ފަލަސްތީނަށް ތާއީދުކޮށް ފެބްރުއަރީ 17 ވަނަ ދުވަހު ތުރުކީގެ ޑޮކްޓަރުންނާއި މެޑިސިން ކިޔަވާ ދަރިވަރުން މުޒާހަރާ ކުރަނީ.
ތުރުކީއިން އިޒްރޭލަށް މުދާ އެކްސްޕޯޓް ކުރުން މަޑުޖައްސާލަން ނިންމައިފި
ގާޒާއަށް ވައްދާ އެހީގެ މިންވަރު އިތުރުކޮށް، ހަނގުރާމައިގެ ހަމަލާތައް ބަދަލުކުރުން ހުއްޓާލަންދެން އިޒްރޭލަށް ފޮނުވާ އެކްސްޕޯޓްތައް މަޑުޖައްސާލާނެ ކަމަށް ތުރުކީއިން ބުނެފި އެވެ.
ތުރުކީގެ މި ނިންމުން އައިސްފައި މިވަނީ، ވައިގެ މަގުން ގާޒާއަށް އެހީގެ ސާމާނު ވައްޓާލުމުގެ ހުއްދަ ތުރުކީއަށް ދިނުމަށް އިޒްރޭލުން ދެކޮޅު ހަދާފައި ވަނިކޮށެވެ.
ތުރުކީގެ ޓްރޭޑް މިނިސްޓްރީ އިން މިއަދު ބުނިގޮތުގައި ތަފާތު 54 ބާވަތެއްގެ މުދާ އިޒްރޭލަށް އެކްސްޕޯޓު ކުރުން ވަނީ ހުއްޓުމަކަށް ގެނެސްފަ އެވެ. މީގެ ތެރޭގައި ދަގަނޑު، އެކަތަ، ޖެޓް ފިއުލް، ކޮންސްޓްރަކްޝަން އިކުއިޕްމަންޓް، މެޝިން، ސިމެންތި، ހިލަ، ކެމިކަލް، ޕެސްޓިސައިޑް އަދި ގާ ހިމެނެ އެވެ.
"ބައިނަލްއަގްވާމީ މުޖުތަމައުއަށް ބީރު ކަންފަތެއް ދީ އިޒްރޭލުން ދަނީ ތަކުރާރުކޮށް ބައިނަލްއަގްވާމީ ގާނޫނުތަކާ ފާޅުގައި ހިލާފުވަމުން،" އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވެ އެވެ. "ވަގުތުން ހަމަލާތައް ހުއްޓާލާނެކަން އިއުލާނުކޮށް ގާޒާއަށް ބޭނުންވާ އިންސާނީ އެހީ ބޭނުންވާ މިންވަރަށް ހުރަސްތަކެއް ނެތި ވައްދަން އިޒްރޭލުން ނުނިންމާހާ ހިނދަކު މި ފިޔަވަޅުތައް ދަމަހައްޓާނަން."
ގާޒާގައި އިޒްރޭލުން ކުރަމުންދާ ހަނގުރާމައަށް ހަ މަސް ދުވަސް ވެފައި ވާއިރު މިހާތަނަށް 33،000 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން މަރުވެފައިވާކަމަށް ހެލްތު އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.
އެކްސްޕޯޓްތަކަށް ތުރުކީއިން އެޅި ފިޔަވަޅަށް ރައްދުދެމުން އިޒްރޭލުގެ ހާރިޖީ ވަޒީރު އިޒްރޭލް ކަޓްޒް ވިދާޅުވީ، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާން "އަނެއްކާވެސް ގާޒާގެ މީހުން މަރަމުން ދުވާ ހަމާސް އިސްކޮށް ތުރުކީ ރައްޔިތުންގެ އިގްތިސާދީ މަސްލަހަތުތައް ގުރުބާން ކުރެއްވީ" ކަމަށެވެ.
އަދި "ތުރުކީގެ އިގްތިސާދަށް ގެއްލުން ލިބޭނެ" ފިޔަވަޅުތައް އިޒްރޭލުން އަޅާނެ ކަމަށާއި މީގެ ތެރޭގައި ތުރުކީގެ ބައެއް އިމްޕޯޓު މުދާ މަނާކޮށް، ތުރުކީގައި އިންވެސްޓު ކުރުމަށް ބޭނުންވާ އެމެރިކާގެ ޖަމިއްޔާތަކަށް އެކަން ނުކުރުމަށް ގޮވާލާ، "އެމެރިކާގެ ކޮންގްރެސްގައި ތިބި އަހަރުމެންގެ ރަހުމަތްތެރިން" ލައްވާ ތުރުކީއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލާނެ ކަމަށް ވެސް ކަޓްޒް ވިދާޅުވި އެވެ.
ހަމާސް-އިޒްރޭލު ހަނގުރާމަ ފެށުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭ ތުރުކީ އާއި އިޒްރޭލުގައި ތިބި ދެ ގައުމުގެ ސަފީރުން ވަނީ އަނބުރާ ގެންގޮސްފަ އެވެ. ގާޒާ ހަނގުރާމަ ފެށުނު ފަހުން ތުރުކީގެ ރައީސް އުރުދުގާން ގެންދަަވަނީ ތަކުރާރުކޮށް އިޒްރޭލަށް ފާޑުވިދާޅުވަމުންނެވެ.