ޔޫކްރެއިންގެ ރައީސް ޒެލެންސްކީ (ވ) ބެލްޖިއަމްގެ ބޮޑުވަޒީރު އެލެކްސެންޑާ ޑި ކްރޫއާ ބްރަސަލްސްގައި މިއަދު ބައްދަލު ކުރައްވަނީ.
ޔޫކްރެއިނަށް އަސްކަރީ އެހީ އިތުރުކުރަން އީޔޫއިން މަސައްކަތް ކުރަނީ
ޔޫކްރެއިން އަށް ދޭ އަސްކަރީ އެހީ އިތުރުކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ދިފާއީ ވަޒީރުން ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި މިއަދު ބައްދަލުކުރައްވައިފި އެވެ.
ޔޫކްރެއިނަށް އަސްކަރީ އެހީ އިތުރުކުރަން އީޔޫއިން މަސައްކަތް އަލުން ފައްޓާފައި މިވަނީ މިފަހުން ޔޫކްރެއިނަށް އަސްކަރީ އެހީ ދިނުމަށް ކުރި މަސައްކަތްތަކަށް ރަޝިޔާއާ ރަހުމަތްތެރި ހަންގޭރީ އިން ހުރަސް އަޅާފައި ވަނިކޮށެވެ.
ޔޫކްރެއިން ހަނގުރާމަ ތިންވަނަ އަހަރަކަށް އެޅިފައި ވާއިރު ކީވްގެ ފައުޖުތަކަަށް ފާއިތުވެދިޔަ މަސްތަކުގައި ގިނަ ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. އަދި ހަނގުރާމައަށް ބޭނުންވާ އަސްކަރީ އެހީ ހޯއްދެވުމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިއާ ޒެލެންސްކީ މިހާރު ގެންދަވަނީ ސްޕެއިން، ބެލްޖިއަމް އަދި ޕޯޗުގަލް އަށް ދަތުރުފުޅު ކުރައްވަމުންނެވެ.
ބެލްޖިއަމްގެ ބެލްގާ ނޫސް އެޖެންސީ އިން އެ ގައުމުގެ ހާރިޖީ ވަޒީރު ހައްޖާ ލަހްބީބްއާ ހަވާލަދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ބެލްޖިއަމް އިން މި އަހަރު ޔޫކްރެއިން އަށް އެފް-16 މަރުކާގެ 30 ޖެޓެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
"ޔޫކްރެއިނަށް ދުޝްމަނުން ފަހަތަށް ޖެއްސޭނެ ހަމައެކަނި ގޮތަކީ އަހަރެމެން އިތުރަށް ވަރުގަދަ ހަތިޔާރުތައް އަވަސް ރޭޓެއްގައި ފޯރުކޮށްދިނުން،" ބެލްޖިއަމްގެ ބޮޑުވަޒީރު އެލެކްސެންޑާ ޑި ކްރޫ ވިދާޅުވި އެވެ.
އިއްޔެ ސްޕެއިިން އަށް ވަޑައިގެން ޒެލެންސްކީ ވަނީ ވައިގެ ދިފާއީ މިސައިލުތައް ހޯދުމަށް ސްޕެއިންގެ ސަރުކާރާ އެކު އެއްބަސްވުމެއް ހައްދަވާފަ އެވެ. އަދި ނެދަލެންޑްސް އިން ޕެޓްރިއޮޓް އެއާ ޑިފެންސް ނިޒާމެއް ގާއިމު ކުރުމަށް ބޭނުންވާ ބައެއް ބައިތައް ފޯރުކޮށްދޭނެ ކަމަށާއި އެހެން ގައުމުތަކުން ދެން ހުރި ބައިތައް ހޯދުމަށް އެހީތެރިވެދޭނެ ކަމަށް އެ ގައުމުގެ ދިފާއީ ވަޒީރު މިއަދު ވަނީ ވިދާޅުވެފަ އެވެ.
"ޔޫކްރެއިނުން ކުރަމުންދާ ހަނގުރާމަ އަކީ ޔޫރަޕުގެ ހަނގުރާމައެއް،" ނެދަލެންޑްސްގެ ދިފާއީ ވަޒީރު ކައްސާ އޮލޮންގްރެން ވިދާޅުވި އެވެ.
ޔޫކްރެއިންގެ ބޮޑުވަޒީރު ޑެނިސް ޝްމީހާލް ޗެކް ރިޕަބްލިކްގައި މިއަދު އީޔޫގެ ބައެއް ލީޑަރުންނާ ބައްދަލުކުރައްވައި ހަތިޔާރުގެ އެހީއާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.