މި ޕްރޮޕޯސަލާ އެކު އިޒްރޭލުން ގާޒާގެ މައްޗަށް ހިންގަމުން އަންނަ 8 މަސް ދުވަސް ވެފައިވާ އުދުވާން ހުއްޓުމަކަށް އައުމުގެ އުއްމީދު އާވެގެން ދޭ.

ގާޒާ ހަނގުރާމަ

ގާޒާ ޑީލަށް އޮތް 'ހަމަ އެކަނި ހުރަހަކީ' ހަމާސްކަމަށް ވައިޓް ހައުސް އިން ބުނެފި

ލިޔުމުން އެއްވެސް ހުށައެޅުމެއް ލިބިފައި ނުވާކަމަށް ހަމާސް އިން ވަނީ ބުނެފައި

ގާޒާ ހަނގުރާމަ ހުއްޓާލުމަށް އޮތް "ހަމަ އެކަނި ހުރަހަކީ" ހަމާސް ކަމަށާއި ހަމާސްއިން އެ ޑީލް ގަބޫލު ކުރަން ބާރު އެޅުއްވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ގަތަރުގެ އަމީރް ޝެއިހް ތަމީމް ބިން ހަމަދް އަލް ތާނީ އަރިހު އެދިވަޑައިގެންފި އެވެ.

މި ދެ ލީޑަރުންގެ މެދުގައި ފޯނުން ކުރެވުނު މަޝްވަރާތަކާ ބެހޭގޮތުން ވައިޓް ހައުން އިން ނެރުނު ބަޔާނެއްގައި، އިޒްރޭލުން މި ޑީލާ އެކު ކުރިއަށް ދާން ތައްޔާރަށް އޮތް ކަމަށާއި ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް އޮތް ހަމަ އެކަނި ހުރަހަކީ ހަމާސް ކަމަށް ދެކެވަޑައިގަންނަވާކަމަށް ބައިޑަން ވިދާޅުވިކަމަށް ބުނެފައިވެ އެވެ.

ގާޒާ ހަމަލާތައް ދާއިމީ ގޮތުން ހުއްޓާލަން މަޝްވަރާ ކުރެއްވުމަށް ޝެއިހް ތަމީމް އަށް އެމެރިކާގެ ރައީސް ގުޅުއްވިކަމަށް ދަ ގަތަރީ އަމީރީ ދިވާން އިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މި ކޯލުގައި ގާޒާގައި ބަދަލުވަމުން އަންނަ ހާލަތާއި އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކާ މެދު މަޝްވަރާ ކުރެވުނު ކަމަށް ވެސް ގަތަރު އަމީރްގެ ރަސްމީ ވެބްސަައިޓުގައިވެ އެވެ.

މިސްރާއި އެމެރިކާއާ އެކު ގަތަރުން އަންނަނީ ހަމާސް އާއި އިޒްރޭލާ ދެމެދު ހިނގަމުން އަންނަ މަޝްވަރާތަކުގައި މުހިންމު ރޯލެއް އަދާ ކުރަމުން ނެވެ.

ބައިޑަން މިދިޔަ ހުކުރު ދުވަހު ހާމަ ކުރެއްވި ޑީލު ބެހިގެން ވަނީ ތިން މަރުހަލާ އަކަށެވެ. އެއީ އިޒްރޭލާއި ފަލަސްތީނާ ދެމެދު އަސީރުންނާއި ރަހީނުން ބަދަލުކުރުމާއި އިޒްރޭލު ސިފައިން ގާޒާއިން ފޭބުމާއި އަދި ގާޒާ އަލުން ބިނާކޮށް އާރާސްތު ކުރުމެވެ.

ނަމަވެސް ގާޒާގެ މައްޗަށް ހަމާސްގެ ބާރު ބޭއްވުމުގެ ވާހަކައެއް މި ޕްރޮޕޯސަލަކު ނެތެވެ. މިއީ ހަމާސް އިން ތަކުރާރުކޮށް ދެކޮޅު ހަދާފައިވާ ކަމަކެވެ.

މި ޕްރޮޕޯސަލް އަށް ތާއީދުކޮށް މި ހުށައެޅުން ބަލައިގަތުމަށް އިއްޔެ ޖީ7ގެ ގައުމުތަކުން ވެސް ވަނީ ހަމާސް އަށް ގޮވާލާފަ އެވެ.

"ހަމާސް އިން މި ޑީލު ގަބޫލު ކުރުމަށް އަހަރުމެން ގޮވާލަން، އިޒްރޭލުން އޮތީ މިއާ އެކު ކުރިއަށް ދާން ތައްޔާރަށް. އަދި ހަމާސްގެ މައްޗަށް ނުފޫޒު އޮތް ގައުމުތަކުން މިކަން ހަގީގަތަކަށް ހެދުމަށް އަހަރުމެން ބާރު އަޅަން،" ޖީ7 އިން ނެރެފައިވާ ބަޔާނުގައިވެ އެވެ.

ހަމާސްގެ ތަރުޖަމާނު އޮސާމާ ހަމްދާން ވަނީ މި ހުށައެޅުމަށް މަރުހަބާ ކިޔާކަމަށް އާދިއްތަ ދުވަހު އަލް ޖަޒީރާއަށް ވިދާޅުވެފަ އެވެ. ނަމަވެސް ލިޔުމުން އެއްވެސް ހުށައެޅުމެއް ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

އިޒްރޭލުން ގާޒާގެ މައްޗަށް ހިންގަމުން އަންނަ އުދުވާނުގައި މިހާތަނަށް 36،000 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން މަރުވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ އޮފިޝަލުން ވިދާޅުވެ އެވެ.

ހަނގުރާމައާ ގުޅިގެން އިޒްރޭލުގެ މައްޗަށް އޮތް ބައިނަލްއަގްވާމީ ޕްރެޝަރު އަންނަނީ އިތުރުވަމުން ނެވެ. ގާޒާގެ ރަފަހްގައި ހިންގަމުން އަންނަ އުދުވާން ހުއްޓާލުމަށް އިޒްރޭލުގެ މައްޗަށް ބައިނަލްއަގްވާމީ ކޯޓަކުން އަމުރުކޮށްފައިވީ ނަމަވެސް އިޒްރޭލުން ވަނީ މި އަމުރު ބޮލާލާ ޖަހާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް