މިދިޔަ ހަފްތާގައި އަފްގާނުގެ އުތުރާއި މެދުތެރޭ ސަރަހައްދުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައި

އަފްގާނިސްތާން

ކުއްލި ފެންބޮޑުވުންތަކާ އެކު އަފްގާނުން 50 މީހަކު މަރުވެއްޖެ

އަފްގާނިސްތާނަށް ބޯ ވިއްސާރައާ ކުރިމަތިވެފައި މިވަނީ އެތައް މަހެއް ވަންދެން ހަނަފަސްކަން ވެރިވެފައި އޮތުމަށް ފަހު

ބޯކޮށް ވާރޭ ވެހި ކުއްލިއަކަށް ފެންބޮޑުވުމުގެ ސަބަބުން އަފްގާނުގެ މެދުތެރޭ ސަރަހައްދުތަކުން މަދުވެގެން 50 މީހުން މަރުވެފައިވާ ކަމަށް ރަސްމީ ފަރާތްތަކުން ބުނެފި އެވެ.

ފެންގަނޑު ފައިބައިގަތުމުގެ މިނެޓުތަކެއް ކުރިން ސަލާމަތްވާން އުސް ސަރަހައްދުތަކަށް  ދިޔަ ބައެއް މީހުން އަދިވެސް ނުފެންނަ ކަަމަށް ގޯރް ޕްރޮވިންސުގެ ރަސްމީ ފަރާތްތަކުން ބުނެ އެވެ.

މި ފެންބޮޑުވުންތަކާ ގުޅިގެން އެތައް ހާސް ދަނޑާއި ޖަނަވާރުތައް މަރުވެ، 2،000 ގެދޮރު ހަލާކުވެ އިތުރު އެތައް ގެޔަކަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް ރަސްމީ ފަރާތްތަކުން ބުންޏެވެ. 

މީގެ އިތުރުން ޕްރޮވިންސުގެ ވެރިރަށް ފީރޯޒްކޯގައި 2،000 ފިހާރު ފެނު އަޑީގަ އެވެ. އެ ސަރަހައްދަށް ވަދެވޭނެ މަގުތައް ވެސް އޮތީ ބަންދުވެފަ އެވެ.

އެ ސަރަހައްދުގެ މީހަކު ކިޔައިދިން ގޮތުގައި، މިސްކިތުގެ ލައުޑް ސްޕީކަރުން ސަލާމަތްވާން ދިޔުމަށް އޮފިޝަލުން އާންމުންނަށް އެންގުމުން ރައްކާތެރި ސަރަހައްދުތަކަށް އާއިލާ ގޮވައިގެން ދަނިކޮށް 'ބޮޑު އަދި ބިރުވެރި ފެންގަނގެއް'ގައި ހުރިހާ އެއްޗެއް ވަނީ ނެތިކޮށްލައިފަ އެވެ.

އޭއެފްޕީއާ ވާހަކަ ދައްކަމުން ޒާހިރް ޒާހިދު ބުނީ ފެންގަނޑާ އެކު އޭނާގެ ގެ ނެތި ދިޔަތަން ހަމަ ލޮލުން ދުށް ކަމަށެވެ.

"އަންހެނުންނާއި ކުޑަކުދިން، އެންމެން ދިޔައީ ރޮމުން،" އޭނާ ބުންޏެވެ.

މި ސަރަހައްދުގައި މިހާރު ވަނީ އިމަޖެންސީ ހާލަތު އިއުލާނުކޮށްފަ އެވެ. ބޯ ހިޔާވަހިކަމާއި، ކާބޯތަކެއްޗާއި ފެނުގެ އެހީ ހޯދަން ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވަނީ އިއުލާނު ވެސް ކޮށްފަ އެވެ.

އަފްގާނިސްތާނުގެ އުތުރަށް ބޯކޮށް ވިއްސާރަ ކުރުމުގެ ސަބަބުން 300 އަށް ވުރެ ގިނަ މީހުން މިދިޔަ ހަފްތާގައި މަރުވެފައިވާ ކަމަށް އދ. އާއި އަފްގާން ސަރުކާރުން ވަނީ ބުނެފަ އެވެ.

އަފްގާނިސްތާނަށް ބޯ ވިއްސާރައާ ކުރިމަތިވެފައި މިވަނީ އެތައް މަހެއް ވަންދެން ހަނަފަސްކަމާއި ގަދަ ހޫނު ވެރިވެފައި އޮއްވަ އެވެ.

މޫސުމާ ބެހޭ މާހިރުން ބުނާ ގޮތުގައި މޫސުމީ ބަދަލުތަކާ ގުޅިގެން ދިމާވާ ހާދިސާތަކަށް އެންމެ ކުޑަކޮށް ތައްޔާރުވެފައިވާ ގައުމުތަކުގެ ތެރޭގައި އަފްގާނިސްތާން ހިމެނެ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އަފްގާނުގެ ހުރިހާ ޕްރޮވިންސަކަށް މޫސުން ގޯސްވާނެކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް