އެމެރިކާއިން ގެންދަނީ އިޒްރޭލަށް ހަތިޔާރާއި ޖާސޫސީ މައުލޫމާތު ފޯރުކޮށްދެމުން.

އެމެރިކާ

އިޒްރޭލަށް ތާއީދު ކުރާތީ އެމެރިކާގެ އިސް އޮފިސަރެއް އިސްތިއުފާދެއްވައިފި

އިޒްރޭލަށް ތާއީދު ކުރާތީ އެމެރިކާގެ ބައެއް ސިފައިން އަންނަނީ ވަޒީފާ ދޫކޮށްލަމުން

އެމެރިކާގެ އަސްކަރިއްޔާއިން މީގެ މަސްތަކެއް ކުރިން އިސްތިއުފާ ދެއްވި އޮފިސަރެއް އޭނާ އިސްތިއުފާ ދެއްވީ ގާޒާ ހަނގުރާމައިގައި އެމެރިކާއިން އިޒްރޭލަށް ކުރަމުންދާ ތާއީދާ ގުޅިގެންކަން ހާމަކުރައްވައިފި އެވެ. 

މޭޖާ ހެރިސަން މަން ލިންކްޑްއިންގައި އާއްމު ކުރައްވާފައިވާ ސިޓީއެއްގައި، އޭނާ އިސްތިއުފާ ދެއްވީ "އިންތިހާ ބޮޑަށް ލަދުގަނެ" ދެރަވެގެން ކަމަށް ބުނެފައި ވެ އެވެ. 

އެމެރިކާގެ ޑިފެންސް އިންޓެލިޖެންސް އެޖެންސީ (ޑީއައިއޭ) އިން މަން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ގާޒާ ހަނގުރާމަ ފެށި ފަހުން މިހާތަނަށް އެމެރިކާ ސިފައިންގެ ގިނަ ބަޔަކު އިސްތިއުފާ ދީފައިވެ އެވެ. ހަމާސް އިން އިސްވެ ދިން ހަމަލާތަކަކާ ގުޅިގެން ފެށި ގާޒާ ހަނގުރާމައިގައި މިހާތަނަށް 35،000 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ މަރުވެފަ އެވެ.

އެމެރިކާގެ އަސްކަރިއްޔާއިން މިހާތަނަށް އިސްތިއުފާ ދިން ގިނަ ސިފައިން އެ މީހުން އިސްތިއުފާ ދިނީ ވޮޝިންޓަނުން ކުޅެމުންދާ ރޯލާ ގުޅިގެންކަން ވަނީ ހާމަކޮށްފަ އެވެ. އަދި މިދިޔަ ފެބްރުއަރީ މަހު އެމެރިކާގެ ވައިގެ ސިފައިންގެ މީހެއް ކަމުގައިވާ އެރަން ބުޝްނެލް ވަނީ ގާޒާ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން، ވޮޝިންޓަންގައި ހުންނަ އިޒްރޭލު އެމްބަސީ ބޭރުގައި ހުރެ އަމިއްލަ ގައިގައި ހުޅުޖަހައި މަރުވެފަ އެވެ.

މަން އިއްޔެ ވިދާޅުވި ގޮތުގައި އޭނާ މިހާތަނަށް ހުންނެވީ އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވަން ބިރުންނެވެ.

"އަހަރެން ހުރީ ބިރުން. އަހަރެމެން ގެންގުޅެން ޖެހޭ ޕްރޮފެޝަނަލް މިންގަނޑުތަކާ ހިލާފު ވެވިދާނެތީ. އަހަރެން އިހްތިރާމް ކުރާ އޮފިސަރުން މާޔޫސް ކޮށްލެވިދާނެތީ. ހިޔާނާތްތެރިވީއޭ ހިތަށް އަރާފާނެތީ. އަހަންނަށް ޔަގީން މި މެސެޖު ކިޔާ އިރު ތީގެ ތެރެއިން ބައެއް ބޭފުޅުންނަށް މިހެން ހީވާނެކަން،" މަން ލިޔުއްވާފައި ވެ އެވެ.

މަން ވަނީ އޭނާގެ މި މެސެޖު އޭނާއާ އެކު މަސައްކަތް ކުރި ސިފައިންނާ މިދިޔަ މަހު ހިއްސާކޮށްފަ އެވެ. ފަލަސްތީނުގެ އެތައް ހާސް ބަޔަކު މެރުމަށް އެމެރިކާއިން ގެންގުޅޭ ސިޔާސަތަށް އެހީތެރިވެ ދެވުނީތީ އޭނާ ލަދުގަނެ އެތައް ހިތާމައެއް އިހްސާސް ކުރެއްވޭ ކަމަށް މަން ލިޔުއްވާފައި ވެ އެވެ.

"ކޮންމެވެސް ހިސާބަކުން، ކޮންމެ ސަބަބެއް ދެއްކި ނަމަވެސް، މިކަން ފެނިގެން ދާނީ އެތައް ހާސް ކުޑަކުދިންނެއް ބަނޑަށް ޖެއްސުމުގެ ސިޔާސަތެއް ގެންގުޅުނުކަން ނުވަތަ ނޫންކަން،" އޭނާ ވިދާޅުވި އެވެ.

ޑީއައިއޭގެ އޮފިޝަލަކު ރޮއިޓާސް އަށް ވިދާޅުވީ "އެހެން ވަޒީފާގެ މާހައުލުތަކާ އެއްގޮތަށް އެކި ސަބަަބުތަކާ ހުރެ ޑީއައިއޭ އިން ވެސް މުވައްޒަފުން އިސްތިއުފާ ދިނުމަކީ އާންމު ކަމެއް" ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް