އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން (ކ) ޔޫކްރެއިން އަށް ކުރެއްވި ޒިޔާރަތުގައި ރައީސް ވޮލޮޑޮމިއާ ޒެލެންސްކީއާ ބައްދަލު ކުރައްވަނީ.

ޔޫކްރެއިން ހަނގުރާމައިގައި ބަދަލުތައް ގެނުވާނެ އަސްކަރީ އެހީ އުޅެނީ އައުމުގެ މަގުމަތީގައި: އެމެރިކާ

އެމެރިކާގެ މަޖިލީހުން ވަނީ 60 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ޔޫކްރެއިން އަށް ދިނުމަށް މިދިޔަ މަހު ފާސްކޮށްފައި

ހަނގުރާމައިގައި "ހަގީގީ ތަފާތެއް" ދައްކުވައިދޭނެ އަސްކަރީ އެހީ ޔޫކްރެއިން އަށް ފޯރުކޮށްދޭނެ ކަމަށް އެމެރިކާގެ ހާރިޖީ ސެކްރެޓަރީ އެންޓޮނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.

ބްލިންކެން މިގޮތަށް ވިދާޅުވީ މިއަދު ޔޫކްރެއިންގެ ވެރިރަަށް ކީވް އަށް ކުރެއްވި ކުއްލި ދަތުރުފުޅެއްގައި ރައީސް ވޮލޮޑޮމިއާ ޒެލެންސްކީއާ ބައްދަލު ކުރައްވަ އެވެ.

އެމެރިކާ ސަރުކާރުން ޔޫކްރެއިނަށް އަސްކަރީ އެހީ ފޯރުކޮށް ދިނުމަށް ގާނޫނު ހަދާ މަޖިލީހަށް ހުށައެޅި ބިލް އެތައް މަސްތަކަކަށް ފަހު މިދިޔަ މަހު ވަނީ ފާސްކޮށްފަ އެވެ. މި ބިލު ފާސްވުން ލަސްވެ ޔޫކްރެއިންގެ ފައުޖުތަކަށް ކުރިމަތިވިި ހަތިޔާރުގެ ދަތިކަމުގެ ފައިދާ ނަގައި ރަޝިޔާ ލަޝްކަރުތަކުން ވަނީ ހަނގުރާމައިގެ މައިދާނުގައި ކުރިއެރުންތަކެއް ހޯދާފަ އެވެ.

ޒެލެންކީއާ ބައްދަލުކުރައްވާ ބްލިންކެން ވިދާޅުވީ "ރަޝިޔާގެ ހަރުކަށިކަމާ ދެކޮޅަށް ހަނގުރާމައިގެ މައިދާނުގައި ހަގީގީ ބަދަލެއް ފެނިގެން ދާނެ" އެހީ އެމެރިކާއިން ފޯރުކޮށްދޭނެ ކަމަށެވެ.

"އެހީ މިހާރު ވަނީ އައުމުގެ މަގުމަތީގައި. ބައެއް ސާމާނުތައް މިހާރު ފޯރައިފި [ޔޫކްރެއިން އަށް]. އަދި އިތުރަށް ވެސް އަންނާނެ،" ބްލިންކެން ވިދާޅުވި އެވެ.

"[ރަޝިޔާގެ ރައީސް ވްލަޑިމިއާ] ޕޫޓިން އަށް ދެވޭނެ އެންމެ ރަނގަޅު ރައްދަކީ ޔޫކްރެއިން ވަރުގަދަވެފައި، ކާމިޔާބު ވެފައި، ތިޔާގިވެފައި، މިނިވަން ވުން،" އަސްކަރީ، އިގްތިސާދީ އަދި ދިމުގްރާތީ ގޮތުން ޔޫކްރެއިން އަމިއްލަ ފައިމައްޗަށް ތެދުކުރުމަށް ވޮޝިންޓަނުން އަޒުމު ހިފާފައިވާކަން ފާހަގަކުރައްވައި ބްލިންކެން ވިދާޅުވި އެވެ.

ޒެލެންސްކީ ވަނީ އެމެރިކާގެ އެހީއަށް ޝުކުރު އަދާކުރައްވައި ޔޫކްރެއިން އަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ވައިގެ ދިފާއީ ނިޒާމްތަކުގެ ވާހަކަ ބްލިންކެންއާ ހިއްސާ ކުރައްވާފަ އެވެ. ރަޝިޔާއިން މިހާރު ހަމަލާތައް ދެމުން އަންނަ ހާކީވް ސަރަހައްދަށް ވައިގެ ދިފާއީ ދެ ނިޒާމް ބޭނުންވާ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.

ބްލިންކެން ޔޫކްރެއިން އަށް ވަޑައިގަތުމާ ގުޅޭ (ވީޑިއޯ/އަލް ޖަޒީރާ އިންގްލިޝް)

ބްލިންކެން އެންމެ ފަހުން ޔޫކްރެއިން އަށް ވަޑައިގެންފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. މިއީ ހަނގުރާމަ ފެށި ފަހުން ބްލިންކެން ޔޫކްރެއިން އަށް ވަޑައިގެންނެވި ހަތަރުވަނަ ފަހަރެވެ.

މި ހަނގުރާމައިގައި ޔޫކްރެއިންގެ %18 މިހާރު އޮތީ ރަޝިޔާގެ އަތްދަށުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް