ފަންސަވީސް ވަނަ ވޯލްޑް ސްކައުޓް ޖަމްބޮރީގެ ބައިވެރިންތަކެއް ބުއާންގައި ހުންނަ ކޭމްޕިން ސައިޓަށް ވަންނަނީ.
ސްކައުޓް ޖަމްބޮރީ ފޭލުވުމުގެ ޒިންމާ ކޮރެއާ ސަރުކާރުގެ މައްޗަށް
މިދިޔަ އަހަރު އޮތް ވޯލްޑް ސްކައުޓް ޖަމްބޮރީ ފޭލުވުމު ޒިންމާ ދެކުނު ކޮރެއާގެ ސަރުކާރުން ނަގަން ޖެހޭ ކަމަށް ތަހްގީގު ކުރާ ފަރާތްތަކުން ބުނި ނަމަވެސް ކޮރެއާ ސަރުކާރުން އެކަމާ ދެކޮޅުހަދައިފި އެވެ.
ކާބޯތަކެއްޗާއި ބޭސްފަރުވާގެ މައްސަލަތަކާ ހުރެ، މި ޖަމްބޮރީއަށް ދިޔަ އެތައް ހާސް ބައިވެރިންނެއް ކޭމްޕް ސައިޓުން ނުކުތުމަށް މަޖުބޫރުވި އެވެ.
މިކަމާ ގުޅިގެން ހިންގި މިނިވަން ތަހްގީގުން ހޯދުނު ގޮތުގައި މި މައްސަލައިގައި ޒިންމާ ނަގަން ޖެހެނީ ކޮރެއަން ސްކައުޓް އެސޯސިއޭޝަން އާއި ކޮރެއާ ސަރުކާރުންނެވެ. އަދި ސްކައުޓް އެސޯސިއޭޝަނުން މި އިވެންޓު އިންތިޒާމް ކުރުމަށް ކުރަމުން ދިޔަ މަސައްކަތްތައް ސަރުކާރުން ހައިޖެކް ކުރި ކަމަށް ވެސް ތަހްގީގަށް ހޯދިފައި ވެ އެވެ.
ނަމަވެސް ކޮރެއާ ސަރުކާރުން ވަނީ މިކަން ދޮގުކޮށްފަ އެވެ.
ކޮރެއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން ކުޅެފައިވާނީ ކޮރެއަން ސްކައުޓް އެސޯސިއޭޝަނަށް އެހީތެރިވުމުގެ ރޯލެއް ކަމަށެވެ.
"މި ހަރަކާތް ނާކާމިޔާބުވުމުގެ ސީދާ ސަބަބަކީ ސަރުކާރުގެ ބައިވެރިވުން އޮތުން ކަމަށް ބުނުމަކީ އެއްވެސް ހާލެއްގައި ހަގީގަތެއް ނޫން،" އެ ބަޔާނުގައި ވެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ޔޫތު ކޭމްޕްގެ ގޮތުގައި ސިފަ ކުރެވިފައިވާ އަދި ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު ބާއްވާ މި ޖަމްބޮރީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތަކެއް ހާސް ޒުވާން ސްކައުޓުން ބައިވެރިވެ އެވެ.
މިދިޔަ އަހަރުގެ ހޫނު މޫސުމުގައި އޯގަސްޓު މަހު ދެކުނު ކޮރެއާގައި އޮތް ޖަމްބޮރީ ފެށުމާ އެކު ގިނަ މަައްސަލަތަކެއް ކުރިމަތިވާން ފެށި އެވެ. އެގޮތުން 40 ޑިގްރީ ސެލްސިއަސްގެ ގަދަ ހޫނުގައި، ބޭނުންވާ ވަރަށް ކާން ނުލިބިގެން، ބައެއް ކުދިން ވަނީ ހޭނެތިފަ އެވެ.
މިނިވަން ޕެނަލަކުން ހިންގި ތަހްގީގަށް ފަހު ނެރެފައިވާ ރިޕޯޓުގައި ސިއްހީ ބައެއް މަރުކަޒުތައް ވެސް ރަނގަޅު ފެންވަރެއްގައި ނެތް ކަމާއި ބައެއް ތަންތަނުގައި ކަރަންޓު ވެސް ނެތްކަން ފާހަގަކޮށްފައި ވެ އެވެ. މީގެ އިތުރުން މީހުން ހައިޑްރޭޓް ކުރުމަށް ބޭނުންވާ އެންމެ އަސާސީ ސޭލިން ސޮލިއުޝަން ވެސް ބޭނުންވާ ވަރަށް ނެތް ކަމަށް އެ ރިޕޯޓުގައި ވެ އެވެ.
ކޮރެއާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ މި ރިޕޯޓުގައި، މި ޖަމްބޮރީގެ އިންތިޒާމުތަކުގެ ކަންކަން ކޮރެއާ ސަރުކާރުން ބައިނަލްއަގްވާމީ އަދި ގައުމީ ސްކައުޓް ޖަމިއްޔާތަކަށް އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކޮށްފައި ވެސް ވެ އެވެ.
މީގެ އިތުރުން، މި ޖަމްބޮރީގައި ކުރިމަތިވި މައްސަލަތައް ތަހްގީގު ކުރަން އުޅުމުން ސަރުކާރުން މައުލޫމާތު ދޭން ދެކޮޅު ހެދި ކަމަށް ވެސް މި ރިޕޯޓުގައި ބުނެފައިވެ އެވެ.