ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު މައޯ ނިންގް.

ޗައިނާ

ރަޝިޔާގެ އެޖެންޑާ ގެންގުޅޭކަމަށް ޒެލެންސްކީ ކުރެއްވި ތުހުމަތުތައް ޗައިނާއިން ދޮގުކޮށްފި

ނުސީދާގޮތުން ޗައިނާއިން ރަޝިޔާއަށް އެހީތެރިވަމުން އަންނަ ކަމަށް ހުޅަނގުން ތުހުމަތު ކުރޭ

މި މަހު ސްވިޓްޒަލެންޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސުލްހައިގެ ސަމިޓަށް ހުރަސް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޔޫކްރެއިނުގެ ރައީސް ވޮލޮޑްމިއާ ޒެލެންސްކީ ކުރެއްވި ތުހުމަތުތައް ޗައިނާއިން ދޮގުކޮށްފި އެވެ.

މި މަހުގެ 15 އާއި 16ގައި ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓާ ބެހޭގޮތުން އިއްޔެ ނޫސްވެރިން ސުވާލުކުރުމުން ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު މައޯ ނިންގް ވިދާޅުވީ، "ހުޅުގަނޑު ރޯކޮށް ބޮޑުކުރަން" ޗައިނާއިން ދުވަހަކު ވެސް މަސައްކަތް ކޮށްފައި ނުވާނެ ކަމަށެވެ.

އަދި މި ކޮންފަރެންސްއާ ބެހޭގޮތުން ޗައިނާއިން ގެންގުޅެނީ ދެފުށް ފެންނަން ވިސްނުމެއް ކަމަށް މައޯ ވިދާޅުވި އެވެ. "އަހަރުމެން ގަބޫލު ކުރަނީ ހުރިހާ ޕާޓީތަކެއްގެ ތާއީދާއި ވިސްނުންތެރިކަން ލިބޭނެކަމަށް،" އޭނާ ވިދާޅުވި އެވެ.

ސްވިޓްޒަލެންޑުގައި އޮންނަ ސަމިޓުގައި ތަފާތު 80 ގައުމުން ބައިވެރިވާނެ ކަމަށް އެގައުމުތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އާދިއްތަ ދުވަހު ސިންގަޕޫރުގައި ހުންނަވާ ޒެލެންސްކީ ވިދާޅުވީ މި ސަމިޓުގައި ބައިވެރި ނުވުމަށް ރަޝިޔާ އާއި ޗައިނާއިން އެހެން ގައުމުތަކަށް ހިތްވަރު ދެމުން އަންނަ ކަމަށެވެ.

ޔޫކްރެއިން ހަނގުރާމައިގައި ވަކި ކޮޅަކަށް ނުޖެހޭކަމަށް ބެއިޖިންގް އިން އަންނަނީ ތަކުރާރުކޮށް ބުނަމުން ނެވެ. ނަމަވެސް ހުޅަނގުން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް ލުއިކޮށްދިނުމަށް ޗައިނާއިން ރަޝިޔާއާ އެކު ވިޔަފާރި ގުޅުން ބަދަހިކޮށް ޗައިނާގެ ބައެއް ސާމާނުތައް ރަޝިޔާގެ ހަތިޔާރު އުފައްދާ ސިނާއަތަށް ފޯރުކޮށްދެމުންދާކަމަށް ހުޅަނގުން ތުހުމަތު ކުރެ އެވެ.

ސްވިޓްޒަލެންޑް ކޮންފަރެންސް އަށް ރަޝިޔާއަށް ދައުވަތު ދީފައި ނުވާ އިރު ޗައިނާއިން ވަނީ ކޮންފަރެންސްގައި ބައިވެރި ނުވާން ނިންމާފަ އެވެ.

ޔޫކްރެއިނުން ގޮވާލަމުން އަންނަ ސުލްހައިގެ ޕްލޭނުގައި، ޔޫކްރެއިނުގެ ސަރަހައްދުތަކުން ރަޝިޔާ ސިފައިން ފޭބުމާއި، ރޫސީވިލާތް ވެއްޓުނު އިރު ގާއިމު ކުރެވުނު ބޯޑަރުތައް ރަޝިޔާއިން ބަލަައިގަތުމާއި، ހަނގުރާމައަށް ރަޝިޔާ ޒިންމާދާރު ކުރުވުން ހިމެނެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް