ގާޒާ ސިޓީގައި 2017 ވަނަ އަހަރު އޮތް އަސްކަރީ ޝޯއެއްގައި ފަލަސްތީނުގެ ހަމާސް ހަނގުރާމަވެރިން.

ފަލަސްތީން

ފަލަސްތީނަށް ދައުލަތެއް ގާއިމްކޮށްދީފި ނަމަ ހަތިޔާރު އެޅުން ދޫކޮށްލާނަން: ހަމާސް

ފަލަސްތީނު ދައުލަތެއް ގާއިމުކުރާ ނަމަ އިޒްރޭލުން ހިފާފައި އޮތް ފަލަސްތީނުގެ އެތައް ބިންތަކެއް މިނިވަން ކުރުމަށް ހަމާސް އިން ޝަރުތު ކުރޭ

މީގެ 57 އަހަރު ކުރިން 1967ގައި އިޒްރޭލުން އަތުލައިގަތް ސަރަހައްދުތަކާ އެކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރެވިއްޖެ ނަމަ ހަތިޔާރުތައް ބަހައްޓާ އިޒްރޭލާ ދެކޮޅަށް ކުރަމުން އަންނަ ޖިހާދު ހުއްޓާލާނެކަމަށް ހަމާސްގެ ބައެއް އޮފިޝަލުން އިޝާރާތް ކުރައްވައިފި އެވެ.

މިއާ އެކު އިޒްރޭލުން ގާޒާގައި ހިންގަމުން އަންނަ ހަނގުރާމައާ ގުޅިގެން މާ ބޮޑު ގޮތްތަކެއް މިވަގުތު ލިބިފައި ނެތް ހަމާސްއިން ކޮންމެވެސް ވަރަކަށް ދޫދޭން ވިސްނަމުންދާ ކަމަށް ވަނީ ބެލެވިފަ އެވެ. ޒަމާނުއްސުރެ ހަމާސް އިން އަންނަނީ އިޒްރޭލުގެ ހަލާކަށް ގޮވާލަމުން ނެވެ.

ތުރުކީގެ އިސްތަންބުލްގައި ހުންނަ ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ބަސީމް ނައީމް ބުރާސްފަތި ދުވަހު ސީއެންއެން އަށް ވިދާޅުވީ، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްފި ނަމަ ހަތިޔާރު ބެހެއްޓުމަށް އެ ޖަމާއަތުން އެއްބަސްވާނެ ކަމަށެވެ.

"ރެފިއުޖީންނަށް އެނބުރި އައުމުގެ ފުރުސަތު ދީ، ވެރިރަށް ކަމުގައި ގުދުސް ހަމަޖެހިފައިވާ މިނިވަން ދައުލަތެއް ގާއިމުވެގެން ގޮސްފިނަމަ މުސްތަގްބަލުގައި އުފައްދާ ގައުމީ ލަޝްކަރުގެ ތެރެއަށް އަލް ގައްސާމް ވެއްދިދާނެ،" ހަމާސްގެ ހަތިޔާރު އެޅި ގޮތްޕަށް އިޝާރާތް ކުރައްވައި ނައީމް ވިދާޅުވި އެވެ.

އިޒްރޭލާ ޖެހިގެން އޮންނަ ފަލަސްތީނުގެ ދައުލަތެއް ހެދުމުގެ ވިސްނުމަށް ހަމާސް އިން ވަނީ މިހާތަނަށް ދެކޮޅު ހަދާފަ އެވެ. އޭގެ ބަދަލުގައި، އިޒްރޭލު މިހާރު އޮތް ސަރަހައްދާއި، ހިފާފައި އޮތް ހުޅަނގު އައްސޭރި އާއި، ހިފާފައި އޮތް އިރުމަތީ ގުދުސް އަދި ގާޒާ ހިމެނޭ ގޮތަށް ތާރީހުގައި ވެސް ފަލަސްތީނުގެ ބިންތަކެއް ގޮތަށް އޮތް ސަރަހައްދުތައް ފަލަސްތީނަށް ލިބެން ޖެހޭކަމަށް ހަމާސް އިން ދެކެ އެވެ.

ފަލަސްތީނުގެ ނެޝަނަލް އިނިޝިއޭޓިވްގެ ރައީސް މުސްތަފާ ބަރްގޫޓީ ވިދާޅުވީ، ހަމާސް އިން ހަތިޔާރު ބަހައްޓަން ހުށައެޅިކަން އެނގިވަޑައިގެންފައި ނުވާ ކަމަށާއި، ނަމަވެސް އެއީ ހަގީގަތެއް ކަމުގައި ވަނީ ނަމަ އެއީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

"އެކަން މުހިންމު ވަނީ ފަލަސްތީނުން އިސްތިއުމާރީ ހާލަތަކާ ދެކޮޅަށް ހަނގުރާމަ މިކުރަނީ އިސްތިއުމާރީ ހާލަތެއް އޮތުމުން. އިސްތިއުމާރީ ހާލަތެއް ނެތް ނަމަ އެމީހުން އެކަމާ ދެކޮޅަށް މަސައްކަތް ކުރާކަން ނުޖެހޭނެ." 1967 ވަނަ އަހަރު އިޒްރޭލުން ހިފި ފަލަސްތީނުގެ ބިންތަކާއި މިހާރު ވެސް އެ ސަރަހައްދުތަކުގައި ދިރިއުޅެމުން އަންނަ އެތައް މިލިއަން ފަލަސްތީނު ރައްޔިތުންނަށް އިޝާރާތްކުރައްވާ ބަރްގޫޓީ ސީއެންއެން އަށް ވިދާޅުވި އެވެ.

ޖެރޫސެލަމް އިންސްޓިޓިއުޓް ފޯ ސްޓްރެޓެޖީ އެންޑް ސެކިއުރިޓީގެ ރައީސް އެފްރައިމް އިންބާރު ވިދާޅުވީ ފަލަސްތީނުގެ ރެފިއުޖީން އެމީހުންގެ ކާބަފައިންގެ ބިންތަކަށް ނުވަތަ އެހެން ގޮތަކަށް ބުނަނީނަމަ މިހާރު އިޒްރޭލު ގާއިމު ކޮށްފައި އޮތް ބިމަށް އެނބުރި ދިއުމަށް ހުއްދަ ދިނުމަކީ ޔަހޫދީންގެ އަގުލަބިއްޔަތެއް އޮތް "އިސްރާއީލު ދައުލަތް ނައްތާލުން" ކަމަށާއި އެއީ ބަލައިގަނެވޭނެ ހުށައެޅުމެއް ނޫން ކަމަށެވެ.

އިންބާރު މި ހުށައެޅުން ސިފަކުރެއްވީ ހަމާސް އިން ހުޅަނގުގެ ގައުމުތަކުގެ މީޑިއާ ޖެއްސި ސްޓަންޓެއް ގޮތުގަ އެވެ.

"އެމީހުންނަށް ފެންނާނެ ހުޅަނގުގައި (ފަލަސްތީނަށް) ވަރަށް ބޮޑު ތާއީދެއް އޮތް ކަން... އަދި އެމީހުން މަސައްކަތް މި ކުރަނީ އެމީހުންނަކީ ރަނގަޅު މީހުންކަން ދެއްކުމަށް އަދި އިސްރާއީލަކީ ނުބައި ބަޔެއް ކަމަށް ދައްކަން، އަދި އިޒްރޭލުން މިކަމަށް ނޫނެކޭ ބުނާނެ،" އިންބާރު ވިދާޅުވި އެވެ.

އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން އިން އިޒްރޭލަށް އަންގަފާނެ "އެމީހުންނަށް ފުރުސަތެއް ދޭން" އެކަމު އިޒްރޭލުން ހުށިޔާރު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބުދަ ދުވަހު ހަމާސްގެ އިސް އޮފިޝަލް ހަލީލް އަލް-ހާޔާ އިސްތަންބުލްގެ އެސޯސިއޭޓެޑް ޕްރެސްއަށް ވިދާޅުވީ، ހުޅަނގު އައްސޭރި އާއި ގާޒާ ހިމެނޭ ގޮތަށް  ފަލަސްތީނުގެ ފުރިހަމަ މިނިވަން ދައުލަތެއް ގާއިމުކޮށް ބައިނަލްއަގުވާމީ ގަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަލަސްތީނުގެ ރެފިއުޖީންނަށް އެނބުރި އަންނަން ފުރުސަތު ދޭ ނަމަ އެކަން ބަލައިގަންނާނެ ކަމަށެެވެ.

އިސްރާއީލުން ވަނީ 1967 ވަނަ އަހަރުގެ ހަނގުރާމައިގައި ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް އަދި ގާޒާ ހިފާފަ އެވެ. މިއީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުންނާއި ބައިނަލްއަގުވާމީ މުޖުތަމައުގެ ގިނަ ގައުމުތަކަކުން ދެކޭ ގޮތުގައި ހިފާފައިވާ ސަރަހައްދުތަކެކެވެ. އަދި މި ސަރަހައްދުތަކަކީ ފަލަސްތީން ރައްޔިތުން މުސްތަގުބަލުގައި މިނިވަން ދައުލަތެއް ގާއިމުކުރަން ބޭނުންވާ ސަރަހައްދުތައް ވެސް މެއެވެ.

މިދިޔަ ހަފްތާގައި ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ތުރުކީގެ ހާރިޖީ ވަޒީރު ހަކަން ފިދާން ވިދާޅުވީ، ފަލަސްތީނުގެ ދައުލަތެއް އުފެދުމާ އެކު ހަމައެކަނި ސިޔާސީ ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަން ހަމާސް އިން ތައްޔާރަށް އޮތް ކަމަށް ވަނީ ބުނެފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް