އިޒްރޭލާއި އެމެރިކާގެ ޖެޓުތަކާއި އިޒްރޭލުގެ ދިފާއީ ނިޒާމުތަކުން ވަނީ އީރާން އިން ލޯންޗުކުރި ހަމަލާތަކުގެ %99 ވައްޓާލާފައި.

އެމެރިކާ

ިއީރާނަށް ދޭ ރައްދު ހަމަލާއެއްގައި ބައިވެރި ނުވާނެކަމަށް އެމެރިކާ އިޒްރޭލަށް އަންގައިފި

ީއީރާނަށް ރައްދު ހަމަލާއެއް އިޒްރޭލުން ދީފި ނަމަ ހަނގުރާމައެއް ފެއްޓިދާނެކަމުގެ ބިރު ވަނީ ބޮޑުވެފައި

އީރާނަށްދޭ ރައްދު ހަމަލާއެއްގައި އެމެރިކާއިން ބައިވެރި ނުވާނެކަން އިޒްރޭލަށް އަންގާފައިވާ ކަމަށް ވޮޝިންޓަންގެ އިސް އޮފިޝަލުންތަކެއް ވިދާޅުވެއްޖެ އެވެ.

ސީރިއާގައި ހުންނަ އީރާންގެ ކޮންސިއުލޭޓަށް އޭޕްރިލް 1ގައި އިޒްރޭލުން ދިން ކަމަށް ގަބޫލު ކުރެވޭ ހަމަލާއާ ގުޅިގެން ތެހެރާނުން ވަނީ ހޮނިހިރު ދުވަހުގެ ރޭ 300 އަށް ވުރެ ގިނަ ޑްރޯން އާއި މިސައިލު ހަމަލާތައް އިޒްރޭލާ ދިމާލަށް ފޮނުވާލައިފަ އެވެ.

އިޒްރޭލް، އެމެރިކާ އަދި ގުޅިފައިވާ އިއްތިހާދުގެ އަސްކަރީ ބާރުތަކުން ވަނީ އީރާނުން ފޮނުވާލި މި ހުރިހާ ހަމަލާތަކެއް ނާކާމިޔާބު ކޮށްލައިފަ އެވެ.

އީރާނުގެ މި ހަމަލާއާ ގުޅިގެން އިޒްރޭލުން ދޭނެ ރައްދަކާ މެދު "ފަރުވާތެރިކަމާ" އެކު ވިސްނުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ބޮޑުވަޒީރު ނަތަންޔާހޫއަށް ދެންނެވި ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

އަދި މި ހަމަލާ ބަދަލުކުރުމުގައި އިޒްރޭލަށް "އެންމެ ރަނގަޅު ގޮތް" މެދުވެރިވިކަމަށް އެމެރިކާ ސަރުކާރުން ގަބޫލުކުރާ ކަމަށް ވެސް ބައިޑަން ވިދާޅުވި ކަމަށް ރިޕޯޓަރުންނާ އިއްޔެ ވާހަކަ ދެއްކެވި އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލެއް ވިދާޅުވި އެވެ.

އެމެރިކާގެ ޖެޓުތަކާއި މަނަވަރުތަކުން ވަނީ އީރާނުން ހަމަލާތައް ފޮނުވާލުމާ އެކު ގިނަ މިސައިލުތަކާއި ޑްރޯންތަކެއް ވައްޓާލާފަ އެވެ. އަދި 80 އަށް ވުރެ ގިނަ ޑްރޯން އާއި މަދުވެގެން ހަ ބެލިސްޓިކް މިސައިލު އެމެރިކާގެ އަސްކާރި ބާރުތަކުން ވައްޓާލާފައި ވަނީ އީރާގުގެ މަތިން ނެވެ.

އީރާނުން ހަމަލާތައް ލޯންޗު ކުރިތާ މާގިނަ އިރުތަކެއް ނުވެ ބައިޑަން ވަނީ ނަތަންޔާހޫއާ ފޯނުން ވާހަކަ ދައްކަވާފަ އެވެ. މި ކޯލުގައި "ކަންކަން މަޑުޖައްސާލާ، ކަންކަމާ މެދު ފުންކޮށް ވިސްނުމަށް" މަޝްވަރާ ކުރެވިފައިވާ އިރު، މި ހަމަލާތަކުގައި އިޒްރޭލަށް "އެންމެ ރަނގަޅު ގޮތް" މެދުވެރިކަމަށް ބައިޑަން ފާހަގަކުރައްވާފައިވެ އެވެ.

ތެހެރާނުގެ ހަމަލާއަށް އިޒްރޭލުން ރައްދެއް ދިނުމާ ދެކޮޅަށް ވޮޝިންޓަނުން އިންޒާރު ދިން ކަން ހާމަކުރައްވަން އެމެރިކާގެ އޮފިޝަލު  އިއްޔެ ވަނީ ދެކޮޅު ހައްދަވާފަ އެވެ. އޭގެ ބަދަލުގައި އޭނާ ވިދާޅުވީ "އެއީ އިޒްރޭލުން ޖަހަން ޖެހޭ ހިސާބުތަކެއް" ކަމަށެވެ.

އެމެރިކާގެ ގިނަ ޓީވީ ޗެނަލްތަކަކަށް އިއްޔެ ބަސްދީގަތުން ދެއްވި ގައުމީ ސަލާމަތާ ބެހޭ ތަރުޖަމާނު ޖޯބް ކާބީ ވިދާޅުވީ ހަނގުރާމައެއްގެ ތެރެއަށް ފުންމާލަން އެމެރިކާއިން ބޭނުންނުވާކަން ވޮޝިންޓަނުން ތަކުރާރުކޮށް އިޒްރޭލަށް އަންގާފައިވާ ކަމަށެވެ. އަދި މި މެސެޖު ރަސްމީ ޗެނަލްތަކުން އީރާން އަށް އަންގާފައިވާ ކަމަށް ވެސް ވޮޝިންޓަނުން ވަނީ ބުނެފަ އެވެ.

ކާބީ އާއި އެމެރިކާގެ އޮފިޝަލް ވެސް ވިދާޅުވީ އެމެރިކާއިން އިޒްރޭލް ދިފާއު ކުރުމުގައި ދެމިތިބޭނެ ކަމަށެވެ. ނަމަވެސް އިޒްރޭލުން ދީފާނެ ރައްދެއްގައި އެއްގޮތަކަށް ވެސް ބައިވެރި ނުވާނޭކަން އެ ދެ ބޭފުޅުން ކަށަަވަރު ކޮށްދެއްވި އެވެ.

މި ވިސްނުމަށް އެމެރިކާގެ ސިޔާސީ ބައެއް ލީޑަރުން އަންނަނީ ފާޑުވިދާޅުވަމުން ނެވެ. އޯހަޔޯ ސްޓޭޓްގެ މަޖިލީސް މެމްބަރު މައިކް ޓާނާ ވިދާޅުވީ މައްސަލަ އިތުރަށް ގޯސް ނުކުރުމަށް ކާބީ ދެއްކެވި ވާހަކަތައް "ރަނގަޅު ނޫން" ކަމަށެވެ. 

"މައްސަލަ އިތުރަށް ދަނީ ގޯސް ވަމުން، އަދި ސަރުކާރުން އެބަ ޖެހޭ ޖަވާބެއް ދޭން،" އެންބީސީއަށް ޓާނާ ވިދާޅުވި އެވެ.

އަދި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދައުރުގައި ގައުމީ ސަލާމަތާ ބެހޭ އެޑްވައިޒަރުގެ މަގާމް ފުރުއްވި ޖޯން ބޮލްޓަން ވިދާޅުވީ، އިޒްރޭލުން ރައްދު ހަމަލާއެއް ދޭން ބޭނުންވެއްޖެ ނަމަ، އެ ހަމަލާއަކީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް ދޭ ހަމަލާއެއް ކަމުގައި ވަނީ ނަމަ އެކަމުގައި އެމެރިކާއިން ބައިވެރިވާން ޖެހޭނެ ކަމަށެވެ.

އީރާނުން އިޒްރޭލަށް ލޯންޗު ކުރި ހަމަލާއާ ގުޅިގެން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގޭގެ ރައީސް މައިކް ޖޯންސަން ވިދާޅުވީ، އިޒްރޭލަށް އަސްކަރީ ހަތިޔާރު ފޯރުކޮށްދިނުމަށް އެދި ސަރުކާރުން ހުށައަޅާފައިވާ ބިލް ފާސްކުރުމަށް "އަލުން މަސައްކަތް" ކުރައްވާނެ ކަމަށެވެ. 

މި ބިލު ފާސްކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތައް ފޭލުވެފައި ވަނީ މި ބިލުގައި ޓައިވާނަށާއި ޔޫކްރެއިނަށް ވެސް އަސްކަރީ އެހީ ފޯރުކޮށްދިނުމަށް ހިމަނަން ޖެހޭނެ ކަމަށް ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ގޮވާލައްވަމުން ގެންދިޔުމާ ގުޅިގެން ނެވެ.

އެމެރިކާ ސަރުކާރުގެ މެދުއިރުމަތީގެ ދިފާއީ ކަންކަމާ ބެހޭ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ މިކް މަލްރޯއި ބީބީސީއަށް ވިދާޅުވިގޮތުގައި، އިޒްރޭލަށް އަސްކަރީ އެހީ ފޯރުކޮށްދިނުމުގެ ބިލް "ލަސް ނުކޮށް" ފާސްކުރަން ޖެހެ އެވެ.

"އެމެރިކާގެ އެހީ ނެތް ނަމަ، އަހަރުމެންނަށް ސަރަހައްދީ ބޮޑު ހަނގުރާމައަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އޮތް. އެ އެހީ އަކީ އަދި ޔޫކްރެއިނާއި ޓައިވާނަށް ދޭ އެހީ އަކީ އަހަރުމެންގެ ގައުމީ ސަލާމަތާ ބެހޭ މަސްލަހަތުތަކެއް ހުރި ކަމެއް. އެއީ ސަދަގާތް ކުރުމެއް ނޫން. އެއީ އެމެރިކާގެ ގައުމީ ދިފާއީ ކަމެއް،" މަލްރޯއި ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް