އެމެރިކާގެ ރައީސް ޖޯ ބައިޑަން.

އެމެރިކާ

ފިލިޕީންސް އާއި ޖަޕާނާ އެކު އޮތް ދިފާއީ ގުޅުން ނުގުޑާނެ: ޖޯ ބައިޑަން

ޖަޕާނާއި ފިލިޕީންސްއާ އެކު އޮތް ގުޅުން ވަރުގަދަކުރަން އެމެރިކާއިން ބޭނުންވަނީ ޗައިނާގެ ބާރު ގަދަވަމުން ދާތީ

ފިލިޕީންސް އާއި ޖަޕާނާ އެކު އެމެރިކާއިން ގާއިމްކޮށްފައި އޮތް ދިފާއީ ގުޅުން ނުގުޑާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އިއްޔެ ވިދާޅުވެއްޖެ އެވެ.

ބައިޑަން މިގޮތަށް ވިދާޅުވެފައި މިވަނީ ފިލިޕީންސް އާއި ޖަޕާންގެ ލީޑަރުންނާ އެކު ވައިޓް ހައުސްގައި ބައްދަލު ކުރެއްވުމަށް ފަހު އެވެ. މިއީ މި ތިން ގައުމުގެ ލީޑަރުންގެ މެދުގައި މިފަދަ ސަމިޓެއް ބޭއްވި ފުރަތަމަ ފަހަރެވެ.

"އަހަރެމެން އެކުގައި ތިބުމުން އެންމެންނަށް އިތުރަށް ފާގަތި މުސްތަގްބަލެއް ގާއިމު ކުރުމަށް ފުރުސަތު ލިބިގެންދޭ،" ވައިޓް ހައުސްގައި ހުންނަވާ އިއްޔެ ބައިޑަން ވިދާޅުވި އެވެ. 

ޗައިނާއާ އެކު ސަރަހައްދީ އިމާ ބެހޭ ދެބަސްވުންތައް އުފެދިފައިވާ ގައުމުތަކުގެ ދިގު ލިސްޓުގައި ޖަޕާން އާއި ފިލިޕީންސް ވެސް ހިމެނެ އެވެ. އަދި ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭ ސައުތު ޗައިނާ ސީގައި ފިލިޕީންސް އާއި ޗައިނާގެ ބޯޓުތަކާ ދެމެދު އަންނަނީ ގިނަ ކުރިމަތިލުންތަކެއް ވެސް ހިނގަމުންނެވެ.

ފިލިޕީންސްގެ އިގްތިސާދީ ސަރަހަައްދު ކަމަށް ކަނޑައެޅިފައި އޮތް 'ސެކަންޑް ތޯމަސް ޝޯލް'އާ ގާތްގަނޑަކަށް ހެން މުޅި ސައުތު ޗައިނާ ސީ ކަނޑަކީ ޗައިނާގެ ސަރަހައްދެއް ކަމަށް ބެއިޖިންގް އިން ދެކެ އެވެ. ނަމަވެސް ބައިނަލްއަގްވާމީ ކޯޓަކުން ވަނީ މި ސަރަހައްދުގެ މައްޗަށް ޗައިނާއިން ކުރަމުން އަންނަ ދައުވާ 2016ގައި ގޯސް ކަމަށް ކަނޑައަޅާފަ އެވެ. 

ފިލިޕީންސް އާއި ޖަޕާންގެ އިތުރުން ދެކުނު ޗައިނާ ސީގެ މައްސަލަތަކުގައި މެލޭޝިއާ، ވިއެޓްނާމް، ޓައިވާން އަދި ބްރޫނާއީ އިން ވެސް ޗައިނާއާ ހިޔާލު ތަފާތެވެ. އެއްގަމުން ޗައިނާއާ އެކު ސަރަހައްދީ މައްސަލަތައް ޖެހިފައިވާ ގައުމުތަކުގެ ތެރޭގައި އިންޑިއާ އާއި ނޭޕާލް ހިމެނެ އެވެ.

ފިލިޕީންސް އާއި ޗައިނާއާ ދެމެދު އުފެދިފައި އޮތް ނުތަނަވަސްކަމާ ބެހޭ ގޮތުން ބައިޑަން ވިދާޅުވީ، "ދެކުނު ޗައިނާ ސީގައި ފިލިޕީންސްގެ މަތިންދާ ބޯޓަކަށް، އުޅަނދަކަށް ނުވަތަ ސިފައިންގެ މީހަކަށް އެއްވެސް ހަމަލާއެއް ދީފި ނަމަ އަހަރެމެން ހަދާފައި އޮތް ދިފާއީ އެއްބަސްވުމުގެ ބޭނުން ހިފިގެންދާނެ" ކަމަށެވެ. 

އެމެރިކާއިން އޭޝިއާ ޕެސިފިކްގެ ގައުމަކާ އެކު ހަދާފައި އޮތް އެންމެ ގިނަ ދުވަސްވީ ދިފާއީ އެއްބަސްވުމަކީ 1951ގައި ފިލިޕީންސްއާ އެކު ހެދި ދިފާއީ އެއްބަސްވުމެވެ. މި އެއްބަސްވުމުގެ ދަށުން، ކުރިމަތިވާ ހަމަލާއެއްގައި އެއް ގައުމުން އަނެއް ގައުމަށް ދިފާއީ އެހީތެރިކަން ދޭނެ އެވެ.

އެމެރިކާ، ފިލިޕީންސް އަދި ޖަޕާންގެ ލީޑަރުން ބޭއްވެވި ސަމިޓާ ގުޅޭ (ވީޑިއޯ/ވިއޯން)

އިއްޔެ އެމެރިކާ، ޖަޕާން އަދި ފިލިޕީންސްގެ ލީޑަރުން ބޭއްވެވި ސަމިޓަކީ އިރުމަތީ އޭޝިއާ ސަރަހައްދުގައި ޗައިނާއިން ދައްކަމުން އަންނަ ހަރުކަށިކަމާ ކުރިމަތިލުމަށް އެމެރިކާއިން ކުރަމުން އަންނަ ސިލްސިލާ މަސައްކަތްތަކުގެ އެންމެ ފަހުގެ ނާރެސް ކަމަށް އެމެރިކާ އޮފިޝަލަކު ވިދާޅުވި އެވެ.

ފިލިޕީންސްގައި އުމްރާނީ ތަރައްގީގެ އާ ޕްރޮޖެކްޓެއް ފަށަން ވައިޓް ހައުސް އިން އިއުލާނުކުރާނެ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާގެ ސީނިއާ އޮފިޝަލެއް ވަނީ ވިދާޅުވެފަ އެވެ. ސީއެންއެންއިން މި ހަފްތާގެ ކުރީކޮޅު ރިޕޯޓުކޮށްފައިވާ ގޮތުގައި، ޕިލިޕީންސްގެ ކްލާކް އެއާ ބޭސް އާއި ސަބިކް ނޭވަލް ބޭސްއާ ދެމެދު ރޭލާއި ޝިޕިންގް ކޮރިޑޯއެއް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓެއް ވައިޓް ހައުސް އިން އިއުލާންކުރާނެ އެވެ.

މިއީ ޗައިނާއަށް ސީދާ ސާފު މެސެޖެއް ދިނުމަށް ހިންގާ ޕްރޮޖެކްޓެއް ކަމަށް ސީއެންއެން އިން ބުނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް