ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ އަލްޖަޒީރާގެ މައި އޮފީސް

އިޒްރޭލް

އިޒްރޭލުގައި އަލް ޖަޒީރާ ހިންގުން މަނާކޮށް އޮފީހަށް ފުލުހުން ވަދެއްޖެ

އަލް ޖަޒީރާ ބަންދު ކުރާނެ ކަމުގެ އިންޒާރު މިދިޔަ މަހު ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ދެއްވާފައި

އިޒްރޭލުގައި ހިންގަމުން އަންނަ އަލްޖަޒީރާ އޮޕަރޭޝަންތައް ހުއްޓާލަން އިޒްރޭލް ސަރުކާރުން ނިންމައި، އެތަނުގެ އޮފީހަށް އިއްޔެ ފުލުހުން ވަދެގެންފި އެވެ.

އެކަމަކު އިޒްރޭލް ސަރުކާރުގެ އެ ފިޔަވަޅު ކުށްވެރިކޮށް، މިއީ ބައިނަލްއަގްވާމީ އަދި އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ހިލާފުވުން އަލްޖަޒީރާއިން ބުނެ އެވެ.

"އިންސާނީ ހައްގުތަކާއި މައުލޫމާތު ހޯދުމުގެ އަސާސީ ހައްގަށް އުނިކަން ލިބޭ މި ޖިނާއީ އަމަލު އަލްޖަޒީރާ މީޑިއާ ނެޓްވޯކުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި އަލް ޖަޒީރާއިން ދެމި އޮންނާނެކަން ދުނިޔޭގެ ބެލުންތެރިންނަށް ކަށަވަރު ކޮށްދެން،" އެ ނެޓްވޯކުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"އިޒްރޭލުން މިނިވަން ނޫސްވެރިކަމަށް އަޅާ ހުރަސްތައް ފެނިގެން ދަނީ ގާޒާގައި ހިންގަމުން އަންނަ ބައިނަލްއަގްވާމީ އަދި އިންސާނީ ގާނޫނާ ހިލާފު އަމަލުތައް ސިއްރު ކުރުމަށް ކުރާ މަސައްކަތްތަކުގެ ބައެއްގެ ގޮތުގައި."

އެ ނެޓްވޯކުން ބުނީ އިޒްރޭލުން ސީދާ ނޫސްވެރިންނަށް އަމާޒުކޮށް އެ މީހުން މަރާ، ހައްޔަރުކޮށް، ބިރުދައްކާ އަދި އިންޒާރު ދިނުން ފަދަ ކަންކަމުން އަލްޖަޒީރާގެ އަޒުމަށް ގުޑުމެއް ނާންނާނެ ކަމަށެވެ.

"ގާޒާ ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ފަލަސްތީނުގެ 140 އަށް ވުރެ ގިނަ ނޫސްވެރިން ވަނީ ޝަހީދުކޮށްލާފައި،" އަލްޖަޒީރާގެ ބަޔާނުގައި ބުންޏެވެ.

"ޕްރޮފެޝަނަލް މީޑިއާގެ މިންގަނޑުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ އިޒްރޭލުގެ ކަމާ ބެހޭ ފަރާތްތަކުން އުފުލާފައިވާ ތުހުމަތުތައް މި ނެޓްވޯކުން ދޮގުކުރަން. އަދި މި މީޑިއާގެ ކޯޑް އޮފް އެތިކްސްގައި ބަޔާންކޮށްފައިވާ އަސާސްތަކާ ހިލާފު ނުވާނެ ކަމުގެ ޔަގީންކަން އަރުވަން." 

އަލްޖަޒީރާގެ ބަޔާން ނެރެފައި މިވަނީ އެ މީޑިއާއިން އިޒްރޭލުގައި ހިންގަމުން އަންނަ އޮޕަރޭޝަންތައް އެއްކޮށް ބަންދުކުރަން އިޒްރޭލު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ  ކެބިނެޓުގެ ހުރިހާ މެމްބަރުން ވޯޓު ދިނުމާ އެކު އެވެ. 

ގާޒާ ހަނގުރާމައާ ގުޅިގެން ގައުމީ ސަލާމަތަށް ބިރެއް ކުރިމަތި ކުރުވާ ބޭރުގެ މީޑިއާތައް ބަންދު ކުރުމަށް އިޒްރޭލު ސަރުކާރަށް ބާރު ލިބިދޭ ބިލެއް މީގެ ހަފްތާތަކެއް ކުރިން އިޒްރޭލުގެ ޕާލިމަންޓުން ފާސްކުރި އެވެ.

އަލްޖަޒީރާ ބަންދުކުރުމަށް ނިންމިކަން ނަތަންޔާހޫ އިއުލާނު ކުރެއްވީ ސޯޝަލް މީޑިއާ އެކްސްގަ އެވެ.

"އަޅުގަނޑު އިސްވެ ހިންގާ ސަރުކާރުން އިއްތިފާގުން ނިންމީ: އިޒްރޭލުގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރާ އަލްޖަޒީރާ ޗެނަލް ބަންދުކުރުމަށް،" ނަތަންޔާހޫ ލިޔުއްވި އެވެ.

އަލްޖަޒީރާ ބަންދުކުރުމަށް އިޒްރޭލް ސަރުކާރުން އިއުލާންކުރުމާ އެކު އެ ގައުމުގެ ފުލުހުން ވަނީ އަލްޖަޒީރާ ހިންގަމުން އައި އޮފީހަށް ވަދެގަނެ ބްރޯޑްކާސްޓު ކުރުން ވަގުތުން ހުއްޓުވައިފަ އެވެ.

އިޒްރޭލް ސަރުކާރުން އަލްޖަޒީރާ ބަންދުކޮށްފި (ވީޑިއޯ/އަލް ޖަޒީރާ)

ގާޒާގެ ހަނގުރާމައިގެ މައިދާނުން މިހާތަނަށް ހުއްޓާ ނުލާ ރިޕޯޓު ކުރަމުން އަންނަ މަދު މީޑިއާތަކުގެ ތެރޭގައި އަލްޖަޒީރާ ހިމެނެ އެވެ.

ބޭރުގެ މީޑިއާތައް ހުއްޓުވުމުގެ ބާރު ލިބިދޭ ބިލް އިޒްރޭލު ޕާލިމަންޓުން މިދިޔަ މަހު ފާސްކުރުމާ އެކު އަލްޖަޒީރާ ހުއްޓުވާނެ ކަމަށް އޭރު ވެސް ނަތަންޔާހޫ ވިދާޅުވި އެވެ. 

"އަލްޖަޒީރާއިން އިޒްރޭލުގެ ސަލާމަތަށް ގެއްލުންދީ، 7 އޮކްޓޯބަރުގައި ހިނގި ހަމަނުޖެހުންތަކުގައި އަމަލީ ގޮތުން ބައިވެރިވެ، އިޒްރޭލު ސިފައިންނާ ދެކޮޅަށް ހިތްވަރު ދީފައިވޭ،" ނަތަންޔާހޫ ވިދާޅުވި އެވެ.

އިޒްރޭލްގައި އަލްޖަޒީރާ ބަންދުކުރީ ގާޒާ ހަނގުރާމަ ނިމެންދެން ކަމަށް، އިޒްރޭލް ސަރުކާރުން ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް