މި ތަމްރީނުތަކަކީ މިނިވަންވުމަށް ކުރާ މަސައްކަތްތަކާ ގުޅިގެން ދޭ "ވަރުގަދަ އަދަބެއް" ކަމަށް ޗައިނާއިން ވަނީ ބުނެފައި.

ޗައިނާ

'ވަރުގަދަ އަދަބެއް' ދިނުމުގެ ގޮތުން ޗައިނާއިން ޓައިވާން ވަށާ އަސްކަރީ ތަމްރީނުތަކެއް ފައްޓައިފި

މިއީ ޓައިވާނުގެ ރައީސް ކަމާ ވިލިއަމް ލާއި ހަވާލުވެވަޑައިގަތުމުން ޗައިނާއިން ބާއްވާ ހަރަކާތެއް ކަމަށް ވަނީ ބެލެވިފައި

ޓައިވާނުން "ވަކިވެގަތުމަށް ހިންގަމުން އަންނަ ހަރަކާތްތަކާ" ގުޅިގެން ދޭ "ވަރުގަދަ އަދަބެއްގެ" ގޮތުން ޓައިވާނު ވަށާ ދެ ދުވަހުގެ އަސްކަރީ ތަމްރީނުތަކެއް ޗައިނާއިން ފައްޓައިފި އެވެ.

ޗައިނާއިން މި ތަމްރީނުތައް ފައްޓާފައި މި ވަނީ ޓައިވާންގެ އާ ރައީސް ވިލިއަމް ލާއި ރައީސް ކަމުގެ ހުވާ ކުރެއްވިތާ ތިން ދުވަސް ފަހުން ނެވެ. ޓައިވާނަށް އިންޒާރު ނުދިނުމަށާއި ޓައިވާނުގެ ޑިމޮކްރަސީ ބަލައިގަތުމަށް ލާއި ވަނީ ބެއިޖިންގް އަށް ގޮވާލާފަ އެވެ.

ޓައިވާނަކީ ޗައިނާއިން ވަކިވެގަނެފައިވާ ޕްރޮވިންސެއް ކަމަށާއި ޗައިނާގެ ބާރުގެ ދަށަށް އެ ރަށް ގެންނަން ޖެހޭ ކަމަށް ބެއިޖިންގް އިން ދެކެއެވެ.

ޓައިވާންގެ ދިފާއީ ވުޒާރާއިން ވަނީ ޗައިނާގެ ތަމްރީނުތައް ކުށްވެރިކޮށްފަ އެވެ. އަދި ގައުމުގެ އިސްތިގްލާލް ހިމާޔަތް ކުރުމަށް އަސްކަރީ ބާރުތައް ނެރެފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެ އެވެ.

ޗައިނާގެ ތަމްރީނުތައް ހިނގަމުން އަންނަނީ ޓައިވާންގެ މައި ރަށް ވަށައިގެން ނެވެ. އަދި ކުރީ ފަހަރުތަކާ ހިލާފަށް ޓައިވާނުން ކޮންޓްރޯލު ކުރާ ޗައިނާގެ އައްސޭރި ފަށާ ކައިރީގައި އޮންނަ ކިންމެން، މަޓްސޫ، ވޫކީ އަދި ޑޮންގްޔިން ރަށްތައް ކައިރީ ވެސް މިފަހަރު ޗައިނާއިން އަންނަނީ ތަމްރީނުތައް ހިންގަމުން ނެވެ.

ޓައިވާން ވަށާ ޗައިނާއިން އަސްކަރީ ތަމްރީނުތައް ހިންގަމުން އަންނަ ސަރަހައްދުތައް.

ޗައިނާގެ ހާރިޖީ ވުޒާރާއިން ބުނިގޮތުގައި މި ތަމްރީނު ތަކަކީ ގައުމުގެ އިސްތިގްލާލް ރައްކާތެރި ކުރުމަށް ހިންގަން "މަޖުބޫރު އަދި ގާނޫނީ ގޮތުން ހުއްދަ" ފިޔަވަޅެއް ކަމަށެވެ.

"އަހަރެން ވަރަށް ހާއްސަކޮށް ބުނަން ބޭނުން ޓައިވާނަކީ ޗައިނާއިން ވަކި ކުރެވޭނެ ބައެއް ނޫން. މިއީ ހަގީގަތަކީ އަދި ތާރީހުން ވެސް ފެންނަން އޮތީ މިގޮތަށް. މުސްތަގްބަލުގައި ވެސް މިކަމެއް ބަދަލެއް ނުވާނެ. މިނިވަންވުމަށް ޓައިވާނުން ކުރާ މަސައްކަތްތައް ފޭލުވާނެ،" ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ވަންގް ވެންބިން ވިދާޅުވި އެވެ.

މިދިޔަ ހޯމަ ދުވަހު ޓައިވާނުގެ ރައީސް ކަމުގެ ހުވާ ލާދިނުމުގެ ރަސްމިއްޔާތުގައި ވިލިއަމް ލާއި ދެއްވި ތަގްރީރުގައި ޗައިނާއިން "ޓައިވާން އަށް އިންޒާރު ދިނުން" ހުއްޓާލުމަށް ވަނީ ގޮވާލައްވާފަ އެވެ.

ލާއި މި ތަގްރީރު ކުށްވެރި ކުރައްވާ ޗައިނާގެ ހާރިޖީ ވަޒީރު ވަންގް ޔީ ވިދާޅުވީ ލާއި  އަކީ "ލަދުކުޑަ" މީހެއް ކަމަށެވެ. ލާއި އަކީ "ވަކިވެގަތުމަށް މަސައްކަތް ކުރާ" އަދި 
"އުނދަގޫ ބޮޑު" މީހެއް ކަމަށް މީގެ ކުރިން ވެސް ބެއިޖިންގް ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް