ޕޮޕިއުލާ މޮބިލައިޒޭޝަން ފޯސަސްގެ ޗީފް އޮފް ސްޓާފް އަބޫ ފަދަކް އަލް-މުހައްމަދާވީ، ގޮއްވާލި ސަރަހައްދު ބަލައިލަނީ.

އިރާގު

އީރާނަށް ތާއީދުކުރާ އިރާގު ގްރޫޕެއްގެ މަރުކަޒު ގޮއްވާލައި އެކަކު މަރާލައިފި

މި ހަމަލާ ދިނީ އެމެރިކާ ނުވަތަ އިޒްރޭލުން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރޭ

އިރާގުގައި ހަރަކާތްތެރިވަމުންދާ ޕޮޕިއުލާ މޮބިލައިޒޭޝަން ފޯސަސް (ޕީއެމްއެފް)ގެ އަސްކަރީ މަރުކަޒުގައި ބާރުގަދަ ގޮވުމެއް ގޮވައި މަދުވެގެން އެކަކު މަރުވެ އިތުރު އަށް މީހަކަށް އަނިޔާވެއްޖެ ކަމަށް ސަލާމަތާ ބެހޭ ބައެއް ފަރާތްތަކުން ރިޕޯޓުކޮށްފި އެވެ. 

އީރާނަށް ތާއީދުކުރާ ޕީއެމްއެފް އިން ބުނި ގޮތުގައި، ހުކުރު ދުވަހު މި ހަމަލާ ދީފައި ވަނީ ވެރިރަށް ބަގްދާދުގެ ދެކުނުން 50 ކިލޯމީޓަރު ދުރުގައި އޮންނަ ބާބިލް ޕްރޮވިންސުގައި ހުންނަ ކަލްސޫ މަރުކަޒަށެވެ.

ދައުރުވަމުންދާ ވީޑިއޯ އާއި ފޮޓޯތަކުން ފެންނަ ގޮތުގައި، ބޮޑު ގޮވުމެއް ގޮވައި އެ ސަރަހައްދުގައި ހުރި ގަސްތަކާއި އެހެނިހެން ތަންތަން ވެސް ވަނީ އަނދައި ހުލިވެފަ އެވެ. އަދި އިއްޔެ ހެނދުނު ނަގާފައިވާ ފޮޓޯތަކުން މި އަސްކަރީ މަރުކަޒުގެ ތެރޭގައި ބޮޑު ވަޅުގަނޑެއް ހެދިފައިވާ މަންޒަރާއި ވެހިކަލްތަކަކަށް ގެއްލުންވެފައިވާ މަންޒަރު ވެސް ފެނެ އެވެ. 

ޕީއެމްއެފް އިން ނެރުނު ބަޔާނެއްގައި "ކަލްސޫ އަސްކަރީ މަރުކަޒަށް ބޮމުގެ ހަމަލާ ދީފައި ވަނީ އެމެރިކާގެ ހަރުކަށި ވިސްނުން" ކަމަށް ބުނެފައި ވެ އެވެ.

އިރާގުގެ އަސްކަރިއްޔާއިން އިއްޔެ ބުނި ގޮތުގައި، މި ހަމަލާ ދިނުމުގެ ކުރިން ބާބިލްގެ ވައިގެ ސަރަހައްދުގައި އެއްވެސް ޑްރޯންއެއް އަދި ފައިޓާ ޖެޓެއް ހަރަކާތްތެރިވެފައިވާކަން ފާހަގަ ކުރެވިފައެއް ނެތެވެ. މި ހަމަލާގައި ޕީއެމްއެފްގެ އެއް މެމްބަރެއް މަރުވެ އަށް މީހަކަށް އަނިޔާވި ކަމަށް އިރާގް އަސްކަރިއްޔާއިން ބުންޏެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ވަނި މި ހަމަލާގައި ބައިވެރިވިކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

މި ހާދިސާ މިހާރު ތަހްގީގު ކުރަމުން އަންނަ ކަމަށް، އެމެރިކާއަށް މިވަގުތު ވަޑައިގެން އުޅުއްވާ އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިއާ އަލް-ސުދާނީ ވަނީ ވިދާޅުވެފަ އެވެ.

އިއްޔެގެ ހަމަލާ އެރި މަރުކަޒު އިރާގުގެ ފެޑެރަލް ފުލުހުންނާއި އަސްކަރީ ބާރުތަކުން ވެސް ބޭނުން ކުރެ އެވެ.

ބަގްދާދުގައި ހުންނަ އަލް ޖަޒީރާގެ ރިޕޯޓަރު މަހްމޫދު އަބްދުލްވާހިދު ރިޕޯޓުކުރި ގޮތުގައި، ކަލްސޫ ކޭމްޕް އަކީ 2011 ވަނަ އަހަރާ ހަމައަށް އެމެރިކާ ސިފައިންގެ ބާރުގެ ދަށުގައި އޮތް ތަނެކެވެ. އަދި އެއަށް ފަހު އިރާގުގެ ދިފާއީ ބާރާ ހަވާލުކޮށްފަައިވާ އެތަނުގައި ހަތިޔާރާއި ވަޒަނާއި ޓޭންކު ރައްކާކުރާ ގުދަނެއް ވެސް ހުރެ އެވެ.  

"ހުރިހާ އިނގިއްޔެއް މިހާރު ދިއްކޮށްފައި ވަނީ އިޒްރޭލާ ދިމާލަށް، މި ހަމަލާ ދިނީ އިޒްރޭލުން ކަމަށް ތުހުމަތުކޮށް،" އަބްދުލްވާހިދު ބުންޏެވެ. ނަމަވެސް އިޒްރޭލުގެ އަސްކަރިއްޔާއިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް