އުތުރު ކޮރެއާއިން ވަނީ މިދިޔަ ނޮވެމްބަރު މަހު ކާމިޔާބު ކަމާ އެކު ޖާސޫސީ ސެޓެލައިޓެއް ލޯންޗުކޮށްފައި

ޖަޕާން

ޖޫން 4ގެ ކުރިން އުތުރު ކޮރެއާއިން ސެޓެލައިޓެއް ލޯންޗުކުރަނީ: ޖަޕާން

މި އަހަރު 3 ސެޓެލައިޓް ލޯންޗު ކުރާނެކަމަށް އުތުރު ކޮރެއާއިން ބުނެފައިވޭ

މި ފެށޭ ޖޫން މަހުގެ 4 ވަނަ ދުވަހުގެ ކުރިން ސެޓެލައިޓެއް ލޯންޗުކުރަން ރާވާފައިވާ ކަމަށް އުތުރު ކޮރެއާއިން އަންގާފައިވާ ކަމަށް ޖަޕާން އިން ބުނެފި އެވެ.

މި ސެޓެލައިޓާ އެކު އުތުރު ކޮރެއާއިން ލޯންޗުކުރާ ރޮކެޓުގެ ބައިތައް އެނބުރި ދުނިޔެއަށް ވެއްޓޭނެކަމަށް ޕްޔޯންގްޔޭންގް އިން ކަނޑައަޅާފައިވާ ނުރައްކާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނެނީ ކޮރެއާ ޕެނިންސިއުލާ ކައިރީގައިވާ ބައެއް ސަރަހައްދުތަކާއި ފިލިޕީންސްގެ ލުޒޯން ރަށް ކައިރި ސަރަހައްދުތަކެވެ.

ސެޓެލައިޓް ލޯންޗުކުރާ މައުލޫމާތު ޕްޔޯންގްޔޭންގް އިން ހިއްސާ ކުރުމާ އެކު އެމެރިކާ، ޖަޕާން އަދި ދެކުނު ކޮރެއާގެ އޮފިޝަލުން ވަނީ މިކަމާ މަޝްވަރާކޮށް، މިއީ އދ.ގެ ގަރާރުތަކާ ހިލާފު އަމަލެއް ކަމަށް ފާހަގަކޮށް މިކަން ނުކުރުމަށް އުތުރު ކޮރެއާއަށް އިލްތިމާސް ކޮށްފަ އެވެ.

ދެ ފަހަރަކު ފޭލުވުމަށް ފަހު އުތުރު ކޮރެއާއަށް ކާމިޔާބު ކަމާ އެކު ސެޓެލައިޓެއް ފުރަތަމަ ފަހަރަށް ޖައްވަށް ފޮނުވާލެވިފައި ވަނީ މިދިޔަ ނޮވެމްބަރު މަހު އެވެ. އުތުރުގެ މި ކާމިޔާބީ އައިސްފައި ވަނީ އެ ގައުމުގެ ލީޑަރު ކިމް ޖޮންގް އުން ރަޝިޔާއަށް ވަޑައިގެން ރައީސް ލަޑަމިއާ ޕޫޓިންއާ ބައްދަލު ކުރެއްވިތާ ދެ މަސް ދުވަސް ފަހުން ނެވެ.

ދެކުނު ކޮރެއާއިން ތުހުމަތުކޮށްފައިވާ ގޮތުގައި އުތުރަށް މި ސެޓެލައިޓު ލޯންޗު ކޮށްދިނުމުގައި ރަޝިޔާއިން ވަނީ އެހީތެރިވެ ދީފަ އެވެ. ބަދަލުގައި އުތުރުން ވަނީ ރަޝިޔާއަށް ޔޫކްރެއިން ހަނގުރާމައިގައި ބޭނުން ކުރާނެ ހަތިޔާރު ފޯރުކޮށްދީފަ އެވެ.

އަދި 2024ގައި އަސްކަރީ އާއި ޖާސޫސީ އިތުރު ތިން ސެޓެލައިޓެއް ލޯންޗު ކުރާނެކަމަށް ލީޑަރު ކިމް ވަނީ މިދިޔަ އަހަރު ވިދާޅުވެފަ އެވެ. މިދިޔަ އަހަރު އުތުރު ކޮރެއާއިން ވަނީ ރެކޯޑް އަދަދަކަށް ހަތިޔާރު ޓެސްޓުކޮށްފަ އެވެ.

ސެޓެލައިޓު ގާބިލް ކަމާ އެކު ޕްޔޯންގްޔޭންގްއަށް ޖާސޫސީ މައުލޫމާތު އެއްކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މާހިރުން ލަފާ ކުރައްވަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް