައި މޯދީ ދެެއްކެވި ވާހަކަފުޅުގައި ވަނީ، 640 މިލިއަން މީހުން ވޯޓު ދިން އިންތިހާބަކީ ދުނިޔޭ އެންމެ ބޮޑު ކާމިޔާބީ ކަމަށް ސިފަ ކުރައްވައިފަ އެވެ.

ސަރުކާރެއް އެކުލަވާލުމަށް މޯދީއަށް، 543 މެންބަރުންގެ މަޖިލީހުގެ 272 ގޮނޑި ބޭނުންވެ އެވެ. އެ އަދަދަށް މި ފަހަރު ގޮނޑި ހަމަވާނީ އެންޑީއޭ ކޯލިޝަންގެ ތާއީދާ އެކު އެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ބީޖޭޕީއަށް އެކަނި 303 ގޮނޑި ލިބުނެވެ. އަދި ކޯލިޝަނާ އެކު 353 ގޮނޑި ލިބުނެވެ. ނަމަވެސް މި ފަހަރު އެ އަދަދު ވަރަށް ބޮޑުތަން ދަށްވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މޯދީ އިންތިހާބަށް ނުކުންނެވީ އެ ކޯލިޝަނުން މަދުވެގެން 400 އަށް ވުރެ ގިނަ ގޮނޑި ހޯއްދަވާނެ ކަމުގެ ފޮނި ވައުދުތަކާ އެކު އެވެ.

5 އޭޕްރީލް 2024، ކޮންގްރެސް ޕާޓީގެ މެނިފެސްޓޯ ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން ކޮންގްރެސް ޕާޓީގެ އިސް ލީޑަރު ރާހުލް ގާންދީ -- ސަންޖީވް ވަރުމާ/ހިންދުސްތާން ޓައިމްސް/ގެޓީ އިމޭޖާސް

އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ވަނީ "އިންޑިއާގެ ގާނޫނު އަސާސީ ސަލާމަތްކޮށްދިން" ކަމަށް ވިދާޅުވެ، ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ނޫސްކޮންފަރެންސްގައި ވިދާޅުވި އެވެ: "އަޅުގަނޑު އިންޑިއާގެ ރައްޔިތުންނާ މެދު ވަރަށް ފަހުރުވެރިވަން. އަދި އެއާ އެއްވަރަށް އަނިޔާވެރި ކަމަށް ރައްޔިތުން ދެކޮޅު ހަދާތީ އަޅުގަނޑު ވަރަށް ފަހުރުވެރިވަން،" ރާހުލް ވިދާޅުވި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނި ގޮތުގައި މިހާތަނަށް ގުނި ވޯޓުތަކުގެ ނަތީޖާއިން ދައްކާ ގޮތުގައި އެންޑީއޭ އިން ވަނީ 293 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އިދިކޮޅު ކޮންގްރެސް ޕާޓީގެ އިންޑިއާ ބްލޮކް ކޯލިޝަނުން ވަނީ 234 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް