އިޒްރޭލް ބަޔަކު ހަމަލާ ދިން އެހީގެ ގާފިލާއިން ވެރިފައިވާ ސާމާނުތައް މަސައްކަތު މީހަކު ސާފު ކުރަނީ.

ގާޒާ ހަނގުރާމަ

ގާޒާ އެހީގެ ގާފިލާއަށް ދިން ހަމަލާ ޖަރުމަނު ސަފީރު ކުށްވެރިކޮށްފި

ގާޒާއަށް އެއްވެސް އެހީ ވައްދަން ބޭނުން ނުވާ އެކްޓިވިސްޓުންތަކެއް އިޒްރޭލުގައި އަންނަނީ ހަރަކާތްތެރި ވަމުން

ކަނާތު ފިޔައިގެ އިޒްރޭލް އެކްޓިވިސްޓުންތަކެއް ގާޒާއަށް ފޮނުވަން ތައްޔާރުވެފައި ހުރި އެހީގެ ގާފިލާއަކަށް ދިން ހަމަލާތައް އިޒްްރޭލަށް ކަނޑައަޅާފައި ހުންނަވާ ޖަރުމަނުގެ ސަފީރު ސްޓެފަން ސެއިބާޓް ކުށްވެރި ކުރައްވައިފި އެވެ.

"އެހީގެ ލޮރީތައް ރެއިޑުކޮށް އެއަށް ބޭނުން ޖެހިފައި ހުރި ފަރާތްތަކާ ހަމައަށް ނުފޯރާ ގޮތް ހެދުމަކީ ލަދުވެތި ކަމެއް. މިހެން ހެދުމުން ރަހީނުން މިނިވަން ކުރުމަށް ފަސޭހަވެގެނެއް ނުދާނެ އަދި ހަމާސްގެ ބިރުން ގައުމު ރައްކާތެރިއެއް ވެސް ނުކުރެވޭނެ،" ސޯޝަލް މީޑިއާ އެކްސްގައި އޭނާ ލިޔުއްވާފައިވެ އެވެ.

ގާޒާއަށް ވައްދަމުން އަންނަ ހުރިހާ އިންސާނީ އެހީއެއް ހުއްޓުވަން މަަސައްކަތް ކުރަމުން އަންނަ އިޒްރޭލުގެ ކަނާތު ފިޔައިގެ އެކްޓިވިސްޓް ގްރޫޕު 'ޓްޒާވް 9' އިން ވަނީ އިޒްރޭލުން ހިފާފައި އޮންނަ ހުޅަނގު އައްސޭރިގެ ހެބްރޮން ކައިރީގައި އޮންނަ ތަރްގުމިއްޔާ ޗެކްޕޮއިންޓް އިން އެހީގެ ގާފިލާއެއް އިއްޔެ ހުއްޓުވާފަ އެވެ.

މި ގްރޫޕުގެ އަމަލުތައް ކުށްވެރިކޮށް އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސަލިވަން ވިދާޅުވީ މިއީ "އެއް ގޮތަކަށް ވެސް ބަލަައިގަނެވޭނެ އަމަލުތަކެއް" ނޫން ކަމަށެވެ.

މި ހަމަލާގައި އެކްޓިވިސްޓުން ވަނީ ދެ ލޮރީއަކަށް ހަމަލާ ދީ އެ އުޅަނދުތަކުގައި ހުރި ކާބޯތަކެތި މަގުމައްޗަށް އުކާ އެ ތަކެއްޗަށް ފައިން އަރާ ހަދާފަ އެވެ.

ގާޒާއަށް އެހީ ވައްދަން ބޭނުން ނުވާ އެހެން ގްރޫޕެއް ކަމުގައިވާ 'ދަ ރެޖަވިމް' އިން ބުނީ "ފަލަސްތީން ސަރުކާރަށް ކާން އަރުވާ ރިހި ތަށިކޮޅަށް އަހަރުމެން ނުވާނަން" ކަމަށެވެ.

އަދި މަރުވެފައިވާ އިޒްރޭލު ސިފައިންނާއި އާންމުންގެ ހަނދާންތައް އާ ކުރަމުން އަންނަ ދުވަހެއްގައި ހެބްރޮންގައިވާ ފަލަސްތީނު ސަރުކާރުން ގާޒާގައި ތިބި ހަމާސްގެ ޓެރަރިސްޓުންނަށް ސަޕްލައި ފޯރުކޮށްދިނުމަށް އިޒްރޭލު ސަރުކާރުން މަގެއް ހަމަޖެއްސުމަކީ ހިތާއި ސިކުނޑިއަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ގްރޫޕުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ތަހްގީގެއް ފައްޓާ ބައެއް އެކްޓިވިސްޓުން ހައްޔަރުކޮށްފައިވާ ކަމަށް އިޒްރޭލް ފުލުހުން ވަނީ ބުނެފަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން ވަނީ މި މައްސަލަ އިޒްރޭލު ސަރުކާރުގައި އުފުލާފަ އެވެ. އެ އިދާރާއިްނ ވަނީ މީގެ ކުރިން ވެސް އިޒްރޭލުން އެހީގެ ގާފިލާތަކަށް ދީފައިވާ ހަމަލާތައް ކުށްވެރިކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް