ބެރަކްޕޫރު ދާއިރާއަށް ބީޖޭޕީގެ ކެނޑިޑޭޓް އަރުޖުން ސިންގް ހަލީޝާހަރުގައި ބޭއްވި ކެމްޕެއިންގެ ތެރެއިން | ފޮޓޯ ކްރެޑިޓް: އޭއެންއައި

އިންޑިއާ

ލޮކް ސަބާ އިންތިހާބު: 4 ވަނަ ބުރުގެ އިންތިހާބުގައި ވާދަ ކުރާ 1710 ކެންޑިޑޭޓުންގެ ތެރެއިން 360 މީހުންނަކީ ޖިނާއީ ދައުވާ އުފުލާފައިވާ މީހުން

14 މޭ 2024

ކުރިއަށް އޮތް ލޯކް ސަބާ އިންތިހާބުގެ ހަތަރު ވަނަ ފިޔަވަހީގައި ވާދަކުރާ 1،710 ކެންޑިޑޭޓުންގެ ތެރެއިން ގާތްގަނޑަކަށް 360 ކެނޑިޑޭޓުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައިވާ ކަމަށް އެސޯސިއޭޝަން ފޯ ޑިމޮކްރެޓިކް ރިފޯމްސް (އޭޑީއާރު) އާއި ނޭޝަނަލް އިލެކްޝަން ވޮޗްގެ ރިޕޯޓަކުން ދައްކައިފި އެވެ. މިއީ އިއްޔެ ބޭއްވި އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ގާތްގަނޑަކަށް %21 އެވެ. މީގެ އިތުރުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން %16 ކެންޑިޑޭޓުންގެ މައްޗަށް ޖިނާއީ ބޮޑެތި ދައުވާތަކެއް އުފުލާފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ގިނަވެގެން ފަސް އަހަރު ނުވަތަ އެއަށް ވުރެ ބޮޑު އަދަބެއް ލިބޭ ކުށްތައް ހިމެނެ އެވެ. އޭގެ ތެރޭގައި ޖާމިނު ނުކުރެވޭ ކުށްތަކާއި އިންތިހާބީ ކުށްތައް (ރިޝްވަތު ދިނުން ފަދަ ކުށްތަކާއި) މާރާމާރީ ހިންގުމާއި މީހުން މެރުމާއި ކިޑްނެޕް ކުރުމާއި ރޭޕް ކުރުމާއި ކޮރަޕްޝަނާއި އަންހެނުންނަށް ކުރާ ކުށްތައް ހިމެނެ އެވެ.

އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ސުޕްރީމް ކޯޓުގެ އެންގުމާ އެއްގޮތަށް ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް "ޖިނާއީ މައްސަލަތައް ނުނިމި ހުރި ކެންޑިޑޭޓުންގެ ތަފްސީލީ މައުލޫމާތާއި ކުށުގެ ބާވަތާއި ދައުވާ އުފުލާފައިވޭތޯ އާއި ކަމާ ބެހޭ ކޯޓާއި މައްސަލަ ނަންބަރު ފަދަ ކަމާ ގުޅޭ ތަފްސީލްތައް" އަޕްލޯޑް ކުރަން ޖެހޭނެ ކަމަށެވެ.

ޓެލެންގާނާގައި 17 ގޮނޑިއަށް 525 ކެންޑިޑޭޓުން ވާދަކުރާ އިރު، އަންދްރަ ޕްރަދޭޝްއިން 25 ގޮނޑިއަށް 454 ކެންޑިޑޭޓުން އަދި މަހާރާޝްތުރާ އިން 11 ގޮނޑިއަށް 298 ކެންޑިޑޭޓުން ވާދަކުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ޖައްމޫ އެންޑް ކަޝްމީރުގެ އެއް ގޮނޑިއަށް 24 ކެނޑިޑޭޓުން ވާދަކުރެ އެވެ.

ހަތަރު ވަނަ ފިޔަވަހީގައި ޖުމްލަ 1،717 ކެންޑިޑޭޓުން އިންތިހާބުގައި ވާދަކުރާ އިރު، ހަތް ކެނޑިޑޭޓެއްގެ ލިޔުންތައް ރަނގަޅަށް ސްކޭން ކޮށްފައި ނުވާތީ އެ ކެންޑިޑޭޓުން އެނަލައިޒް ނުކުރެވުނު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް